ކީރިތި ރަސޫލާ ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ، ބިދުޢައެއް ނޫން ކަމަށާއި އަދި އެއީ ޙަރާމް ކަމެއްވެސް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ، ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކިވަޑައިގެން ދުވަސް ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ނަމަވެސް މި ދުވަސް ފާހަގަ ކުރުމަކީ ބިދުއެއް ކަމަށާއި އެއީ ހަރާމް ކަމެއް ކަމަށް ބައެއް ދީނީ އިލްމްވެރިން ދަނީ ބުނަމުންނެވެ. މި ކަމާ ގުޅޭ ގޮތުން ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުގެ ރައުޔު ވަނީ ވިދާޅުވެ އެކަން މަނާ ކުރާ ފަރާތްތަަކަށް ރައްދު ދެއްވާފަ އެވެ.
" (ރަސޫލާގެ)ޢީދު މީލާދު ފާހަގަ ކުރުމަކީ، ބިދުޢައެއް ނޫނެވެ. ޙަރާމް ކަމެއްވެސް ނޫނެވެ. މަކްރޫހަ ކަމެއްވެސް ނޫނެވެ. ތެދުތެދަށް ދަންނަވަނީނަމަ، އެއީ މުސްލިމުން ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ." މައުމޫނު އާއްމު ކުރެއްވި ލިޔުމުގައިވެ އެވެ.
ރަބީޢުލްއައްވަލް މަހުގެ 12 ދުވަހަކީ ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކިވަޑައިގަތް ދުވަސް ގޮތުގައި ދެކި ޒަމާނުއްސުރެ އިސްލާމީ ޤައުމުތަކުގައި އުފާފާޅުކުރަމުން އަންނަ ދުވަހެެއް ކަމަށާއި އެކަން ނުކުރާ މިހާރުވެސް އޮތީ ވަރަށް މަދު ގައުމެއްގައި ކަމަށް މައުމޫނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައިވެސް ދައުލަތުގެ ފަރާތުން އެތައް އަހަރަކު ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރައްވާފައިވީ ނަމަވެސް ފަހަކަށް އައިސް އެ ދުވަހާ ގުޅިގެން ރަސްމީ ޖަލްސާއެއް ނުބާއްވާ ސަބަބެއް ރަސްމީ ފަރާތަކުން ވިދާޅުވެފައެއް ނެތް ކަމަށް މައުމޫނު ވިދާޅުވި އެވެ. .ނަމަވެސް ފަހަކަށް އައިސް ރާއްޖޭގައި އެ މުނާސަބަތު ރަސްމީ ގޮތުން ފާހަގަ ނުކުރަނީ، އެއީ ބިދުޢައަކަށް ވާތީ ކަމަށް ބުނެކަން މައުމޫނުގެ ބަޔާނުގައި ފާހަގަ ކުރައްވާ އެކަމަށް ރައްދު ދެއްވާފައިވެ އެވެ. މައުމޫނުގެ ރައްދުގައި މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަ ކުރުމަކީ ބިދުއަކަށް ވަނީ މާތް ނަބިއްޔާވެސް، އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންވެސް، އަދި ތާބިޢީ ބޭކަލުންވެސް އެކަން ކުރައްވާފައި ނުވާތީ ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ ދީނީ ނަޒަރަކުން ބަލާއިރު، "މާ ބުރަދަން ހުރި ވާހަކައެއް ނޫނެވެ".
މައުމޫނު ވިދާޅުވީ ކީރިތި ޤުރްއާނުގައި ނުވަތަ މާތް ރަސޫލާގެ ސުންނަތުގައި ޙަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، ޙަރާމް ކަމެއް ކަމަށާއި ޙަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ގޮތުގައި ބަލަންޖެހޭ ކަމަށެވެ. އެހެން ކަމުން މި މިންގަނޑުން ބަލާއިރު، ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ޙަރާމް ކަމެއްކަން ދޭހަކޮށްދޭ އެއްވެސް އާޔަތެއް ކީރިތި ޤުރްއާނުގައ ނެތްއިރު އަދި އެކަން ދޭހަކޮށްދޭ މާތް ނަބިއްޔާގެ ބަސްފުޅެއްވެސް ނެތްއިރު ޙަރާމް ކަމެއް ކަމުގައި ބުނާނެ
ޝަރްޢީ ދަލީލެއް ނެތް ކަމަށެވެ.
"ދީނީ ގޮތުން ބިދުޢައަކީ، ދީނުގައި ކުރިން އައިސްފައި ނުވާ ކަމެއް އަލަށް އުފެއްދުންކަން އެނގެއެވެ. މިސާލަކަށް ފަރުޟު ފަސް ނަމާދުގެ ފަރުޟު ނަމާދެއް އިތުރު ކުރުންވާނީ ބިދުޢައަކަށެވެ. އެހެންނަމަވެސް، ކުރިން ކުރެވިފައިނުވާ ކަމެއް، އެކަމުގައި އެކުލެވިގެންވާ ފައިދާއަކަށްޓަކައި، ދީނުގެ އުޞޫލުތަކާ ޚިލާފު ނުވާ ގޮތުގެމަތިން ކުރުމަކީ، ބިދުޢައެއް ނޫނެވެ. އެކަންވާނީ ހުއްދަ ކަމަކަށެވެ." މައުމޫނު ވިދާޅުވި އެވެ.
ރަސޫލާގެ ޒަމާނަށްފަހު އައި ކަމެއް ގޮތުގައި މައުމޫނު މިސާލު ޖައްސާފައިވަނީ ޤުރްއާން އެއް ފޮތަކަށް ޖަމްޢު ކުރެއްވުމެވެ. ކީރިތި ރަސޫލާ ފޮތެއްގެ ސިފައިގައި ޖަމާކުރައްވާފައިނުވަނީ އެކަން ފުރަތަމަ ކުރެއްވީ އަބޫބަކުރުގެފާނުގެ ހަލީފާގެ ޒަމާނުގައި ކަމަށާއި އޭގެ ފަހުން ތިން ވަނަ ފަހަރަށް އުޝްމާނުގެފާނުގެ ހަލީފާކަމުގައި އެކަން ކުރެއްވުމަށް ފަހު ފަހުން ކީރިތި ޤުރްއާން ފޮތެއްގެ ސިފައިގައި ލިޔެ، ޗާޕުކޮށް، ގެންގުޅެމުންދާއިރު އެއީ ބިދުޢައެއް ކަމުގައި ނުބުނެވޭނެ ކަން މައުމޫނު ވަނީ މިސާލެއްގެ ގޮތުން ފާހަގަ ކުރައްވާފަ އެވެ.
" ހަމަ މިމޭރުމުން ދަންނަވަނީނަމަ، ރީތިކޮށް މޮޅުކޮށް މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތަކުގައި އަޑުގަދަކުރާ ބަހައްޓައިގެން ބަންގި ގޮވުމާއި، ކީރިތި ޤުރްއާން ރެކޯޑް ކޮށްގެން ގެންގުޅުމާއި، ޤުރްއާން ކިޔެވުމުގެ މުބާރާތްތައް ބޭއްވުމާއި، ދީނީ ޕްރޮގްރާމްތައް
ރޭޑިޔޯއިން ނުވަތަ ޓެލެވިޜަން ޗެނަލްތަކުން ފޮނުވުމާއި، އިންޓަރނެޓްގެ ވެބްސައިޓްތަކުގައި ދީނީ މަޢުލޫމާތު ހިމެނޭ މަޒުމޫނުތައް ޝާއިޢު ކުރުމާއި، މިފަދަ ކަންކަމަކީ ކީރިތި މާތް ނަބިއްޔާގެ ޒަމާނުގައި ނުވަތަ އަޞްޙާބް ބޭކަލުންނާއި ތާބިއީ ބޭކަލުންގެ ޒަމާނުގައި ކޮށްފައިވާ އަދި ކުރެވެން ހުރި ކަންކަމަށް ނުވިޔަސް، މިއިން އެއްވެސް ކަމަކީ ބިދުޢައެކޭ ނުވަތަ ޙަރާމް ކަމެކޭ ބުނެވިދާނެތޯއެވެ؟ ނުބުނެވޭނެކަން ޔަޤީނެވެ. މިދެންނެވި ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ބިދުޢަ ކަމުގައި ބަލަން ޖެހޭނީ، ޝަރްޢީ އުޞޫލުތަކާ ޚިލާފަށް އަލަށް އުފައްދާ ކަންކަމެވެ. އެކަމަކީ، ކުރިން ކުރެވިފައި ނުވާ ކަމަކަށްވިޔަސް، އެކަމަކީ، ޝަރްޢީ ޙުކުމްތަކާ ފުށުނާރާ ގޮތެއްގައި މުޖްތަމަޢަށް މަންފާ ކުރަނިވި ކަމެއް ކަމުގައި ވާނަމަ، އެކަމަކީ ބިދުޢައަކަށް ނުވާނެއެވެ." ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވާފައިވާ މައުމޫނު ވިދާޅުވި އެވެ.
މީގެ އިތުރުން މައުމޫނު ވިދާޅުވީ ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ
ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވަނީ އެކަމަށް ބާރުއަޅާ ދަލީލުތައް، ކީރިތި ޤުރްއާނުގަޔާއި މާތް ރަސޫލާގެ
ސުންނަތުގައި އައިސްފައި ވާތީ ކަމަށް އެ ލިޔުމުގައިވެ އެވެ.
"ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި ދުވަހަކީ، ވަރަށް ބޮޑު ވަރަށް މުހިންމު ދުވަހެކެވެ. ޙަޤީޤަތުގައި އެއަށްވުރެ ބޮޑު ނުވަތަ މުހިންމު ދުވަހެއް ނާންނާނެއެވެ. އެއީ، އެކަލޭގެފާނަކީ މުޅި ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވި މާތް ސާހިބާ ކަމަށްވާތީއެވެ."