މީދޫ ކޯގަންނު ގަބުރުސްތާނުގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައި ހުރި ދޮޅިދާންގެއަށް ބަޔަކު ގެއްލުން ދީފިއެވެ.
ރޭގެ ވަގުތެއްގައި މިތަނަށް ގެއްލުން ދީފައިވާއިރު، އެ ގަބުރުސްތާނަކީ 24 ގަޑިއިރު މީހުން ޑިއުޓީގައި ތިބޭ ތަނެކެވެ.
އެގޮތުން ދޮޅިދާންގޭގެ ދޮރުފަތުގައި ކަޅުކުލައިގެ ސްޕްރޭ ޕެއިންޓުން ކުރަހާފައިވާއިރު، ފާރުގައިވެސް ވަނީ ކުރަހާފައެވެ.
މީދޫ ކޯގަންނު ގަބުރުސްތާނުގައި ދޮޅިދާންގެއެއް ބިނާކޮށްފައިވަނީ މައްޔިތާ ވަޅުލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ބެހެއްޓުމަށްޓަކައެވެ. މިތަނުގެ ނަމާމެދު ހިތްހަމަ ނުޖެހިގެން ބައެއް މީހުން މީސް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، މީދޫ އަވަށު އޮފީހުން ދެކެނީ މިއީ ޝުކުރު ހައްގު މަސައްކަތެއްގެ ގޮތުގައެވެ.
ކޯގަންނުގައި ދޮޅިދާން ގެއެއް ބިނާކޮށްފައިވަނީ މީދޫ އަވަށުގެ ރައްޔިތެއް ކަމަށްވާ ދީނާރު، ނަސީރުއެވެ. މިތަނަށް ގެއްލުން ދީފައިވާތީ އެކަން އަވަށުގެ ކުދި ބޮޑު އެންމެންނާއި ޖަމްޢިއްޔާތަކުން ވަނީ ކުށްވެރިކޮށްފައެވެ.