އާއިލާ އަށް ވެސް ވަގުތު ދޭން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ކުރިން ފިލްމީ ދާއިރާގައި ބިޒީވެގެން އުޅުނު ގޮތަށް ދެން ބިޒީވާން ބޭނުން ނުވާ ކަމަށް މަޝްހޫރު ބަތަކާ ޝީލާ ނަޖީބް ބުނެފި އެވެ.
ކާމިޔާބް ގިނަ ފިލްމުތަކެއް ވެސް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުނީ، ކުރިން އުޅުނު ގޮތަށް ފިލްމީ ދާއިރާގައި ހަރަކާތްތެރި ނުވި ނަމަވެސް، ފިލްމް ކުޅުން ހުއްޓާ ނުލާނެ ކަމަށެވެ.
އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބޮޑަަށް އިސްކަން ދޭނީ މާލޭގައި ޝޫޓް ކުރަން ޖެހޭ ފަދަ ފިލްމްތަކަށް ކަމަށް ވެސް، އެކްޓަރު މުހައްމަދު މަނިކާ އިނދެގެން ތިން ދަރިން ވެސް ލިބިފައިވާ ބަތަލާ ބުންޏެވެ.
"ޒުލޭހާ" އާއި "ޔޫސުފް" އަދި "ހެޔޮނުވާނެ" ފަދަ ކާމިޔާބް ފިލްމްތައް ކުޅެފައިވާ ޝީލާ ބުނީ ޝޫޓިންތަކަށް އަތޮޅުތެރެ އަށް ދާން މިހާރު ފަސޭހަ ނޫން ކަމަށެވެ.
އަދި މަނިކު ވެސް މިހާރު ފިލްމީ މަސައްކަތަށް ވުރެ ބޮަޑަށް، ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާތީ ފިލްމް ޝޫޓިންތަކަށް މާލޭން ބޭރަށް ދިއުމަކީ ފަަސޭހަ ކަމެއް ނޫން ކަމަށް ޝީލާ ބުންޏެވެ.
"އެކަމަކު މަނިކު އާ އެކު ދެވޭ ކަހަލަ ޕްރޮޖެކްޓެއް ލިބިއްޖެ ނަމަ ހަވާލުވާނަން. އަސްލު މަނިކާ އެކީ ދާން ބޭނުން ވަނީ،" އޭނާ ބުންޏެވެ.
ޝީލާ ބުނީ އޭނާ ފިލްމީ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ. އެހެން ނަމަވެސް ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ވީޑިއޯ ލަވައަކުން ފިލްމީ ދާއިރާ އަށް ނިކުތް ބަތަލާ ބުންޏެވެ.
ޝީލާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ޒަހަރު"، "ދޮން ކަމަނަ"، "އާނ! އަހަރެން ވެސް ލޯބިވިން"، "ކަށްވަޅަށް ދާންދެން" ފަދަ ފިލްމުތައް ހިމެނެ އެވެ.
އަދި އޭނާ ވަނީ ގިނަ އަދަދެއްގެ ވީޑިއޯ ލަވަ ވެސް ކުޅެފަ އެވެ.