ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު ނަޝިދު އައްޑު އަށް މިއަދު ފެށްޓެވި ފުރަތަމަ ދަތުރުގައި ގަން އެއާޕޯޓުން އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އެމްޑީޕީގެ އައްޑޫގެ އިސް ހަރަކާތްތެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ސަޕޯޓަރުން ނަޝީދަށް މަރުހަބާ ކިޔާފައިވެ އެވެ.
ނަޝީދު ވަނީ އެއާޕޯޓަށް ޖަމާވި ސަޕޯޓަރުންނާ ސަލާން ވެސް ކުރައްވައިފަ އެވެ.
މި މަހުގެ 18 ގައި އޮންނަ ލޯކަލް ކައުންސިލް އުންތިހާބުގައި އައްޑޫން އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށް ދެއްވުމަށް ނަޝީދު އައްޑު އަށް ތިން ދުވަހަށް ކުރައްވާ މި ދަތުރުގައި މިއަދު ހަވީރު 4:00 ގައި ހުޅުމީދު އަށް ވަޑައިގަންނަވާނެ އެވެ.
އެ ރަށުން ވެސް ހޫނު މަރުހަބާއެއް ކިޔަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި މިރޭ އެ ރަށުގައި ހާއްސަ ޖަލްސާއެއް އޮންނާނެ އެވެ.