Last Updated: November 26, 22:39
Tuesday, November 26, 2024
މީހުން

އާދިލްގެ އިސްތިއުނާފް އަޑު އެހުން ނިންމާލައިފި

ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގެ ދައުވާ އުފުލިފައިވާ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އާދިލް ދައުވާގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުންތައް އާފަނޑިޔާރުންގެ ބެންޗަކާ އެކު މިއަދު ހައި ކޯޓުން ނިންމައިފި އެވެ.

އާދިލްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ އޭނާގެ މައްޗަށް އުފުލި ކުޑަކުއްޖަކާ ބެހުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ.

މި މައްސަލާއި އެންމެ ފަހުގެ ޝަރިޢަތް ބާއްވާފައިވަނީ 2012 ސެޕްޓެމްބަރު އެވެ. އޭގެ ފަހުން މިމައްސަލާއިގެ އަޑުއެހުން ނުބޭއްވި ވަނިކޮށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސަސްޕެންޑް ކުރުމާއި ގުޅިގެން އެ ޝަރީއަތް ކުރިއަށް ނުގެންދެވިގެން ވަނީ މަޑުޖައްސާލާފައެވެ. އަދި މިއަދު އެ ޝަރީއަށް ކުރިއަށްގެންދިޔައީ އިސް ފަނޑިޔާރުގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް އައްޔަންކޮށްގެނެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިސް ފަނޑިޔާރުގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް އައްޔަންކުރި ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަލުން ފެށީ ނޫން ކަމަށާއި ކުރިން ޝަރީއަތް ގޮސްފައި އޮތް ހިސާބާ ހަމައިން ފެށީ ކަމަށެވެ.

އާދިލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ މިންވަރަށް ދައުލަތުން އާދިލާ ދެކޮޅަށް ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.

އާދިލްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އައުމުގެ އިތުރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.

އާދިލްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ ޝަރީއަތް ކުރިއަށްދާއިރު އޭނާ ވަނީ އިތުރު ދައުރެއްގައި މަރަދޫ ދާއިރާއަށް ޖުމްހުރީ ޓިކެޓްގައި ނިކުތުމަށް މަސައްކަތް ކުރަމުންނެވެ.

މަޖިލީހުގެ އެންމެ "ސައިލެންޓް" މެމްބަރެއްގެ ގޮތުގައި ހުރި އާދިލް އަކީ ގައުމީ ޕާޓީގެ ޓިކެޓްގައި އިންތިހާބް ކާމިޔާބްކޮށް ފަހުން އެމްޑީޕީ އާއި ގުޅުމަށްފަހު މިހާރު ޖޭޕީގެ މެމްބަރެކެވެ.