Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

"އައްޑޫގެ ތަރައްގީ ނެތި ރާއްޖެ ތަރައްގީ ނުވާނެ"

އައްޑޫގެ ތަރައްގީ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ރާއްޖޭގެ ތަރައްގީއެއް ވެސް އަދި ރާއްޖޭގެ ހަމަޖެހުމެއް ވެސް ނުހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 18 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި އައްޑޫން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށް ދެއްވުމަށް ރޭ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ފެއްޓެވި ކަމަށެވެ.

އޭގެ ތެރޭގައި ފެނާއި ނަރުދަމާ ގާއިމުކުރުމާއި މަގުތައް ހެދުމާއި ބަނދުރުތައް ހެދުމާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމާއި ސްކޫލްތަކުގެ މަސައްކަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު މި ސިޓީ އަށް އައިސް ބަލައިލާ އިރު ބަނދަރުތައް ހުރީ ހުއްޓިފައި. ނަރުދަމާގެ މަސައްކަތް ހުރީ ހުއްޓިފައި. މަގުތަކުގެ މަސައްކަތް ހުރީ ހުއްޓިފައި. ހެލްތު ސެންޓަރުތަކުގެ މަސައްކަތް ހުރީ ހުއްޓިފައި. މަދަރުސާގެ މަސައްކަތްތައް ހުރީ ހުއްޓިފައި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ފެންނަނީ އެމަނިކުފާނުގެ ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތް މަންޒަރު އެކަނި ނޫން ކަމަށެވެ. އަދި ހަމައެއާ އެކު މިހާރުގެ ސަރުކާރުގައި އެފަދަ އެއްވެސް ތަސައްވުރެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ތަރައްގީގެ ތަސައްވުރެއް ވެސް އޮތީކީ ނޫން. އެންމެ ފަހުން ވިދާޅުވަނީ ފޮތިގަނޑުތަކުގައި ލިއުނު ކުދިންތައް ދެއްކި ވާހަކައެކޭ އެއީ. ތިމަންނާމެން ދެއްކި ވާހަކައެއް ނޫނޭ އެއީ،" ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމުން އާންމު ކުރި ބައެއް ވައުދުތަކަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮޅުން ފިލުވާލަން ބޭނުން ވަނީ އެ ބޭފުޅުން އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ގެންގުޅުއްވަނީ ކޮން ތަސައްވުރެއްތޯ. އައްޑޫގެ ތަރައްގީ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ މި ރާއްޖޭގެ ތަރައްގީއެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ. އަދި މި ރާއްޖޭގެ ހަމަޖެހުމެއް ވެސް އަޅުގަނޑުމެންނަކަށް ނުހޯދޭނެ. ރައީސް އަބްދުﷲ ޔާމީނަށާއި ރައީސް މައުމޫނަށް އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން ބޭނުން ވަނީ ތި ބޭފުޅުން އަނެއްކާވެސް، މި ދިވެހި ރާއްޖެ ނާމާންކަމުގެ ތެރެއަށް ގެންދަވާން ތިޔަ އުޅުއްވަނީ ތިޔަ ބޭފުޅުންނަށް ކޮން ފައިދާއެއް އޭގައި އޮތީމާތޯއޭ؟"