ސ. މީދޫ ޝަމްސުއްދީން ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ފަށައިފި އެވެ.
މި މަހުގެ 7 ވަނަ ދުވަހު ޝަމްސުއްދީން ސްކޫލުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ފައްޓަވާ ދެއްވާފައި ވަނީ އައްޑޫ ސިޓީގެ ކޮމާންޑަރ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު މުޙައްމަދު ޙުސައިންނެވެ.
މި ރަސްމިއްޔާތުގައި ޙުސައިން ދެއްކެވި ވާހަކަފުޅުގައި މި ޕްރޮގްރާމަކީ ދަރިވަރުންނަށް މުޙިއްމު އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ޕްރޮގްރާމެއް ކަމަށް ވިދާޅުވި އެވެ.
އަދި މި ޕްރޮގްރާމުގެ ސަބަބުން ފުލުހުންނާއި ސްކޫލްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ކުދީންނަކީ މި ޕްރޮގްރާމު ނިމިގެންދާ އިރު ފަތަން ދަސްވެފައި ހުރި ދަރިވަރަކަށް ވާނެކަމުގެ ޔަޤީންކަށް ބައިވެރީންގެ ބެލެނިވެރިންނަށް ވަނީ ދެއްވާފަ އެވެ.
ފަނަރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޝަމްސުއްދީން ސްކޫލުގެ ގްރޭޑް 6 ގެ 14 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
މި ޕްރޮގްރާމުގައި މުދައްރިބުން ގޮތުގައި ޙަރަކާތްތެރި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮ ސެކިޔުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ސެޓްފައިޑް އިންސްޓްރަކްޓަރުންނެވެ.