އައްޑޫ ސިޓީ ކައުންސިލަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާ އިރު، އައްޑޫގެ ތަރައްގީ ކުރުމުގެ ފުރިހަމަ ތަސައްވުރެއް އެބަ އޮތް ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 18 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި އައްޑު ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވީ، އޭނާގެ ދާއިރާގެ ރައްޔިތުން، ވޯޓް ދެއްވައި ކައުންސިލަށް ހޮވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެތް ނެތް ކަމަށެވެ.
އަދި އެ ފުރުސަތު ލިބިއްޖެ ނަމަ އައްޑޫގައި ކުނި މެނޭޖް ކުރާނެ ނިޒާމަކާއި ކުށް މަދު ކުރަން ފުލުހުންނާ ގުޅިގެން ނޭބަހުޑް ވޮޗް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދިނުމުގެ އިތުރަށް ގެސްޓް ހައުސް ވިޔަފާރި އައްޑޫގައި ކުރި އަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މޭޔަރު މި ގޮތަށް ވިދާޅުވި އިރު، ފާހަގަކޮށްލެވޭ ކަމަކީ، ކައުންސިލުގެ މި ނިމޭ ދައުރަކީ ވެސް ހަމަ މިފަދަ ވައުދުތަކަކާ އެކު ކައުންސިލަށް އިންތިހާބުވި ދެ ދައުރެއް ކަމަަށެވެ.
އެކަމަކު މިހާތަނަށް އައި އިރު މިފަދަ އެއްވެސް ކަމެއް ހާސިލްވެފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
މޭޔަރު ވިދާޅުވީ ކައުންސިލް ފާއިތުވި ތިން އަހަރު، މަސައްކަތް ކުރީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ އެކު ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ނުދޭ ކަމަށް ވިދާޅުވާ ވިދާޅުވުން ސޯބެ ތަކުރާރު ކުރެއްވި އެވެ.
އެހެން ނަމަވެސް އެ ގޮންޖެހުންތަކާ އެކު ވެސް، ކާމިޔާބް މަސައްކަތްތަކެއް، ހަރަދުތަކެއްކޮށްގެން ކުރެވިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ސޯބެ ދެވަނަ ދައުރަކަށް އައްޑު ސިޓީ ކައުންސިލަށް ވާދަ ކުރައްވަނީ ހިތަދޫ އުތުރު ދާއިރާއިންނެވެ. އެ ދާއިރާ އަށް ސޯބެ ނޫން އިތުރު މީހަކު ކުރިމަތި ނުލާތީ ޓިކެޓް ވެސް ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ.