Last Updated: November 15, 10:56
Friday, November 15, 2024
ޚަބަރު

ހުޅުދޫ-މީދޫ ފަޔަރ ސްޓޭޝަނަށް އޮގްޒިލަރީ ފަޔަރމަނުން ހޯދަނީ

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ ދީދީ ހުޅުދޫ-މީދޫ ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވަނީ: ފޮޓޯ - ޕީއެސްއެމް ނިއުސް

އެމް.އެން.ޑީ.އެފްގެ އައްޑޫސިޓީ ހުޅުދޫ-މީދޫ ފަޔަރ ސްޓޭޝަނަށް ކޮންޓްރެކްޓް އުސޫލުން އޮގްޒިލަރީ ފަޔަރމަނުން ބޭނުންވެގެން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސުން މި މަޤާމަށް ކޮންޓްރެކްޓް އުސޫލުގެ ދަށުން 5 މީހުން ނަގަން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މަޤާމަށް ޝަރުތު ހަމަވާ މީހުން 2021 ނޮވެންބަރު 14 ވާ އާދީއްތަ ދުވަހު 14.00ގެ ކުރިން އެ މިނިސްޓްރީއަށް ސިޓީ ފޮނުއްވަންވެސް ވަނީ އެދިފައެވެ.

މި މަގާމަށް ބޭނުންވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ، ޖީސީއީ އޯލެވެލް ފެންވަރު ހުރުމާއި، އިސްކޮޅު 5 ފޫޓް 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުމާއި، އަދި ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހެއްކަމުގައިވުމެވެ. ހަމައެހެންމެ، އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުންވެސް ޝަރުތުތަކުގައި ހިމެނެއެވެ. މީގެ އިތުރުން މި ވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގައި ރަށްވެހިންނަށާއި، މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދޭކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ޙާދިސާތަކުގައްޔާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ޙާދިސާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރާއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލާ ގެންގުޅުމުގެ އިތުރުން އެތަކެތި ނައްތާލަންޖެހުންވެސް ހިމެނެއެވެ.

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރާއެކު careers@defence.gov.mv އަށް ސިޓީ ފޮނުވަންޖެހެއެވެ.

ގެޒެޓު ކުރެވިފައިވާ އިޢުލާނުގެ ލިންކު މި ޖުމުލައަށް ފިއްތައިލުމުން ލިބިލައްވާނެއެވެ.