އިސްލާމިކް ކައުންސެލިންގެ އަމާޒަކީ ދީނީ އަޤީދާ އޮޅުން ފިލުވައިދީ، ރޫޙާނީ ހިތްވަރު ލިއްބައިދީ، ތެދުމަގު ޚިޔާރުކޮށްގެން ކުރިއަށް ދިއުމަށް އެހީތެރިވެ ދިނުމެވެ.
އިންސާނާ އުފައްދަވައި އެ އިންސާނާ އުޅެންވީގޮތް ބަޔާންކުރައްވައި ބާވާލެއްވި ޙައްޤު ދީނަކީ އިސްލާމް ދީނެވެ. އެހެންކަމުން އެ ދީނުގަ އިވަނީ އިންސާނާ އަށް އެންމެ ރަނގަޅުގޮތް ބަޔާންކުރައްވައި އިންސާނާގެ ބުއްދިއާއި ޖިސްމާއި ނަފްސަށް ގެއްލުން ލިބެނިވި ކަންތައްތައް މަނާ ކުރައްވާފަ އެވެ.
އިސްލާމީ ކައުންސެލިންއަކީ ރޫޙާނިއްޔަތު ތަރައްޤީކޮށް އުޅުމާއި އަޚްލާޤު ބައްޓަން ކުރުމަށް މަގު ދައްކައިދީ ދީނީ އިރުޝާދާއި އެހީ ހިމެނޭ ކައުންސެލިންނެވެ.
އިސްލާމީ ކައުންސެލިންގައި، މަޤްޞަދަށް ވާސިލުވެވެނީ ކައުންސެލީ ނުވަތަ ކްލައިންޓް އޭނާ އަމިއްލަ އަށް ފުރިހަމަ ޒިންމާ ނަގައިގެންނެވެ. އިޚްތިޔާރާއި، ޒަތުބާތުތަކަށް ބާރުފޯރުވަމުން ކުރިއަށްދާންވީ ގޮތާއި ޢަމަލުތައް ބައްޓަން ކުރަންވީ ގޮތާއި ލިބި ހުރި ފުރުސަތުތަކުގެ ބޭނުން ހިފަންވީގޮތް ނިންމާނީ އޭނާއެވެ.
އިސްލާމީ ކައުންސެލިން އެހީތެރިވެދެނީ މާތްﷲ ދެއްކެވި ހެޔޮމަގާއި ކީރިތި ނަބިއްޔާގެ މަތިވެރި އިރުޝާދުތަކުގެ އަލީގައި ނުވަތަ އިސްލާމީ އިމުގެތެރޭގައި އޭނާގެ ހަޔާތުގެ ރާސްތާ ވަކި ލަނޑުދަނޑިތަކެއް ހާސިލުކޮށްގެން ކާމިޔާބު ކުރުމަށެވެ. ކީރިތި ޤުރުއާނުގެ އައްޝަމްސު ސޫރަތުގެ އަށްވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގައިވެ އެވެ. "އަދި، އެ ނަފްސަށް (ގެއްލުންހުރި) ނުބައި ގޮތާއި (ފައިދާހުރި) ހެޔޮ ގޮތް އެނގުމުގެ ވިސްނުން ދެއްވި އެވެ." (އައްޝަމްސު-8)
ކޮންމެ އިންސާނެއްގެ ކިބައިގައި ވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ޖަޒުބާތުތަކެއްވަނީ ލައްވާފަ އެވެ. އިންސާނާގެ ޙަޔާތުގައި ދިމާވާ ކަންތައްތަކުގެ އަސަރު އޭނާގެ ޖަޒުބާތުތަކާ ވަނީ ގުޅިފަ އެވެ.
އިންސާނާގެ ޢުމުރުގެ ތަފާތު މަރުހަލާތަކުގައި ދިމާވާ ތަފާތު އެކިއެކި ކަންތައްތަކާއި ސަބަބުތަކުން ހިތްހަމަނުޖެހޭ ހާލަތަށް އޭނާ ދަތުރު ކުރެ އެވެ.
ހިތްދަތިކަމާއި ނުތަނަވަސްކަމުން އިންސާނާގެ ޢަމަލުތަކަށް ނުފޫޒު ފޯރުވައެވެ. އެފަދަ ހާލަތުގައި ދިރިއުޅުމުގެ މިސްރާބު އަމިއްލަ އަށް ރަނގަޅު ދިމާލަކަށް ބަދަލުކޮށްލެވިދާނެކަން އިޙްސާސްކޮށްދީ ނޭދެވޭ އިޙްސާސްތަކާއި ޖަޒްބާތުތައް ބަދަލުކުރުމަށް އިސްލާމީ މަތިވެރި އިރުޝާދުތަކާއެކު އެހީތެރިވެދިނުމަކީ އިސްލާމިކް ކައުންސެލިން އެވެ.
ކައުންސެލިން ދިނުމަކީ އެހީ ހޯދަން އަންނަ މީހާ (ކްލައިންޓް) އޭނާގެ އަމިއްލަ އިޚްތިޔާރުން، އެހީދޭ މީހާ (ކައުންސެލަރ) އާއި ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ސާފު ޢިބާރާތުން ވާހަކަ ދައްކާނެ ފުރުސަތުދީ، އެ ދެކެވޭ ވާހަކަތައް އަޑު އަހައި، ކަނޑައެޅޭ މިންގަނޑެއްގައި ގެންގުޅެވޭ ގުޅުމަކަށް ކިޔޭ ނަމެކެވެ.
ކައުންސެލިން ހޯދަމުންދާ އިރު ކްލައިންޓް އޭނާގެ ނަފްސު ތަރައްޤީ ކުރާނެ މަގު ހޯދާނީ އަމިއްލަ ވިސްނުމުންނެވެ. ކައުންސެލިންގައި ކްލައިންޓްގެ ޚިޔާލުތަކާއި، އިޙްސާސްތަކާއި ޢަމަލުތައް އިޞްލާޙު ކުރާނެ ގޮތްތަކާމެދު އަމިއްލަ ބުއްދިން ވިސްނައި ނަފްސު ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދެވެ އެވެ. (ރަސެލް- 1998)
ކައުންސެލިން ދިނުމުގެ މަޤްޞަދަކީ ޚިޔާލާއި އިޙްސާސުން ޢަމަލަށް އެދެވޭ ބަދަލުތަކެއް ގެނައުމެވެ. މައްސަލައެއް ޙަޤީޤަތުގައި ވެސް ވާކަން ގަބޫލުކުރުމާއެކު އެހެން މީހެއްގެ އެހީއާއި މައްސަލަ ހައްލުކުރުމުގައި ދައުރެއް އަދާކޮށްފާނެކަން ގަބޫލު ކުރެވި، ކައުންސެލިންގެ ލަނޑުދަނޑިތައް ހާސިލުކުރަން އަމިއްލައަށް މަސައްކަތްކުރަން ފެށުމެވެ.
ދިމާވެފައިވާ މައްސަލައާއި، ގެންގުޅެވޭ ޚިޔާލުތަކާއި، ކުރެވޭ އިޙްސާސާ ގުޅުމެއް ވާކަމަށް ވިސްނާ، ނޭދެވޭ ޚިޔާލުތަކާއި، އިޙްސާސްތައް ބަދަލުކުރަން މަސައްކަތް ކުރުމެވެ.
ތިމާގެ ކިބައިގައިވާ ޤާބިލު ސިފަތަކަކީ ކޮބައިކަން ގަބޫލުކޮށް، އެ ޤާބިލު ސިފަތަކުގެ އެހީގައި، އަމިއްލަ ނަފްސު، އަމިއްލަ ޙަޔާތް ކާމިޔާބުކުރުމަށް މަސައްކަތްކުރަން ފެށުމެވެ. ނަފްސު އިސްލާޙުކުރުމަށް ބޭނުންވާ ދާއިރާތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ އިސްލާޙުތަކެއް ގެނައުމަށް މަސައްކަތް ކުރަން ފެށުމެވެ. އޮޅުން އަރާފައިވާ އިޙްސާސްތައް، ބިނާ ކުރަނިވި އެއްޗަކަށް ހަދަން ފެށުމެވެ.
ކުރިމަތިވެފައިވާ މައްސަލަ އޭގެ އެންމެ ތަފްސީލުކޮށް އެނގުމާއެކު، މައްސަލަ ޙައްލުކުރާނެ ގޮތްތައް އަމިއްލަ ނަފްސަށް ވިސްނައި، މި ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ރާވައި، މި އިސްލާޙުތައް އަމިއްލަ ޙަޔާތަށް ގެންނަން ފެށުމެވެ. ބިނާ ކުރަނިވި ކަންތައްތަކެއް، އެ މީހެއްގެ ޢަމަލުން ފެންނަން ފެށުން ވެސްމެވެ.
ކައުންސެލިންގެ ތެރެއިން އިސްލާމިކް ކައުންސެލިން މޮޑެލް އާއި އެހެން މޮޑެލްތަކާހުރި އެންމެބޮޑު ތަފާތަކީ އިސްލާމިކް ކައުންސެލިންގައި މީހާގެ ޢަމަލުތައް ބައްޓަންކުރުމަށް ބާރުއަޅަނީ ރޫޙާނީ އަދި މޯރަލް ވެލިއުސްއާއި އިންސާނީ ރިވެތި އާދަކާދަ އާއި އިޖްތިމާޢީ އަޚްލާޤާއި މިންކުރުންތަކާ އެއްގޮތަށް ކަމަށްވުމެވެ.
އިސްލާމިކް ކައުންސެލިން ބިނާވަނީ ޖިސްމާނީ، ނަފްސާނީ، ޖަޒުބާތީ، މޯރަލް އަދި ރޫޙާނިއްޔަތާއެކުގައެވެ. އިސްލާމީ ކައުންސެލިން ގުޅިފައިވަނީ އެމީހާގެ ނަފްސާ އެވެ.
އިންސާނާގެ ނަފްސު ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ އައްނަފްސުލް މުޠުމަޢިއްނަ (ހިތްހަމަޖެހުން ލިބިގެންވާ ނަފްސު) އާއި އައްނަފްސުލް ލައްވާމާ (މަލާމަތް ލިބިގެންވާ ނަފްސު) އާއި އައްނަފްސުލް އައްމާރަބިއްސޫއި (ނުބައިކަންކަމަށް އަމުރުކުރާ ނަފްސު) އެވެ.
ކައުންސެލިން ދެވޭ އިރު ދެކެވޭ ވާހަކަތަކަކީ ސިއްރު ކުރެވެން ޖެހޭ ވާހަކަތަކެކެވެ. ހަމައެހެންމެ އެއްވެސް ފަރާތަކަށް ބުރަވެގެން ނުވާނެއެވެ. ކްލައިންޓުގެ އިޙްސާސްތަކަށް އިޙްތިރާމް ކުރަން ޖެހޭނެ އެވެ.
ކައުންސެލިންގެ ތެރޭގައި ސީދާ ވަކިގޮތަކަށް ކަންކުރުމަށް އަމުރުކޮށްގެން ނުވާނެއެވެ. އަދި ކުރެވޭ މަސައްކަތަކީ ނަފްސު ތަރައްޤިކޮށް އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތަށް ވާން ޖެހޭނެ އެވެ.
މިގޮތަށް ކައުންސެލިން ކުރިއަށް ގެންދާ އިރު ކްލައިންޓުގެ ޙައްޤުތަކަށް ފުރިހަމަ އަށް އިޙްތިރާމް ކުރަން ވާނެ އެވެ. އެގޮތުން ކްލައިންޓަށް ދިމާވެފައިވާ މައްސަލަ ސާފު އިބާރަތުން ކިޔައި ދެވެން ޖެހޭނެ އެވެ.
އެހެން ނަމަވެސް ކައުންސެލިން ހޯދުމުގައި، ނަފްސާއި ޙަޔާތަށް، ކައުންސެލިން ގެ އެހީގައި ބަދަލު ކުރަން ބޭނުން ވަނީ ކޮން ކަންތައްތަކެއްކަން ނިންމާނީ ކްލައިންޓެވެ.
ކައުންސެލިން ދެވޭނެ ގޮތާއި، ކައުންސެލިން ދެވޭ ދިނުމުގައި އޭނާއާއި ބައްދަލު ކުރާނީ ކޮންކޮން ބައެއް ކަމާއި، އަދި ކައުންސެލިންގެ ތެރެއިން ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމުގެ ޙައްގު ކްލައިންޓަށް އަބަދުވެސް އޮންނަން ވާނެ އެވެ.
އަދި ކައުންސެލިންގ ސެޝަން ފެށޭ ގަޑިއާއި، ނިމޭ ގަޑިއާއި ކައުންސެލިން ކުރިއަށްދާނީ ކިތައް ސެޝަނަށްކަން ކްލައިންޓަށް އެނގުމަކީ އޭނާގެ ޙައްޤެކެވެ.
ކައުންސިލިން ދިނުމުގައި ތަފާތު ޢިލްމީ ނަޒަރިއްޔާތައް ވަނީ ތަޢާރަފު ކުރެވިފަ އެވެ. މީގެތެރެއިން އިސްލާމީ ގިނަ މުޖްތަމަޢުތަކުގައި މިއަދު އެންމެ މަޤްބޫލު ނަޒަރިއްޔާއަކީ ހިޔުމަނިސްޓިކް އެޕްރޯޗެވެ.
މި ނަޒަރިއްޔާ ބުނާގޮތުގައި ކޮންމެ އިންސާނަކު ވެސް ދުނިޔެ އަށް އަންނަނީ ފިތުރަތުގެ ސާފުކަންމަތީ، އެއްވެސް ނުބައި ކަމެއް ނެތި އެވެ.
ކޮންމެ މީހަކީވެސް ރަނގަޅު މީހަކަށްވެ ކުރިއެރުމާއި ކާމިޔާބު ހޯދަން އެދޭނެ މީހެކެވެ. ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހާ ވެސް އެދޭނީ އޭނާގެ ނަފްސާނީ ބަލިމަޑުކަމުގެ ތެރެއިން ނުކުމެ، ރަނގަޅު ދުޅަހެޔޮ މީހަކަށް ވާންކަމަށް މި ނަޒަރިއްޔާ ބުނެ އެވެ. މި ނަޒަރިއްޔާއާ އެއްގޮތަށް ކައުންސެލިން ހޯދާ ނިމޭއިރު ކްލައިންޓް ވާންޖެހޭނީ އިހުނަށް ވުރެ ހަރުދަނާ، އުފާވެރި، ދުޅަހެޔޮ، ޤާބިލު، ހުނަރުވެރި، އުއްމީދާއި އުފާވެރިކަންމަތީ ހުރި މީހަކަށެވެ.
މިގޮތުން އެ މީހެއްގެ އަޚްލާޤީ ފެންވަރު ރަނގަޅުވެ، ނަފްސު ތަރައްޤީ ކުރުމަށް އަމިއްލަ އަށް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށް އޭނާ ވާންޖެހޭއެވެ.
އިސްލާމިކް ކައުންސެލިން ދޭއިރު ހަތް މަރުޙަލާއަކަށް ބަހާލެވިދާނެ އެވެ.
އެއީ ފެށުމާއި، ބައިވެރި ކުރުވުމާއި، ދީނީ އިރުޝާދު ފޯރުކޮށް ދިނުމާއި، ދެނެގަތުމާއި، ހޮވުމާއި ޢަމަލު ކުރުމާއި ނަތީޖާ އާ މެދު ވިސްނުމުގެ މަރުޙަލާއެވެ.
ފުރަތަމަ މަރުޙަލާއަކީ ކްލައިންޓާ ގާތް ގުޅުމެއް އުފައްދައި ދެނެގަތުމުގެ މަރުޙަލާ އެވެ. މައްސަލަ އާ ބެހޭ މަޢުލޫމާތު އެއްކޮށް، ކައުންސެލިންގައި ޙައްލުކުރުމަށް ބޭނުންވާ މައްސަލައަކީ ކޮބައިކަން ކަނޑައަޅާނީ މި މަރުޙަލާގަ އެވެ.
ދެ ވަނަ މަރުޙަލާއަކީ މައްސަލަ އާ މެދު ހުޅުވާލެވިގެން ވާހަކަދައްކައި، މައްސަލައިގެ ތަފްސީލުތަކަށް ފީނައި، މައްސަލަ ޙައްލު ކުރެވޭނެ ގޮތްތަކާމެދު ޚިޔާލުފާޅުކުރަން ފަށާ މަރުޙަލާއެވެ.
ތިން ވަނަ މަރުޙަލާއަކީ ދީނީ އިރުޝާދާއި ދީނުގެ ޢިލްމީ އެހީތެރިކަން ފޯރުކޮށްދޭ މަރުޙަލާ އެވެ. މި މަރުޙަލާގައި މައްސަލަ ހައްލު ކުރާނެ ގޮތްތަކާ މެދު ވިސްނުމަށް ފުރުސަތު ދެވޭނެ އެވެ.
ހަތަރު ވަނަ މަރުޙަލާއަކީ މައްސަލަ ހައްލުކުރަން ފެންނަގޮތްތައް ލިސްޓްކޮށް މައްސަލަ ހައްލުކުރަން ފެންނަ ގޮތްތައް ހޮވުމުގެ މަރުޙަލާ އެވެ.
ފަސް ވަނަ މަރުޙަލާއަކީ މައްސަލަ ހައްލު ކުރާނެ ގޮތްތަކުގެ ތެރެއިން ކޮންމެވެސް ގޮތެއް އިޚްތިޔާރު ކުރުމުގެ މަރުޙަލާ އެވެ.
ހަ ވަނަ މަރުޙަލާއަކީ އިޚްތިޔާރުކުރި ގޮތާ އެއްގޮތަށް އުޅުމާއި އަޚްލާޤު ބައްޓަންކޮށް ޢަމަލުކުރަންފަށާ މަރުޙަލާ އެވެ.
ހަތް ވަނަ މަރުޙަލާއަކީ ނަތީޖާއާމެދު ވިސްނައި ނަފްސަށް ހިތްވަރުދީ ހިތްހަމަޖެހުން ހޯދައިދޭ މަރުޙަލާ އެވެ.
އިސްލާމިކް ކައުންސެލިންގައި ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ސީދާވެގެންވާ ތެދުމަގު ޚިޔާރުކުރުމަށް ފުރުސަތު ލިބިގެން ދާނެ އެވެ.
ނަފްސަށް ހިތްހަމަޖެހުން ލިބި ބާއްޖަވެރި ހަޔާތެއް އާރާސްތު ކުރެވޭނެ އެވެ. ކައުންސެލިން ވަކި ފަންނެއްގެ ގޮތުގައި ދުނިޔެ އަށް ތަޢާރަފުވީ މީލާދީން 18 ވަނަ ޤަރުނުގެ ތެރޭގައި ކަމަށްވިޔަސް އިސްލާމް ދީނާއެކު ޙައްޤާއި ބާޠިލު ވަކިކޮށް ބަޔާންކޮށް ދިނުމާއެކު އިސްލާމީ ކައުންސެލިން ވަނީ ދުނިޔެއަށް ތަޢާރަފުވެފަ އެވެ.
ނަފްސު ތަރުބިއްޔަތުކޮށް ނަފްސަށް ހިތްހަމަޖެހުން ލިއްބައިދީ ނަފްސާނީ އުފާވެރިކަން ހިތްތަކަށް ފޯރުކޮށް ދިނުމުގެ ބާރު އިސްލާމީ އުސޫލުތަކުން ސާބިތުކޮ ށްދީފައިވެ އެވެ.
އިސްލާމްދީނުގެ ޙައްޤުގައި މުސްލިމުން ކުރި ހިތްވަރުގަދަ ޖިހާދުތަކުގައި އިސްލާމީ ލަޝްކަރުތަކުގެ ޒުވާނުން މުޖާހިދުންގެ ފަރާތުން ފެންނަމުން ދިޔަ ޢަޒުމުގެ ވަރުގަދަކަމާއި ހިތްވަރާއި ކެރުމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ދެމެހެއްޓި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެ ފަރާތްތަކުގެ ނަފްސުގެ ފުދުންތެރިކަން ބޮޑު ހިއްސާއެއް އަދާ ކުރި އެވެ.
އެހެންކަމުން ޣައިރު ދީންތަކުގެ ހަނގުރާމަވެރިންގެ ތެރޭގައި ދިމާވާ ނަފްސާނީ ބަލިމަޑުކަން މުސްލިމުންގެ މެދުގައި ދިމާވެފައެއް ނުވެ އެވެ.