މިނިވަންކަން ދިފާއުކުރަން އެންމެ މުހިންމުކަމަކީ ފުދުންތެރިކަން އިތުރުކުރުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާޙަގަކުރުމަށް ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖެ މިއަދު މި އޮތީ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ ހާލަތުގައި ކަމަށްވާއިރު އެކަމަށް ދިވެހިންނަކީ ފުދުންތެރިބަޔަކަށް ވާން ޖެހޭ ކަމަށެވެ.
"މިނިވަންކަން ދިފާއުކުރުމަށް މި ޒަމާނަށް އެންމެ މުހިންމު ކަމަކީ ފުދުންތެރި މީހަކަށްވުން. އެއީ އެމީހާ ފުދުންތެރި މީހަކަށް ދައުލަތުން ބަދަލުކުރުން. ތިޔާގީކަމާއި ފޯރުންތެރިކަން ނެތް ނަމަ ބޭރުގެ ނުފޫޒުތަކަށް މީހާ ލެނބިގެންދާނެ. އެހެން ކަމުން އަޅުގަނޑުމެން އެކަމަށް ހާއްސަ ނަޒަރެއްް ދޭނަން،" ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.
ދިވެހިންނަށް ދެން ބޭނުންވަނީ ހިތްފަސޭހަ ދިރިއުޅުން ކަމަށާއި އަދި އެއީ އަސާސާސީ ހައްގެއް ކަމަށް ދެކޭ ކަަމަށް ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ ޒަމާނީ ޓެކްނޮލެޖީީއަށް ޒުވާނުން އަހްލުވެރިކުރަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"ދިވެހިންގެ މުސްތަގުބަލު އަޅުގަނޑުމެން ބަލަންވާނީ ފައިގެ ބޮޑުވާ އިނގިއްޔަކުން ނޫން. އަޅުގަނޑުމެން ބަލަންވާނީ އެއަށްވުރެ މާ ދުރު އެއަށްވުރެ ބޮޑު ދުރުމިއަކުން،" ނާޒިމް ވިދާޅުވި އެވެ.
މާއްދީ އެހީތެރިކަމުގެ އިތުރުން ގައުމެއް ބިނާކުރުމުގައި އެންމެ އިސް ކަމަކީ ޒުވާނުންގެ ކުރިއެރުވުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލެއް އައިސްގެން ނޫނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުގެނެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ހަމަކާދިނީ ދިވެހިންގެ ބަޔަކާއި ގުޅިގެން ލަންކާގެ ޖަމާއަތަކަށް ވީ ނަމަވެސް އެހެން ގައުމުތަކުންވެސް އެކަމުގައި ވާގިވެރިވި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެ ދުވަހު ދިވެހި ސިފައިންކުރި މަސައްކަތައް އޭނާ ތައުރީފުކުރައްވާ ޝުކުރު އަދާކުރެއްވި އެވެ.