ހއ.ދިއްދޫން ފުރައިގެން މަހަށް ނިކުމެ އުޅުނު ބޮއްކުރައެއް ބަނޑުންޖަހާލައި އެއިން ދަތުރުކުރި ތިން މީހުންގެ ތެރެއިން ސ. ހިތަދޫ މީހަކު ގެއްލުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ ގާތްގަނޑަކަށް 22:44 ހާއިރު ލިބުމާ ގުޅިގެން ހިތަދޫ ވިންސަމް އަޙްމަދު މުޖުތަބާ، 39، ހޯދުމުގެ މަސައްތުގައި ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް އުޅަނދެއް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ އަޙްމަދު މުޖުތަބާ ގެއްލުނު އިރު ލައިގެން ހުރީ އޮރެންޖް ޓީޝާޓަކާއި ކަޅުކުލައިގެ ޝޯޓެކެވެ.
އޭނާ ހޯދުމުގެ މަސައްކަތުގައި ދިއްދޫ ރައްޔިތުންނާއި ފުލުހުން ވެސް ދަނީ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާ އެކު ހަރަކާތްތެރިވަމުންނެވެ.
ތިން މީހުންނާއެކު އިއްޔެ ހަވީރު ގާތްގަނޑަކަށް 17:00 ހާއިރު، މަހަށްނިކުމެ އުޅުނު މިބޮއްކުރާ ބަނޑުންޖަހާލާފައި ވަނީ ރޭ ގާތްގަނޑަކަށް 19:40 ހާއިރު ދިއްދޫ ހުޅަނގުފަރާތު މެދުނެރާ ދިމާލު އުރަ ފަށަށެވެ.
މި ބޮއްކުރާ ބަނޑުން ޖަހާލި އިރު، މި ބޮއްކުރައިން ދަތުރު ކުރަމުން ދިޔައީ ދެ ދިވެހިންނާއި ސްރީލަންކާގެ ރައްޔިތެކެވެ. ބަނޑުންޖަހާލި މި ބޮއްކުރައަކީ ގާތްގަނޑަކަށް 15 ފޫޓް ދިގު، ނޫކުލައިގެ ބޮއްކުރައެކެވެ.
މިހާދިސާގައި ގެއްލިގެން ހޯދަމުންދާ އަޙްމަދު މުޖުތަބާ އާއި އޭނާ ދަތުރުކުރި ބޮއްކުރަ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި ހިއްސާ ކުރަން ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.