ބޯދާ ދިވެހިންނަކީ ކަނޑު ދަތުރުފަތުރު ކުރުމުގައި ވަރަށް ވެސް ހުނަރުވެރި ބައެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ދިވެހިން ދަތުރު ކުރީ އަމިއްލަ އަށް އޮޑިފަހަރު ބަނދެގެންނެވެ.
އެންމެ ފުރަތަމަ އޮޑިފަހަރު ބަނދެފައި ވަނީ މަޑޫތައް ރޯނުން ބަނދެގެންނެވެ. އެ އަށް ފަހު އިލި ޖަހައިގެންނެވެ. މި އޮޑިފަހަރު ދުއްވީ ފަލި ޖަހައިގެންނާއި ރިޔަލުގަ އެވެ.
ބޭރު ގައުމުތަކަށް ދިވެހިން ދަތުރު ކުރީ މައިގަނޑު ދެ ބޭނުމެއްގަ އެވެ. ފުރަތަމަ ބޭނުމަކީ ވިޔާފާރި އެވެ. ދެވަނަ ބޭނުމަކީ ގައުމީ އަދި ފަރުދީ ބޭނުންތަކެވެ.
ރާއްޖޭގެ ދެކުނު މީހުން ރިޔާނެގި އޮޑިފަހަރުގައި އަހަރަކު އެއްފަރު އޮޅުދޫ ކަރަޔަށް ވިޔަފާރި ދަތުރު ކުރި އެވެ. މިފަދަ ދަތުރެއް ކުރެވެނީ ގާތްގަނޑަކަށް ފަސް މަސް ދުވަހުންނެވެ.
ސިލޯނަށް ކުރާ ދަތުރުތަކުގައި މޫސުން ރީތި ނަމަ ރަށުން ފުރައިގެން ތިންރޭ ނުވަތަ ހަތަރު ރޭ ފަހުން ކޮޅުނބުގެ ބައްތިތައް ފެނެ އެވެ. ޖެހިގެން އަންނަ ދުވަހު ކޮޅުނބުގައި ބަނދަރު ކުރާނެ އެވެ. ދިވެހި އޮޑިފަހަރުގެ ސްޕީޑަކީ ގާތްގަނޑަކަށް ގަޑިއަކު ހަތަރު މޭލެވެ.
ވެރިކަމުގެ ފަރާތުން ބޭރުގެ ގައުމުތަކާއި ސިޔާސީ ގުޅުން ގާއިމު ކުރުމަށް ކުރާ ދަތުރަކީ ރަދުންގެ ފަރާތުން ފަތްކޮޅުތަކާއި ވެދުން ހިފައިގެން ސަފީރަކާ އެކު ބޭރު ގައުމުތަކަށް ކުރެވޭ ދަތުރުތަކެވެ.
ރަށުން ފުރީއްސުރެން މާލިމީ ކުރާ މަސައްކަތަކީ ރެއާއި ދުވާލު އޮޑި ދަތުރު ކުރާ ގޮތާއި ދަތުރުކޮށްފައިވާ ގޮތް ބަލައި ދިރާސާ ކުރުމެވެ. އެގޮތުން އިރާއި ހަނދަށް އަދި ތަރިތަކަށް ބަލައިގެން ފިލާ އަޅާނެ އެވެ. މީގެ އިތުރުން ވާގަނޑަކުން ދަތުރު ބަލައި ހިސާބު ކުރާނެ އެވެ.
އޮޑީގެ ފަޅުވެރީންނާއި މާލިމީއަކާއި މުދިމަކާއި އޮޑީގައި ބައިތިއްބަނީ އޮޑީގެ ވެރި ފަރާތުންނެވެ. ދަތުރުވެރީން ގެންދާ މުދަލުގެ 1/10 ބައި ނާލުގެ ގޮތުގައި އޮޑިވެރިޔާއަށް ދޭން ޖެހޭނެ އެވެ. އައްޑޫ އޮޑި ފަހަރުގައި ދަތުރުވެރިންނަށް ކައްކައި ކާން ދިނުމުގެ ކަންތައްތައް ހަމަޖައްސަނީ އޮޑީގެ ވެރި ފަރާތުންނެވެ. ދަތުރުވެރީންގެ ބައެއް މީހުން އެމީހުންގެ އަމިއްލަ ތަކެތި ވެސް ކައިބޮއި އުޅޭނެ އެވެ.
ބޯދާ ޒަމާނުގައި ކުރާ މިފަދަ ދަތުރުތައް ކުރަނީ ދިވެހި ސަރުކާރުން ހުއްދަ ނަގައިގެނެއް ނޫނެވެ. ދަތުރަކަށް ތައްޔާރުވުމުގެ ގޮތުން ކުރާކަމަކީ ކޮއްތާއި ބޯ ފެނާއި ދަރު އޮޑިޔަށްލުމެވެ. ދަތުރުވެރީން ގެންދާ ސާާމާނުތައް އޮޑިއަށްލުމުގެ އިތުރުން ދަތުރުވެރީން އެބައި މީހުންގެ ގާތްތިމާގެ މީހުންނަށާއި ރަހުމަތްތެރިންނަށް ވަސިއްޔަތް ކުރުން އޮވެ އެވެ.
އެ ޒަމާނުގައި ރާއްޖޭގެ ރަށްރަށުގައި ބަނދަރެއް ނޯވެ އެވެ. ވުމާއެކު އޮޑިއަށް އަރަން ޖެހެނީ ބޮއްކުރާތަކާއި ދޯނިފަހަރަށް އަރައިގެން ގޮހެވެ. ދަތުރުވެރީންނާއި އެ މީހުންގެ މުދަލާއި ސާމާނުތައް އޮޑިއަށް އަރުވަން ވާނީ އެ މީހެއްގެ މުދަލުގައި ނަން ޖަހާފަ އެވެ. ހުރިހާ މުދާތަކާއި މީހުން އޮޑިއަށް އަރާ ނިމުމުގެ ކުރިން މާލިމީ އޮޑިއަކަށް ނާރާނެ އެވެ. އޭނާ އެރުމާ އެކު އޮޑި ފުރާނެ އެވެ.
އޮޑި ފުރާ ދުވަހު ގާތްތިމާގެ މީހުން އަތިރިމައްޗަށް ގޮސް ދަތުރު ވެރީންނާއި ސަލާން ކުރާނެ އެވެ. އޮޑި ފުރައިގެން ދިއުމުން އެބައި މީހުން ގެއަށް ދާނީ ހިތާމަކޮށް ކަރުނަ އަޅައި ރޮމުންނެވެ.
ބޭރު ގައުމުތަކަށް ކުރާ ވިޔަފާރި ދަތުރުތަކުގައި ގެންދާ ތަކެއްޗަކީ ހިކި ކަނޑުމަހާއި މިޔަރު އުރަހަ އާއި ރިހާކުރާއި ވެލާ މަހާއި ވެލާ ބިހާއި ބޮއްޔާއި ކަހަނބު ފަތާއި މާވަހަރެވެ.
މީގެ އިތުރުން ރޯނާއި ކާށްޓާއި ބޮނޑި އާއި ވެށުމާއި ހުއްކަރާއި އައުރުހާއި އަސާރަ އާއި ކުފުރާ އާއި ވެލި ހަކުރު ވެސް ގެންދާނެ އެވެ. މި ތަކެތި ބަންގާޅަށާއި އެފުރިކާއަށާއި ރޯމަށާއި އަރަބިކަރަ އަށާއި ޔަމަންކަރައަށް ވިއްކަ އެވެ.
ދިވެހިން ދަތުރު ކުރާ ގައުމުތަކުގެ ތެރޭގައި އޮޅުދޫކަރަ އާއިި މާލާބާރުކަރަ އާއި އިރާގުކަރަ އާއި އަސޭ ކަރައާއި ސީނުކަރަ އާއި ބަންގާޅާއި އެފުރިކާ އާއި އާއި މެލޭޝިޔާ އާއި ތުރުކީވިލާތް ހިމެނެ އެވެ. މި ދަތުރުތަކުގައި ގެންދާ ތަކެތި ވިއްކައިގެން ލިބޭ ފައިސާ އަށް ގަންނަ ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ލޯކަންވާރާއި އަތަރާއި ދިވެހި ބޭސް ހަދަން ބޭނުން ކުރާ ބާވަތްތަކާއި ކަފަ އާއި ތަށްޓާއި ރުނ އާއި ވޮށާއި ފުނޑާ ދަޔާއި ދިރިއުޅުމަށް ބޭނުން ކުރާ އެހެނިހެން ބައެއް ސާމާނު ހިމެނެ އެވެ.
ސިލޯނަށް ކުރާ ދަތުރުތަކުގައި ބަނދަރު ކުރުމާއެކު ޑޮކްޓަރުންގެ ޓީމެއް އޮޑިއަށް އަރާނެ އެވެ. މި ޓީމު އޮޑިއަށް އެރުމަށް ފަހު މީހުންގެ އަދަދު ގުނާނެ އެވެ.
އެއަށް ފަހު އޮޑިވެރިޔާ އާއި ލިޔުންތަކެއް ހަވާލު ކުރާނެ އެވެ. މި ލިޔުންތައް ލިބުމުން އޮޑީގެ ހުރިހާ މީހުން ވެކްސިން ޖަހަން ދާން ޖެހޭނެ އެވެ. ވެކްސިން ޖަހައި ނިމުމުން ޕާސްޕޯޓް ލިބޭނެ އެވެ. ޕާސްޕޯޓް ލިބުމުން ނޫނީ އެރަށުގެ އެއްވެސް ތާކަށް ދިއުމަކީ މަނާ ކަމެކެވެ.
ދަތުރުވެރީން ގެންދިޔަ މުދާ ވިއްކުމަށް ފަހު ރަށަށް ގެންދާނެ މުދާ ގަންނާނެ އެވެ. މުދާގަނެ ދަތުރު ނިމޭނީ ދެ ތިން މަސް ދުވަހުންނެވެ.
މޫސުމް ބަދަލުވެ އިރުވައި މޫސުމުގެ ވައި ޖެހެން ފެށުމުން ނޫނީ ދިވެހިރާއްޖެ އައުމަށްް ދަތުރު ނުފަށާނެ އެވެ. އޮޑިފަހަރު ދާނީ އެބައި މީހުންގެ އަތޮޅަށެވެ.
ނޫނީ އޮޑިވެރިމީހާގެ ރަށަށެވެ. ބައެއް އޮޑިފަހަރު މާލެ އަށް އަންނާނެ އެވެ. މިގޮތުން އޮޑިއެއް މާލެ އަށް އައިސްފި ނަމަ ހަފުތާއެއްހާ ދުވަސްވާންދެން މާލޭގެ ކަނޑުތޮށީގެ ބޭރު ކައިރީގައި ކަރަންޓީނުގައި އޮންނަން ޖެހެ އެވެ. މިގޮތުގައި ތިބޭ އިރު އޮޑީގެ ކުނބުކުރީގައި ކަރަންޓީނު ދިދަ ނަގާފައި ހުންނަން ޖެހޭނެ އެވެ. ކަރަންޓީނު ފިލުމުން ނޫނީ މާލެ އަށް ފޭބުމަކީ މަނާކަމެކެވެ. އަދި ފުރުމަކީ ވެސް މަނާކަމެކެވެ.
ރަށުގައި ތިބޭ މީހުން އޮޑީގެ ޚަބަރު ބަލަން އުޅޭނީ އިރުވައި މޫސުމުގެ ވައި ޖެހެން ފެށުމުންނެވެ. އޮޑީގެ ޚަބަރު ބަލަން ކުރާ ކަމަކީ އޮޑި އާދޭތޯ އަތިރިމައްޗަށް ގޮސް އޮޑި ފެނޭތޯ ބެލުމާއި ރަށުތެރޭގައި ހުންނަ ދިގު ރުށްރުކަށް އަރައި ތިބެ އޮޑިއެއް ފެނޭތޯ ބެލުމެވެ.
މިގޮތުން އޮޑިއެއް ފެނިއްޖެ ނަމަ އެފެނުނު މީހާ ރުކުގައި އޮވެ އޮޑިއެއް އަންނަކަން އަންގާނެ އެވެ. އެ ޚަބަރާ އެކު އިސާހިތަކު މުޅި ރަށުތެރޭގައި އޮޑިއެއް އަންނަ ޚަބަރު ފެތުރިގެން ދާނެ އެވެ.
އެ ޒަމާނުގައި މުވާސަލާތީ ކަންތައް ހުންނަ ގޮތުން އޮޑިފަހަރު ރަށުން ފުރުމަށްފަހު ރަށުގައި ތިބޭ ބަޔަކަށް ދަތުރުވެރިންގެ ޚަބަރެއްވުމަކީ ވަރަށް ނާދިރު ކަމެކެވެ.
ޚަބަރެއް ލިބުނަސް އެ ޚަބަރެއް ލިބޭނީ އެހެން އޮޑިއަކުން ދަތުރު ކުރިި ބަޔަކާއި ދިމާވެ ވާހަކަ ދެކެވިފައިވާ ނަމަ އެވެ. އެ ޒަމާނުގައި ތެލިފޯނާއި ކޮމިއުނިކޭޝަން ވީއެޗްއެފް ސެޓްފަދަ ތަކެއްޗަކީ މީހުން ދަންނަ ތަކެއްޗެއް ނޫނެވެ. ވުމާއެކު ދަތުރުވެރީންގެ ޚަބަރު ބެލޭނެ ގޮތެއް ނުހުރެ އެވެ. އޮޑިފަހަރު ދަތުރު ކުރަމުން ގޮސް ބައެއް އަތޮޅުތަކާއި ކާރިވުމުން ރަށްރަށުން ދޯނިފަހަރުގައި މީހުން އޮޑި ދޮށަށް ދާނެ އެވެ. މިފަދަ އިން ގޮސް އޮޑިފަހަރުގެ ޚަބަރު އަހައި އޮޅުން ފިލުވާނެ އެވެ.
އޮޑިފަހަރު ރަށަށް އަންނަ ދުވަހު ރަށު މީހުން ތިބޭނީ ވަރަށް އުފަލުންނެވެ. އޮޑި އަންނާތީ އެކަމުގެ އުފަލުގައި ދަތުރުވެރީންގެ ގޭގައި ކުކުޅު ކަތިލައި ރޫސިޔާބަތް ކައްކައި ސަދަގާތްދީ ހަދާނެ އެވެ.
ނޯޓް: މިއީ މީދޫ.ކޮމްގައި އުނިސާރުގެ ނަމުގައި ލިޔެފައިވާ އާޓިކަލެކެވެ.