ކޮފީއަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލް ބުއިމެވެ. މީގައި ވަކި އުރުމެއް އަދި ވަކި ޖިންސެއްގެ މީހެއް ތަފާތެއް ނެތެވެ.
ހާއްސަކޮށް ޒުވާނުން ކޮފީއަށް އެޑިޓްބުމަކީ އާދައެކެވެ. މި އާދައިގެ ސަބަބުން ސިއްހަތަށް ނުރަނގަޅު އެއްވެސް އަސަރެއް ކުރާނެތޯ ނުވަތަ ނޫންތޯ ވެސް ބަލައިލެވިފައެއް ގިނަ ފަހަރަަކަށް ނޯވެ އެވެ. ބައެއް މީހުންނަށް ކޮފީއަކާ ނުލާ ހެނދުނެއް ވެސް ނުވެ އެވެ.
ސައެންސްވެރިންގެ އާ ހޯދުންތަކުން، ކޮފީ ބޯ މީހުންގެ އުމުރު ދިގުވާ ކަން ހާމަވުމަކީ ވެސް އެ މީހުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.
މި ދިރާސާ އިން ހާމަވި ގޮތުގައި ކޮފީ ބޯ މީހުންގެ އުމުރު، ކޮފީ ނުބޯ މީހުންނަށް ވުރެ ތަންކޮޅެއް ދިގުކަން ފާހަގަކުރެވެ އެވެ.
ކޮފީ ބޯ މީހުން ހިތުގެ ބައްޔާއި، ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް، ސްޓްރޯކް، އެކްސިޑެންޓުތަކާއި އަނިޔާތައް، ހަކުރުބަލި އަދި އިންފެކްޝަން ޖެހިގެން މަރުވާ ނިސްބަތް ވެސް މަދުކަމަށް މި ބޭފުޅުން ފާހަގަކުރައްވާފައިވެ އެވެ.
އެކަމަކު ކޮފީ އަކީ ކެންސަރު ބަލިން ދިފާއުކޮށް ދިނުމުގައި އެއްވެސް ރޯލެއް ކުޅޭ އެއްޗެއްކަން ސާބިތު ކުރެވިފައި ނުވާ ކަމަށް ވެސް މި ދިރާސާ އިން ދައްކަ އެވެ.
ދުވާލަކު ދެ ތަށި ނުވަތަ ތިން ތަށި ކޮފީ ބުއިމުން ތަފާތު ބަލިތަކުގައި މަރުވުމުގެ ފުރުސަތު 10 ޕަސެންޓް ދަށްވާ ކަމަށް މި ދިރާސާ ހާމަވެ އެވެ.
މި ދިރާސާ ރިޕޯޓާ ބެހޭ ގޮތުން އެކިއެކި ޑޮކްޓަރުންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ.
ކްލީވްލޭންޑް ކްލިނިކްގެ ހިތުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ސްޓީވް ނީސަން ވިދާޅުވަނީ ކޮފީން ލިބޭ މިފަދަ ފައިދާތަކާ ބެހޭ ގޮތުން މިހާ ޔަގީންކަމާ އެކު އެއްޗެއް ބުނަން އަދި މާ އަވަހެވެ.
މި ފަހަރުގެ ދިރާސާގައި ބައިވެރިވެފައި ނުވާ މި ޑޮކްޓަރު ވިދާޅުވީ 13 އަހަރު ތެރޭގައި ވަކި ބަޔަކު ކޮފީ ބޮއިގެން އެ މީހުންނަށް ކުރި އަސަރުތަކަކަށް ބިނާކޮށް މިފަދަ ނިންމުމަކާ ހަމަ އަށް ދިއުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
އެކި މީހުން ކޮފީ ބޮއި އުޅޭ މިންވަރާއި އެ ކަމުގައި ގެންގުޅުނު އާދަތައް ވެސް 13 އަހަރު ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެފައި ވާނެކަމަށް އޭނާ ލަފާ ކުރައްވަ އެވެ.
އަދި މި ދިރާސާގައި ބައިވެރިވީ މީހުންގެ ސިއްހީ ހާލަތު، މިސާލަކަށް ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު ހުރި މިންވަރު ބަލާފައި ނެތްކަން ފާހަ ގަކުރައްވަމުން މި ކަންކަން ބެލުމަށް ފަހު ނޫނީ އެ މީހުންގެ އުމުރު ދިގުވީ ކޮފީ ބޮއިގެން ކަން ކަނޑަނޭޅޭނެ ކަމަށް ޑރ. ސްޓީވް ވިދާޅުވި އެވެ.
މި ދިރާސާ ރިޕޯޓު ލިޔުއްވުމުގައި އިސްކޮށް އުޅުއްވި ނީލް ފްރީޑްމަން ވިދާޅުވީ އެ ބޭފުޅުންގެ ދިރާސާއަކީ ކޮންމެހެން ކޮފީ ބޮއިގެން އުމުރު ދިގުވާކަން ޔަގީންކޮށް ދޭން ކޮށްފައިވާ ދިރާސާއެއް ނޫނެވެ.