މިނިމަމް ވޭޖާއެކު އެޖެންޑާ-19 ގައި ބުނާ 10،000ރ ރިސޯޓް މުވައްޒަފުންނަށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މިނިމަމް ވޭޖްގެ ސީދާ މަންފާ ވަޒީފާ އަދާކުރާ ފަރާތްތަކުގެ 40 – 50 އިންސައްތަ މަސައްކަތްތެރިންނަށް ކުރާނެކަމަށެވެ. އެއީ ގާތްގަނޑަކަށް 54،000 މުވައްޒަފުންނެވެ.
މިިނިމަމް ވޭޖްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް ރަނގަޅު އަސަރު ކުރާނެކަމަށްވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެކި ރިސޯޓްގައި އެކި ވަޒީފާތަކުގެމެދުގައި މުސާރައިގެ ވަރަށް ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ އެވްރެޖް މުސާރައަކީ 4000ރ އާއި 5000ރ އާ ދެމެދުގެ އަދަދެއްކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މިނިމަމް ވޭޖްގެ ސަބަބުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ 60 އިންސައްތަ ފަރާތްތަކުގެ މުސާރަ ދެގުނަ ވެގެން ދާނެކަމަށެވެ.
ރިސޯޓް މުވައްޒަފުންނަށްދޭ ސާވިސްޗާޖަކީ ދިނުން މަޖުބޫރުއެއްޗަކަށް މިސަރުކާރުން ހެދިކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެކަމުގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެ މަހަކު އެވްރެޖްކޮށް 5000ރ އާއި 10،000ރ އާ ދެމެދުގެ އަދަދެއް އިތުރަށް ލިބޭކަމަށެވެ.
"އަޅުގަނޑުމެން ކިޔަމުން އައި ނުވަތަ އެޖެންޑާ-19 ގަ ކިޔަމުން އައި 10،000 ރުފިޔާ، މި މިނިމަމް ވޭޖާއި އެކު، ނުލިބޭނެ ފަރާތެއް ނުހުންނާނެ ދިވެހިރާއްޖޭގެ ޓޫރިސްޓް ރިސޯޓެއްގަ." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުން މިނިމަމް ވޭޖާއެކު ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ދަށްކޮށްވެސް 12،000 ރުފިޔާ މުސާރައަށް ލިބޭނެކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން 15،000 މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ހެޔޮ ބަދަލު އަންނާނެކަމަށެވެ. އަދި ސަރުކާރު މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލަށް 500 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރަން ޖެހުނުކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަށް މިނިމަމް ވޭޖްއަކީ އާކަމެއް ނަމަވެސް މިއީ ދުނިޔެއަށް އާކަމެއް ނޫންކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖްގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށެވެ.