Last Updated: November 26, 10:25
Tuesday, November 26, 2024
ޚަބަރު

ހައިކޯޓް ގޮފިތައް އުވާލަން ސަރުކާރުން މަޖިލީހަށް ހުށައަޅަނީ

ހައި ކޯޓް ދެކުނު ގޮފި--

ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަން ޖެހޭ އެހެން ބަދަލުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ދިވެހި ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހްގެ ބިލާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެބިލް ހުށައަޅަނީ ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް ކުރިއެކޭވެސް އެއްފަދައިން ޤާނޫނުގައި ކަނޑައެޅުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ކަމަށެވެ.

އާއްމު އުސޫލެއްގެ ގޮތުން ހައިކޯޓު ހިނގަމުންދަނީ މާލޭގައެވެ. ނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ޤާއިމުކުރެވިފައިއެވެ. ހައިކޯޓުގެ ދެކުނު ގޮފި ޤާއިމުކުރެވިފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫ ގައެވެ. އުތުރުގޮފި ޤާއިމުކުރެވިފައިވަނީ ކުޅުދުއްފުށީ ސިޓީގަ އެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ 16 ޑިސެމްބަރ 2015 އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރުގޮފި ހުޅުވުނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އޭގެ އިތުރުން ތިން ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެނައުމަށް ވެސް ހުށައަޅާފައިވެ އެވެ. އެ ބިލްގެ ބޭނުމަކީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށްޓަކައި ގެންނަ އިސްލާހެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެ އެވެ.

އޭގެ އިތުރުން ދެން ފޮނުވާފައިވަނީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލަށާއި ފެނާއި ނަރުދަމާގެ ގާނޫނަށް ގެންނަ އިސްލާހްގެ ބިލެކެވެ.