ބަތަލާ ބިޕާޝާ ބާސޫ އާއި އެކްޓަރު ހަރުމަން ބަވޭޖާގެ ގުޅުމާ ބެހޭ ގޮތުން ތަފާތު ގޮތް ގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.
އެ ދެ މީހުންނަކީ މިހާރު ދެ ލޯބިވެރިން ކަމަަށް އިންޑިއާގެ މީޑިއާތަކުން ސިފަ ކުރި ނަމަވެސް، ދެ ތަރިން މިހާތަނަށް އެކަމަށް އެއްބަހެއް ނުވެ އެވެ. އަދި ގުޅުމާ ބެހޭ ގޮތުން މީޑިއާގައި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.
އެކަމަކު ބިޕާޝާ ފެންނަ ކޮންމެ ތާކުން މިހާރު ހަރުމަން ފެނުމަކީ އާ ކަމެއް ނޫނެވެ. އެއީ ޕާޓީއެއް ކަމަށް ވިޔަސް، އެވޯޑް ހަފުލާއަކަށް ވިޔަސް އަދި އެހެން އިވެންޓަކަށް ވިޔަސް ދެ މީހުން އަބަދު އަންނަނީ އެކީގަ އެވެ. އަދި ދަނީ ވެސް އެކީގަ އެވެ.
މީގެ އިތުރުން ދާދި ފަހުން ފާހަގަ ކުރި ބިޕާޝާގެ 35 ވަނަ އަހަރީ ދުވަހުގެ ޕާޓީގައި މެހުމާނުންނަށް މަރުހަބާ ކިޔައި އަަލްވަދާއު ކިއުމުގެ އެންމެ ކުރީ ސަފުގައި ވެސް ހުރީ ހަރްމަން އެވެ.
އެހެންވެ މި ދެ ތަރިންގެ މެދުގައި އެކުވެރި ކަމަށް ވުރެ ގާތް، ގުޅުމެއް އޮތްކަން ކަށަވަރުވެ އެވެ. ގިނަ ބަޔަކު ސިފަ ކުރަނީ އެއީ ލޯބީ ކަމަށެވެ. އެހެންވެ މި ދެ ތަރިން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަ ވެސް މިހާރު ވަރަށް ގަދައަށް ދެކެވެ އެވެ.
ޖޯން އަބްރަހަމް ރައްޓެހިވެގެން 10 އަހަރު އުޅުނު ބިޕާޝާ ބާސޫ، ކުރިން ޑީނޯ މޯރިއާ އާއި މިލިންދް ސޯމަން އާ ވެސް ރައްޓެހިވެގެން އުޅެފައިވެ އެވެ.
އެހެން ނަމަވެސް ޖޯން އާއި އޭނާ އާ ދެމެދު އޮތް ދުވަަސްވީ ގުޅުން 2010 ވަނަ އަހަރު ނިމުމަކަށް އަައިސްފައި ވަނިކޮށް، ޖޯން ވަނީ ދާދި ފަހުން ކައިވެނި ވެސްކޮށްފަ އެވެ.
ބިޕާޝާ އާއި ހަރުމަންގެ މެދުގައި ގާތް ގުޅުމެއް އުފެދުނީ ވެސް، ޖޯން އާ ރުޅިވި ފަހުންނެވެ.
ޕްރިޔަންކާ ޗޯޕްޅާ އާ އެކު 2008 ވަނަ އަހަރު ފިލްމް "ލަވްސްޓޯރީ 2050" ބޮލީވުޑަށް ނިކުތް ހަރުމަންއަކީ، ފިލްމީ ކެރިއަރުގައި އެއްވެސް ކާމިޔާބީއެއް މިހާތަނަށް ލިބުނު ތަރިއެއް ނޫނެވެ.
ރިތިކް ރޯޝަން އާ ވަރަށް ވައްތަރު ގޮތެއް ހުންނަ އުމުރުން 33 އަހަރުގެ ހަރުމަން ފެނުނު އަނެއް ފިލްމަކީ ހަމަ ޕްރިޔަންކާ އާ އެކު ކުޅުނު "ވަަޓްސް ޔޯ ރާޝީ" އެވެ.
އޭގެ ފަހުން އޭނާ ވަނީ އަނީސް ބަޒްމީ ޑައިރެކްޓް ކުރަން ފެށި "އިޓްސް މައި ލައިފް" ގެ މަސައްކަތް ވެސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ފިލްމް މިހާތަނަށް ރިލީޒްވެފައެއް ނުވެ އެވެ.
ހަރުމަން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޝިލްޕާ ޝެޓީ ޕްރޮޑިއުސް ކުރާ "ޑިޝްކިއާއޫން" ގަ އެވެ.