މި މަހުން ފެށިގެން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ހުދޫދެއް ނެތި އާސަންދަ ލިބޭނެ ކަމަށް ނައިބް ރައީސް ދރ. މުޙަންމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާން ވިދާޅުވީ ސަރުކާރުން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ ވިސްނުމުގެ މައްޗަށް ކަމަށާއި، ސަރުކާރުން މިހާރު ފަށްޓަވާފައިވާ މަސައްކަތްތަކަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންގެ އަޑު އައްސަވައިގެން ފަށްޓަވާފައިވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވި އެވެ.
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ އެންމެ ބޮޑު އިޙްސާސްތައް ގުޅިފައި ހުރީ ޢާންމު ޚިދުމަތްތަކާ ކަމަށާއި، ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުން އެދޭ އެދުންތައް ފުއްދަވައި ދެއްވޭނެ ގޮތް ހައްދަވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އެ މަނިކުފާން އިތުރަށް ވިދާޅުވީ ޢުމުރުން 65 އަހަރުވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އެލަވަންސް 5،000ރ. އަށް ބޮޑުކޮށް ދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދަށް އިޝާރާތް ކުރައްވަމުން، ލަސްތަކެއް ނުވެ އެ ފައިސާގެ ކަންތައްތައް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި މި އެލަވަންސް ދެއްވުމަށް ނިންމަވާފައި ވަނީ، އިންޝުއަރެންސެއް ޤާއިމު ކުރައްވައިގެން ކަމަށާއި، އެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ ޙައްލު ކުރަން ޖެހޭ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި، މީހުން ބިނާ ކުރުމާއި، ޑޮކްޓަރުން ހޯދުން ފަދަ ކަންކަން ޙައްލު ކުރެއްވުމަށް ވިސްނުންތަކެއް އެބަ ގެންގުޅުއްވާ ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ކުރު މުއްދަތުގަޔާއި ދިގު މުއްދަތުގައި ޚިދުމަތްކޮށްދޭނެ ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެއިން ބޭރުން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވާ ކަމަށް ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެފަދަ ޑޮކްޓަރުންނަށް ބަދަލުގައި ރާއްޖެއިން މެހްމާންދާރީ އަދާކޮށް، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުޞަތު ހޯއްދަވައި ދެއްވައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި އުސޫލުން އެއް މަސް ދުވަހުގެ މުއްދަތަށް ޖަރުމަނުވިލާތުގެ ޑޮކްޓަރުންގެ ޓީމެއް ލަސްތަކެއް ނުވެ ރާއްޖެ އައުމަށް މިހާރު ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.