ދިވެހިންގެ ތެރޭގައި ވެސް ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ކުރީގެ ހިންދީ ފިލްމް "މާސޫމް" ގެ ރިމެކިންއެއް ހަދާ ގޮތަށް ނިންމައިފި އެވެ.
މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރަނގަޅު ކާމިޔާބީއެއް ހޯދި "ޗިޓަގޮންގް" ގެ ޑައިރެކްޓަރު ބެދަބްރަތާ ޕައިން ބުނީ އޭނާގެ ރިމެކިން އަސްލު "މާސޫމް" އާ ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށެވެ.
"މައިގަނޑު ސްޓޯރީއަކަށް ވާނީ ހަމަ އެކައްޗެއް. އެކަމަކު މި ފިލްމް އަހަރެން ގެނެސްދޭ ގޮތް އޮރިޖަނަލް ފިލްމާ ވަރަށް ތަފާތު ވާނެ،" ޝޭކަރު ކަޕޫރު 1983 ވަނަ އަހަރު ގެނެސް ދިން އަސަރު ގަދަ ކަލްޓް ފިލްމާ ބެހޭ ގޮތުން ޕައިން ބުންޏެވެ.
އޭނާ ބުނީ "މާސޫމް" ގެނެސްދޭ ގޮތް ތަފާތުވި ނަމަވެސް، އޭނާ ވެސް ފޮލޯ ކުރާނީ "މާސޫމް" ވެސް އަސްލަކަށް ބެލި "މޭން، ވުމަން އެންޑް ޗައިލްޑް" އަށް ކަމަށެވެ.
"އެކަމަކު އަދި ފިލްމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަން އަދި މާ އަވަސް. ޕްރޮޑިއުސަރު މީގެ އިތުރު ތަފުސީލްތައް ޑިވެލޮޕްމަންޓްތައް އަންނަ ވަރަކުން ޝެއާ ކުރާނެ،" ސައިސްޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޕައިން ބުންޏެވެ.
އޭނާ ބުނީ "މާސޫމް" ގެ ރިމެކިންގައި ލީޑް ރޯލް ކުޅޭނީ ނަވާޒުއްދީން ސިއްދީގީ ކަމަށެވެ. އަދި ފިލްމްގެ އިތުރު ކާސްޓުންނާ ދޭތެރޭ އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ޕައިން ބުންޏެވެ.
ނަސީރުއްދީން ޝާހާއި ޝަބާނާ އަޒްމީ ލީޑް ރޯލް ކުޅުނު "މާސޫމް" ގައި ކިޔައި ދެނީ ކައިވެނިން ބޭރުގައި ފިރިހެނަކު، އެހެން އަންހެނަކާ އެކު ހިންގާ ގުޅުމެއްގެ ސަބަބުން އާއިލާއެއްގެ ތެރޭގައި ހިނގާ އަސަރު ގަދަ ހާދިސާތަކެކެވެ.
މި ފިލްމުގައި ކުޑަ ތިން ކުދިން ވަރަަށް މުހިއްމު ރޯލްތަކެއް އަދާކޮށްފައިވެ އެވެ.
އޭގެ ތެރެއިން ދެ ކުދިންނަކީ ބޮލީވުޑްގައި ފަހުން ބަތަލާއެއްގެ ގޮތުގައި ވިދާލި އުރްމިލާ މަޓޯންޑްކަރު އާއި އެކްޓް ކުރުމުގެ އިތުރަށް ޑައިރެކްޓް ވެސް ކުރާ ޖުގާލް ހަންސް ރާޖެވެ.
އޭނާ ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ މަޝްހޫރު ފިލްމްތަކަކީ "މުހައްބަތޭން" އާއި "ޕާޕާ ކެހެތޭ ހޭ" އެވެ.
ހިތްގައިމު ރީތި ލަވަތަކެއް ވެސް ހިމެނޭ "މާސޫމް" އަށް ބިނާކޮށް "އަމާނާތް" ގެ ނަމުގައި ދިވެހި ފިލްމެއް ވެސް ގެނެސް ދީފައިވެ އެވެ.