Last Updated: November 15, 06:41
Friday, November 15, 2024
ޚަބަރު

ކޮވިޑް-19 އާ ގުޅޭ މަސައްކަތަށް ވޮލިންޓިއަރުން ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފި

ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ފްރަންޓްލައިން ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. މިގޮތުން މިކަމުގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ފަރާތްތަކުން އެ ހޮސްޕިޓަލަށް ސީވީއާއި ސިޓީ ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

ސީވީއާއި ސިޓީ އޭއީއެޗުގެ މެއިލް info@aeh.gov.mv ފޮނުވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެދޭ ފަރާތްތަކުން 6885046 ނަމްބަރ ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ގެޒެޓުކޮށްފައިވާ އިއުލާން

އައްޑޫގެ ކޮވިޑް ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، އިއްޔެ އެކަނިވެސް 50 އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ ވެރިރަށް މާލެއާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑު އަދަދެކެވެ. އަދި އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 400 އާ ގާތްކުރާއިރު، ޑިރެކްޓް ކޮންޓެކްޓުންގެ އަދަދު އުޅެނީ 200 އިން މަތީގައެވެ.