މިއަދު އަޅުގަނޑުމެން މުސްލިމުން ފާހަގަ ކުރަމުން މި ގެންދަނީ މާތް ރަސޫލާ މުހައްމަދުގެފާނުގެ އީދު މީލާދީ އެވެ. މިފަދަ މުހިއްމު ދުވަހެއްގެ މުނާސަބަތެއްގެ ތެރޭގައި މުސްލިމުން ތިބި އިރު، ކީރިތި ރަސޫލާގެ މަތިވެރި މާތް ހަޔާތްޕުޅުން ގިނަގުނަ އިބުރަތްތަކެއް ހާސިލް ކުރަން ޖެހެ އެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި އިތުރު އެކަލޭގެފާނު ކޮމާންޑަރެއްގެ ގޮތުން ނެންގެވި ޑިސިޝަންތަކާއި ޢަމަލުކުރެއްވި ގޮތްތައް ދިރާސާކުރުމަކީ މުހިންމު ކަމެކެވެ.
އަސްކަރީ އެކިއެކި ހާދިސާތަކާގުޅިގެން ކީރިތި ރަސޫލާ އެޅުއްވި ފިޔަވަޅުތަކާއި ނެންގެވި ޑިސިޝަންތައް ތަފާތު ފަންތީގެ އިސްލާމީ އަސްކަރީ ކޮމާންޑަރުންނަށް އެނގުމަކީވެސް މުހިންމު ކަމެކެވެ.
ކީރިތި ރަސޫލާގެ ލީޑަރޝިޕް ކޮމާންޑް ފިލޯސަފީގެ މައިގަނޑަކީ އިތުރު އެކަލޭގެފާނާ ﷲ ޞުބުހާނަހޫ ވަތަޢާލާ ޙަވާލުކުރައްވާފައިވާ މަތިވެރި ވާޖިބު އަދާކުރެއްވުމަށް އިސްކަން ދެއްވުމެވެ.
އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވާ ނަމޫނާ މިސާލުން މަގުދައްކަވާ އިސްލާމީ އުންމަތް ބިނާކުރެއްވުމެވެ. ނަތީޖާއަކީ އެކަލޭގެފާނުގެ ލީޑަރޝިޕަށް ގޮންޖަހާލެވޭފަދަ ލީޑަރެއް ދުނިޔޭގެ ތާރީޚު ދެކެފައިނުވުމެވެ.
ސޫރަތުގެ 159 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އެއުރެންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ، ﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލުޤްފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖެއީހެވެ. ފަހެ އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." މި އާޔަތުން ކީރިތި ރަސޫލާ ޕްރެކްޓިސް ކުރެއްވި ލީޑަރޝިޕް ވަރަށް ރަނގަޅަށް އެނގިގެންދެ އެވެ.
ކީރިތި ރަސޫލާއަކީ އޯގާތެރި ބޭކަލެކެވެ. މީހުންގެ މައްޗަށް އެކަލޭގެފާނުންގެ ހިތްޕުޅުގައިވާ އޯގާތެރިކަމަކީ މާތްﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެކެވެ. އެ ރަޙްމަތުގެ އަސަރު މުޅި އިސްލާމީ އުންމަތަށްވަނީ ފެތުރިފަ އެވެ.
އެކަލޭގެފާނަކީ ހިތްޕުޅު ހަރުކަށި ބޭފުޅެއް ނޫނެވެ. އެކަމަކު އެއީ މަޑުމައިތިރި، އޯގާތެރި، އެންމެ ޚުލުޤް ހެޔޮ އިންސާނާއެވެ. އިތުރު އެކަލޭގެފާނުގެ ކިބައިގައި މިމާތް ސިފަތައް ނެތް ނަމަ އެކަލޭގެފާނަކީ މަޤްބޫލު ޝަހުސިއްޔަތަކަށް ނުވީހެވެ. ކާމިޔާބު ލީޑަރަކަށް ނުވީހެވެ. ކާމިޔާބު އަސްކަރީ ކޮމާންޑަރަކަށްވެސް ނުވީހެވެ.
ކީރިތި ރަސޫލާގެ އެންމެ ފާހަގަކޮށްލެއްވޭ އެއް ސިފަފުޅަކީ މަޢާފުކުރެއްވުމެވެ. އަދި އެހެން މީހުންގެ ފާފަ ފުއްސަވައިދެއްވުންއެދި ދުޢާ ދެންނެވުމެވެ. ކީރިތި ރަސޫލާއަކީ މަޝްވަރާގެ މަތިވެރި އުސޫލު ވަރަށް މަތީ ދަރަޖައަކަށް ޕްރެކްޓިސް ކުރެއްވި ބޭކަލެކެވެ. އެކި ކަންކަމުގައި އެކަލޭގެފާނަށް އެކިއެކި ބޭފުޅުން ދެއްވާ މަޝްވަރާ އަށް ފަހު އެކަލޭގެފާނު ކަންތައްތައް ކުރައްވާނެ ގޮތެއް ކަނޑައަޅުއްވަ އެވެ. އަދި ﷲ އަށް ވަކީލު ކުރައްވާ އެގޮތުގައި ސާބިތުވެ ހުންނަވަ އެވެ.
* ކީރިތި ރަސޫލާގެ ލީޑަޝިޕްގެ އުސޫލްތައް:
ކީރިތި ރަސޫލާގެ ސީރަތު ދިރާސާކޮށްފައިވާ ފަރާތްތައް އިތުރު އެކަލޭގެފާނުންގެ ލީޑަރޝިޕްގެ ޕްރިންސިޕަލްތަކުގެ ގޮތުގައި ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެކި ހޯދުންތެރިންގެ މެދުގައި ކުދިކުދި ތަފާތުތަކެއް ހުއްޓަސް މައިގަނޑު ނުކުތާތަކަށް ގިނަ ޢިލުމުވެރިން އެއްބަސްވެއެވެ. އެގޮތުން ފާހަގަކުރެވޭ 10 ޕްރިންސިޕަލެއްވެ އެވެ. އެއީ:
* ހާސިލު ކުރެވިދާނެ ލަނޑުދަނޑިތަކަކަށް މަސައްކަތް ކުރާށެވެ.
* ކޮންމެ ކަމެއްގައި ވެސް ހުރި ފައިދާ އާއި ގެއްލުންތައް ދެނެގަންނާށެވެ.
* ހާލަތަށް އެކަށޭނަ ބަދަލަށް ފަސް ނުޖެހޭށެވެ.
* ޢަދާވާތްތެރިން ރަޙުމަތްތެރިންނަށް ބަދަލު ކުރާށެވެ.
* ގެއްލުން ހުރި ކަންތައްތައް ފައިދާހުރި ކަންތައްތަކަށް އަނބުރާލާށެވެ.
* ހަމަނުޖެހުމަށް އޮންނަ ބާރަށްވުރެ ސުލުހައިގެ ބާރު މާ ވަރުގަދަ ވާނެ އެވެ.
* ދެ ފަހަރު ދެ ގޮތަށް ވިސްނާ މީހަކަށް ނުވާށެވެ.
* ތިމާއަށް ފަސޭހަ މައިދާނަކަށް ހަނގުރާމަ ގެންދާށެވެ.
* ކުއްލި އަކަށް ބޮޑު ބަދަލެއް ގެނައުމުގެ ބަދަލުގައި ލަސްލަހުން ބަދަލުގެންނާށެވެ.
* ޚިޔާލު ތަފާތުވިޔަސް ޢަމަލީ ނަތީޖާއަކަށް ވާސިލުވާށެވެ.
* ކީރިތި ރަސޫލާގެ އަސްކަރީ ބައެއް ނިންމުންތައް:
މީލާދީން 624 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަދުވަހު (ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވަނަދުވަހު) ހިނގި ބަދުރު ހަނގުރާމައިގައި ކީރިތި ރަސޫލާ ސަފުތައް ތަރުތީބު ކުރައްވަމުން ވަޑައިގެންނެވިއެވެ.
އެވަގުތު ސަވާދު ކިޔާ ސަހާބީއެއްގެ ބަނޑުފުޅުގައި ކީރިތި ރަސޫލާ ކަދުރު ރުކުގެ އޮށިކޮޅަކުން ބީއްސަވާލައްވާ ސަފަށް ވެންނެވުމަށް ދެންނެވި އެވެ.
އެހިނދު ސަވާދު ވިދާޅުވިއެވެ. ކަލޭގެފާނުގެ ތިޔަ ޢަމަލުފުޅުގެ ބަދަލު ހިފަން ބޭނުމެވެ. އެހިނދު ސަވާދު ހުންނެވީ ހުސް ހަށިކޮޅާ ކަމަށްވީތީ ކީރިތި ރަސޫލާ ހެނދުންކޮޅު ކަޝްފުކޮށްދެއްވިއެވެ. ހަނގުރާމައިގެ އިސް ކޮމާންޑަރަކު މިއަދު މިގޮތަށް ޢަމަލު ކުރައްވާނެ ހެއްޔެވެ؟
އިސްލާމީ ތާރީޚަށް ބަލާއިރު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި ހިނގި އެންމެ ނުރައްކާތެރި އެއްހަނގުރާމައަކީ އުހުދު ހަނގުރާމައެވެ. މީލާދީން 625 ވަނަ އަހަރުގެ މާޗްމަހުގެ 19 ވަނަ ދުވަހު ( ހިޖުރައިން 3 ވަނަ އަހަރުގެ ސައްވާލުމަހުގެ 3 ވަނަ ދުވަހު) ހިނގި އުހުދު ހަނގުރާމައިގައި އިސްލާމުންނަށް ނުހަނުބޮޑެތި ގެއްލުންތައް ލިބި އެތައް ސަހާބީންނެއް ޝަހީދުވެ، ޚުދު ކީރިތި ރަސޫލާގެ ހަށިކޮޅުވެސް ޒަޚަމުވެވަޑައިގެންނެވި މައިގަނޑު ސަބަބަކީ ކީރިތި ރަސޫލާ އުހުދު ފަރުބަދަ މަތީގައި ބައިތިއްބެވި ދުނި ޖަހާމީހުންގެ ތެރެއިން ބަޔަކު އިތުރު ރަސޫލާގެ ޢަމުރުފުޅަކާނުލައި މަޤާމު ދޫކޮށްލެއްވުމެވެ. އެބޭފުޅުންނާމެދު ކީރިތި ރަސޫލާ ޢަމަލުފުޅުކުރެއްވި ގޮތަކީ ކޮބައިތޯ އެވެ؟
އެހެން ހާދިސާއެކެވެ. މީލާދީން 630 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 11 ވަނަދުވަހެވެ. އެއީ ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހެވެ. މައްކާ ފަތަޙަ ކުރެއްވުމަށް ކީރިތި ރަސޫލާ މަދީނާއިން ލަޝްކަރައިގެން ނިކުމެވަޑައިގެންނެވީ ސިއްރިޔާތުގައެވެ. އަބޫބަކުރުގެފާނު ފަދަ އެކަލޭގެފާނާ އެންމެ އަރިސް ބޭފުޅުންގެ އަރިހުގައިވެސް އެވާހަކަފުޅު ވިދާޅެއްނުވެ އެވެ.
ސަހާބީ ބޭކަލެއްކަމަށްވާ ހާޠިބު އަށް މިކަން އެނގިވަޑައިގެން ސިޓީއެއް ލިޔުއްވާ މައްކާގައި ތިބި އެކަލޭގެފާނުންގެ އާއިލާގެ ބޭފުޅުންނަށް އެންގެވުމަށް ހަވާލުކުރެއްވިއެވެ.
ކީރިތި ރަސޫލާ ވަންހަނާ ކުރައްވާފައިވާ އިސްލާމީ ލަޝްކަރުގެ ބޮޑު ސިއްރެއް ހާމަކުރެއްވުމަށް މަސައްކަތް ކުރެއްވުމުން ކީރިތި ރަސޫލާ ޢަމަލުފުޅު ކުރެއްވި ގޮތަކީ ކޮބައިތޯއެވެ؟
އެހެން ހާދިސާއެކެވެ. ތަބޫކު ހަނގުރާމައިގައި ބައިވެރިވުމަށް މުނާފިޤުންނާއި ބައެއް މުސްލިމުން ވެސް އުޒުރަކާ ނުލައި ފަސްޖެހިވަޑައިގަތެވެ. ހަނގުރާމައަށްފަހު މުނާފިޤުން ދޮގު ހަދައިގެން ތަފާތު އުޒުރުތައް ދަންނަވާ ހެއްދެވި އެވެ. އެބައި މީހުންނަށް އެއްވެސް އަދަބެއް ނުދެއްވަ އެވެ.
އެކަމަކު ކަންހިނގާދިޔަގޮތް އިސްލާމުންގެ ތެރެއިން ހަނގުރާމައިގައި ބައިވެރިވެވަޑައި ނުގެންނެވުނު ކައުބު ބުނު މާލިކު ވިދާޅުވިއެވެ. އެ ހިނދު ކައުއިތުރު ރަސޫލާ، ކައުބު އެވިދާޅުވީ ތެދަށްކަމަށް ހަދީސްފުޅު ކުރެއްވި އެވެ. އެކަމަކު މުސްލިމުންގެ ތެރެއިން އުޒުރަކާނުލައި ހަނގުރާމައަށް ދިއުމަށް ފަސްޖެހިވަޑައިގެންނެވި ތިން ބޭފުޅުންނަށް އަދަބު ދެއްވިއެވެ.
އެ ބޭފުޅުންނާ ގުޅުންކެނޑުމަށް މުސްލިމުންނަށް އެންގެވިއެވެ. އެބޭފުޅުންގެ ތަޢުބާ ﷲ ޤަބޫލު ކުރައްވަންދެން އެގޮތުގައި ދެމިހުންނެވި އެވެ.
މުނާފިޤުން ހެދީ ކަނޑައެޅިގެން ދޮގުކަން އެނގިވަޑައިގެން ހުންނަވާ އެ މީހުންނަށް އަދަބު ނުދެއްވާ މުސްލިމުންގެ ތެރެއިން ހަނގުރާމައިގައި ބައިވެރި ނުވި ބޭކަލުންނަށް އަދަބު ދެއްވީ ކީއްވެގެން ހެއްޔެވެ؟