Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އިންޑިއާ ސިފައިން ފޮނުވާލެވޭނީ ޖެހިލުންކުޑަ ވެރިޔަކަށް: އުމަރު

އިންޑިޔާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލެވޭނީ ޖެހިލުންކުޑަ ވެރިޔަކަށް ވެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިއަދު ވިދާޅުވީ ރާއްޖެ އާއި އިންޑިޔާ އާއި ދެމެދުގައި ސިއްރުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރަނީ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީގެ ފަރާތުން 241 ކޮމެޓީ ގައި ދެއްވި ޕެރެސެންޓޭޝަން ތަކާ ސިއްރު ކޮށްގެން ދެއްކެވި ވާހަކަ ތަކަކީ ޤާނޫނީ ގޮތުން ބާރު ލިބިފައިނެތް އެއްބަސްވުން ތަކެއްގެ މަތި އޮމާން ކުރުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށެވެ.

އެގޮތުން ޤާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އަސްކަރީ ބޭނުމަކަށް ބޭރުގެ ބަޔަކަށް ނުދެވޭނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

"ކ.އުތުރު ތިލަފަޅާ، ހދ.ހަނިމާދޫ އާއީ ސ.ގަމާއި، ލ.ކައްދޫ އިން ބަޔެއް އިންޑިޔާގެ އަސްކަރިއްޔާގެ ފަރާތުން މިހާރު ބޭނުން ކުރަމުން ދަނީ އަސްކަރީ ބޭނުމަކަށް ނޫންކަމަށް ސަރުކާރުން މާނަ ކުރައްވާނަމަ އެކަމުގައި އަމަލު ކުރަންވާނީ މަދަނީ މިންގަޑަކުން. އެފަދަ ހާލަތުގައި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ މާއްދާގައިވާ ގޮތުގެ މަތިން މިނިވަން ދިމިޤްރާތީ މުޖްތަމަޢެއްގައި އޮންނަންޖެހޭ ގޮތަށް، މި އެއްބަސްވުންތައް ސޮޔާއެކު އޮތްގޮތަށް އާންމުކޮށް ހާމަކުރަން ޖެހޭ. ޤާނޫނު އަސާސީގެ 16 ވަނަ މާއްދާ އަށް ނުވަތަ 251 ވަނަ މާއްދާ އަށް އަމަލު ކުރަން ޖެހޭ" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މި ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް އަމަލު ނުކޮށްވެވޭ ކޮންމެ އެއްބަސްވުމަކީ ޤާނޫނީ އިމުގެ ބޭރުންކުރެވޭ ބާތިލް އެއްބަސްވުން ތަކެއް ކަމަށެވެ. އަދި މި އެއްބަސްވުން ތަކަކީ ދެން އަންނަ ވެރިއެއްގެ މައްޗަށް ދެމެހެއްޓުން ލާޒިމްވާނޭ އެއްބަސްވުން ތަކެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

މީގެއިތުރުން އިންޑިޔާގެ އަސްކަރީ ސިފައިން 2010 ވަނަ އަހަރު ރާއްޖެ އަށް ފޭބުމަށްފަހު މިވީ 11 އަހަރުގެ ތެރޭގައި އުފެދުނު ހަތަރު ސަރުކާރަށް ވެސް މި ސިފައިން ރާއްޖޭން ފޮނުވާލެވިފައި ނެތުމަކީ ދިވެހިން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިޔާގެ ސިފައިން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލެވޭނީ ދެން އަންނަ ވެރިޔަކީ ފަސްބައި ސާފު، ޖެހިލުންކުޑަ އަދި ވަތަނީ ވެރިޔަކަށްވެގެން" އޭނާ ވިދާޅުވި އެވެ.