ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަމީތާބް ބައްޗަން އާ އެކު އަދިވެސް ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ހޮލީވުޑްގެ އެންމެ ނުޒޫފް ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ލިއޮނާޑޯ ޑި ކެޕްރިއޯ ބުނެފި އެވެ.
މިދިޔަ އަހަރު ރިލީޒްވި ބްލޮކްބަސްޓާއެއް ކަމަށްވާ "ދަ ގްރޭޓް ގެޓްސްބީ" ގެ މުހިއްމު އެހެނަސް ކުރު ރޯލެއް އަމީތާބް ވަނި އަދާކޮށްފަ އެވެ. މިއީ ލިއޮނާޑޯ ލީޑް ރޯލް ކުޅުނު ފިލްމެކެވެ. އަދި މިއީ އަމީތާބް ހޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ބަޒް ލާމަން ޑައިރެކްޓް ކުރި "ދަ ގްރޭޓް ގެޓްސްބީ" ގައި އަމީތާބާ އެކު ކުރެވުނު ތަޖުރިބާ އާ ބެހޭ ގޮތުން ލިއޮނާޑޯގެ އެންމެ ފަހުގެ ފިލްމް "ދަ ވޮލްފް އޮފް ވޯލްސްޓްރީޓް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ސުވާލް ކުރުމުން "ޓައިޓޭނިކް" ގެ ވެސް އެކްޓަރު ބުނީ އަމީތާބަކީ އެކްޓް ކުރަން ކުޅަދާނަ ތަރިއެއް ކަމަށެވެ.
"އަދިވެސް ބޭނުން އަމީތާބާ އެކު މަސައްކަތްކޮށްލަން. އެއީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެއް،" ކާމިޔާބް ވަރަށް ގިނަ ފިލްމްތައް ކުޅެފައިވާ ލިއޮނާޑޯ ބުންޏެވެ. "އެއީ އެކްޓް ކުރުމުގައި އެފަދަ ދެވަނައެއް ނެތް ހުނަރުވެރިއެއް. ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތެއް ލިބިއްޖެ ނަމަ، ހަމަ ޔަގީނުން ވެސް އަމީތާބާ އެކު މަސައްކަތް ކުރާނަން."
ލިއޮނާޑޯ އިތުރަށް ސިފަ ކުރި ގޮތުގައި އަމީތާބަކީ "ޕާފެކްޓް ޖެންޓްލްމަން" އެކެވެ.
އުމުރުން މިހާރު 71 އަހަރުގެ އަމީތާބަކީ ބޮލީވުޑްގެ ކޮންމެ ތަރިއަކު ވެސް، އެ މީހެއްގެ ފިލްމީ ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި އަމީތާބާ އެކު އެއް ފިލްމެއްގައި މަސައްކަތް ކުރަން ލިބޭނެ ފުރުސަތަކަށް އެދިއެދި ހުންނަ ތަރިއެކެވެ.