ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަށް އެސްއޯއެފް އިން އެއްމިލިއަން ޖަމާކުރުމުން ބޭންކުން ދޫކުރި ޑިޕޮސިޓް ސްލިޕްފައިވާ ޗެކް ނަމްބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓްގައިވާ އެ ޗެކްގެ ނަމްބަރު ދިމާނުވާތީ އެކަން ސްޕްރީމް ކޯޓުން ސާފުކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އެކަން ކުރަން ޖެހުނީ ރައީސް ޔާމިން އެކަންޓަށް އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރަކީ ވޮޑުމުލާ ކުއްޔަށް ދީގެން ހޯދިފައިސާކަން ދައުލަތައް ސާބިތުކޮށް ނުދެވޭ ކަމަށްބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ފާހަގަކޮށްފައިވާ ނުކުތާގެ ދިރާސާކުރުމުގެ ތެރެއިން ފަނޑިޔާރުންނަށް އެކަން ފާހަގަކުރެވުމުންނެވެ.
އެގޮތުން ސުޕްރީމް ކޯޓަށް ފަހުން ލިބިފައިވާ އެ ޗެކަކީ ދައުލަތުން ދައުވާކުރި މައްސަލައާ ގުޅޭ ޗެކްތޯ ދައުލަތުގެ ވަކީލުންގެ ކިބައިން ފަނޑިޔާރުން ސާފުކުރެއްވި އެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ މޮރިޝަލްސް ކޮމާޝަލް ބޭންކްގެ އެ ޗެކުގައިވާ ޗެކް ނަމްބަރު ޑިޕޮސިޓް ސްލިޕްގައި ޖަހާފައިވާއިރު އެންމެ ފަހު ނަމްބަރު ދިމާނުވާ ކަމަށެވެ. ނަމަވެސް އެއީ ލިޔުމުގެ ކުށެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
"އެ ޗެކް އެންޓަރކުރިއިރު ހަތަރަކާއި ފަހަކާއި އޮޅިފައި އޮތް ކަމަށް މި ބެލެވެނީ،" ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވި އެވެ.
އެއީ ދައުލަތުން ކޯޓަށް ހުށައެޅި ޑިޕޮސިޓް ސްލިޕްގައިވާ ނަމްބަރާއި ޖަމާކުރި ޗެކްގައިވާ ނަމްބަރު ތަފާތުއިރު ޑިޕޮސިޓް ސްލިޕަށްބަލާ އެއީ އެޗްކަން ކަށަވަރުކުރާނީ ކިހިނެތްތޯ ވެސް ފަނޑިރުން ސާފުކުރި އެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ އެސްއޯއެފް އިން އެއްމިލިއަން ޑޮލަރު ރައީސް ޔާމިން އެކައުންޓަށް ޖަމާކުރި ތާރިޙްގައި އެ އެކައުންޓަށް އެހެން އެއްްވެސް ފައިސާއެއް ޖަމާކޮށްފައިނުވެ އެވެ.
"ޗެކް ޑިޕޮސިޓް ސްލިޕްގައި ފާހަގަކޮށްފައި އެބަވޭ އެސްއޯފްގެ އެކައުންޓް ނަމްބަރުވެސް. މިއަދަދަށް އެހެން ފައިިސާ ޖަމާވެފައި ނެތީމަ އެމްސީބީގެ ޗެކް ކަމަށް ބަލަން އެބަ ޖެހޭ. އެއީ އެއްމިލިއަންގެ އެހެން ޗެކެއް ޖަމާވެފައި ނެތީމަ،" ނައުފަލް ވިދާޅުވި އެވެ.
ރައީސް ޔާމިނާ ދެކޮޅަށް ކްރިމިނަލް ކޯޓުގެ ދައުވާ އުފުލިއިރު ރައީސް ޔާމިންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާވިކަން ސާބިތުކޮށްދޭން ދައުލަތުން ހުށައަޅާފައިވަނީ އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓާއި އިސްލާމިކް ބޭންކަށް އެއްމިލިއަން ޑޮލަރު ޖަމާކުރި ޑިޕޮސިޓް ސްލިޕެވެ. ދައުލަތުން ބުނީ އޭރު ކްރިމިނަލް ކޯޓަށް ޗެކް ހުށަނޭޅުނީ ފުލުހުން ތަހްގީގުކުރުމަށްފަހު އެ ޗެކް ފޮނުވާފައި ނުވާތީ އެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތައް ދައުވާކުރި މައްސަލައިގައި ދައުލަތުން ވަނީ އެޗްވެސް ހުށައަޅާފައިކަން ފަނޑިޔާރުން ސާފުކުރުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އެ މައްސަލަގައި ޕީޖީ އޮފީހުގައި މަސައްކަތްކުރީ އެހެން ވަކީލުންތަކެއް ކަމަށާއި ޒިޔަތުގެ މައްސަލައިގައި ހިމެނޭ ލިޔެކިއުންތައް އެހެން ވަކީލުންނާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅޭ ގޮތުން ރައީސް ޔާމިންގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ޕީޖީ އޮފީހުގެ އެހެން ވަކީލުންނާ ހުންނަންވާނީ ހިއްސާ ކުރެވިފައި ކަމަށެވެ. އަދި އެހެންމެ ނަމްބަރު ޖެހުމުގައި އޮޅުމެއްވާނަމަ އެކަން ދައުލަތުން އޮންނަންވާނީ ދަށުކޯޓުގެ މަރުހަލާގައި ފާހަގަކޮށްފައި އޮންނަންވާނެ ކަމަށެެވެ.
"މި މައްސަލައިގެ ތެރޭގައި ދައުލަތުން ވިދާޅުވާ ފަދައިން އޮޅުމެއް އޮތްކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ދައުލަތުގެ އިހްމާލު އެކަމުގައި އޮތްކަމަށް ކަނޑައެޅިގެން އެބަ ސާބިތުވޭ،" ޝިޔާޒް ވިދާޅުވި އެވެ.
މި މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވާފައި މި ވަނީ އަޑުއެހުންތައް ނިންމާލުމަށްފަހު އެވެ. މިއަދުވެސް ފަނޑިޔާރުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިސެސްއަށް ދިއުމުގެ ކުރިން އެ މައްސަލައިގައި ހުކުމް ކުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.