އައްޑޫ ކައުންސިލުގެ 10 ކައުންސިލަރުންނާއި މޭޔަރު އަލީ ނިޒާރު އަދި އިދާރީ 2 މުވައްޒަފުންގެ އިތުރުން ވަގުތީ އެސްޖީ މުހައްމަދު ހަލީމް މިމަހުގެ 13 އިން 17 ވަނަ ދުވަހާއި ހަމައަށް މާލެ އަށް ކުރި ދަތުރުގެ އެއްވެސް ތަފްސީލެއް ހާމަ ނުކުރާތީ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އައްޑޫލައިވް އާއި ވާހަކަދެއްކި ހިއްސާކުރި ހުޅުދޫގެ ރައްޔިތަކު ބުނީ ކައުންސިލަރުން ގްރޫޕު ހަދައި މާލެއަށް ކުރި ދަތުރުގައި ރައްޔިތިުންނަށް ލިބުނު އެއްޗެއް ހާމަ ނުކުރާތީ ކަންބިޮޑުވާކަމަށެވެ. އަދި މިމައުލޫމާތު ހޯދައި އައްޑޫ ރައްޔިތުންނަށް ގެނެސްދިނުމަށް އޭނާ ވަނީ ނޫސްވެރިންގެ ކިބައިން އެދިފައެވެ.
އައްޑޫ ކައުންސިލްގެ 13 މީހުން ހިމެނޭ ވަފުދެއް މާލެ ގޮސް ބައެއް ވުޒާރާތަކާއި ވަނީ ބައްދަލުކޮށްފައެވެ. އަދި ބައްދަލުވުން ތަކުގައި ނަގާފައިވާ ފޮޓޯ ކައުންސިލްގެ ފޭސްބުކް ޕޭޖަށްވަނީ އަޕްލޯޑުކޮށްފައެވެ. ތަފްސީލެއް ދިނުމެއް ނެތި ކައުންސިލުން ފޮޓޯ އާއްމުކޮށް ޖަހާފައިވަނީ "ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުންތަކުގައި ކުރެވުނު މަޝަވަރާއެއް، ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރެވޔުނު ކަމެއް ހާމަކޮށްފައި ނުވެއެވެ.
"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި އައްޑޫ ކައުންސިލައި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވީ ނުރަސްމީކޮށެވެ. ހަވީރުގެ ސައިފޮދަކާއި އެކު އިއްޔެ ހަވީރު އާރަށުން ބައްދަލު ކުރެއްވި އިރު އެބައްދަލުވުމަކީ ރަސްމީ ބައްދަލުވުމެއް ނޫނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިއަދު އައްޑޫލައިވްއަށް ވިދާޅުވީ ރައީސް އާއި އެކު ކައުންސިލުން ރަސްމީ ވާހަކަތަކެއް ދެކެވިފައިވޭތޯ އޮޅުން ފިލުވުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.
ކައުންސިލަރުންގެ މާލެ ދަތުރާއި ގުޅޭގޮތުން ކައުންސިލުން މީޑިއާއަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވައިބާ ގްރޫޕްގައި އައްޑޫލައިވްއިން ތަކުރާރުކޮށް ދަތުރާއި ގުޅޭ ތަފްސީލު ހޯދުމަށް ސުވާލުކުރުމުންވެސް އެއްވެސް ޖަވާބެ ނުދިނެވެ. މިކަމާއި ގުޅިގެން މިއަދި އައްޑޫލައިވްއިން ކައުންސިލްގެ ވަގުތީ އެސްޖީ މުހައްމަދު ހަލީމުއަށް ގުޅުމުން ވިދާޅުވީ އައްޑޫލައިވްއިން ދަތުރުގެ ސުވާލު ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި އެ ކަމަށް ޖަވާބު ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ހަލީމު ވިދާޅުވިއެވެ.
ދަތުރާއި ގުޅޭގޮތުން ހަލީމު އާއ ސުވާލު ކުރުމުން ވިދާޅުވީ ދަތުރުގެ މައުލޫމާތު ލަފާކުރެވޭ ގޮތުގައި މޭޔަރ ދެއްވާނެކަމަށެވެ. ނަމަވެސް އެކަން ކުރައްވަން ނިންމަވާފައިވާ ކަމެއް ނުވަތަ ނޫންކަމެއް ހަލީމު ވިދާޅެއް ނުވެއެވެ.
ހަލީމު ވިދާޅުވީ ދަތުރުގެ ހަރަދުތައް ހޯދުމަށް ނޫސްވެރިން އެދުނު ނަމަވެސް އެ މައުލޫމާތު ދެވޭނީ ދަތުރު ނިންމުމަށްފަހު ކމަަށެވެ. ތަކުރާރުކޮާް ދަތުރަށް ބަޖެޓު ކުރެވިފައިވަނީ ކިތައް ފައިސާތޯ އެހުމުން އެކަމަށް ހަލީމުވެސް ޖަވާބެއް ނުދެއްވިއެވެ.
މީގެ ކުރިން ކައުންސިލުން ކުރާ މިފަދަ ދަތުރުތަކުގެ ތަފްސީލު މީޑިއާތަކުން ސުވާލު ކުރުމުން ހާމަކޮށްފައިވާ އިރު ބައެއް ބައްދަލުވުމުންތަކަށް ފުރުމުގެ ކުރިންވެސް ދަތުރާއި ގުޅޭ މައުލޫމާތު މީޑިއާތަކަށް ހާމަކޮށްފައިވެއެވެ. އަދި މާލެ ތިއްބަވައިގެންވެސް ދަތުރު ތަފްސީލު ރައްޔިތުންނާއި ހިއްސާކޮށްފައިވެއެވެ.
އައްޑޫ ކައުންސިލުން މާލެ ދިޔަ ޓީމު ރޭ ދަންވަރުވަނީ އެނބުރި އައްޑޫއަށް އައިސްފައެވެ.