Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު ޝަރުއީ ދާއިރާ

ހަތިމަށް ކުޅުޖެހި މީހާގެ ބަންދު މުއްދަތު އިތުރުކޮށްފި

މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅުޖެހި ހަސަން ޒިޔާދުގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.

އިބްރާހިމް މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލާގައި ބަންދުގައި ހުރި ޒިޔާދްގެ ބަންދު މުއްދަތު އިތުރުކުރުމަށް އިއްޔަ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ދީފައެވެ.

މީނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.

ބަންދު އަޑުއެހުމުގައި ޒިޔާދު ބުނެފައިވަނީ، ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެފައިވާނެކަމަށާއި، ފުލުހުނަށް އެއްބާރުލުން ދޭނެކަމަށެވެ. އަދި އާއިލާގެ ފަރާތުން އޭނާއާ ހަވާލުވާނެކަމަށާއި، މިފަދަ އަމަލެއް އިތުރަށް ތަކުރާރު ނުކުރާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ޒިޔާދު އަޑުއެހުމުގައި ބުނެފައިވެއެވެ. އަދި އޭނާވަނީ ޝަރުތުކޮށް ގޭބަންދަށް ދޫކޮށްދިނުމަށް އެދިފައެވެ.

ޒިޔާދުގެ ވާހަކައަށް ރައްދުދީ އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ ތަހުގީގު މަރުހަލާގައި އޭނާ ހަނުހުރެފައިވާކަމަށެވެ. އަދި އޭނާއަކީ ކުށް ތަކުރާރު ކުރާފަރާތެއް ކަމަށާއި، ޝަރުތާއެކު ބަންދުން ދޫކުރުމަށް އިއުތިރާޒުކުރާކަމަށެވެ.

ޒިޔާދަކީ މީގެކުރިން މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވާ ފަރާތެކެވެ.