ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.
މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް މައްސަލަ ބަލަމުންދަނިކޮށް އިތުރު ކަމެއް ފާހަގަ ކުރުމަށްޓަކައި އިތުރު އަޑުއެހުމެއް މި މަހުގެ 18 ވަނަ ދުވަހު ބާއްވާފައިވެ އެވެ.
ރައީސް ޔާމިންގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލް އަހްމަދު މިއަދު ފޭސްބޫކް ވިދާޅުވެފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ 8.45ގައި ރައީސް ޔާމިންގެ މައްސަލައިގައި ހުކުމްކުރުމަށް ބާއްވާ ޝަރީއަތައް ހާޒިރުވުމަށް ކޯޓުން ޗިޓް ލިބިފައިވާ ކަމަށެވެ.
ރައީސް ޔާމިނަށް ފަސް އަހަރުގެ ޖަލު ހުމެއް ކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.