ވޯޓު ދިނުމަކީ ތިބާގެ ހައްގެކެވެ. ތިބާ ބޭނުން ކޮންމެ ކެންޑިޑޭޓަކަށް ތިބާއަށް ވޯޓު ދެވި ދާނެ އެވެ. އެ ކަމަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ބާރެއް ނުފޯރޭނެއެވެ. ޕާޓީއަކުން ވަކި މީހަކަށް ވޯޓު ދިނުމަށް ބާރެއް ނޭޅޭނެއެވެ. އެއާއި އެކު ވޯޓަކީ ސިއްރު ވޯޓެކެވެ.
އަންނަ ހަފްތާގެ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބް ބޭއްވުމަށް އިލެކްޝަނުން މަސައްކަތް ކުރަމުން އަންނަ އިރު އިންތިހާބްގައި ވާދަކުރާ ކެންޑިޑޭޓުން ވަރުބަލި ކަމެއް ނެތި ރެއާއި ދުވާލު އަންނަނީ ކެމްޕެއިން ކުރަމުންނެވެ.
ވޯޓަށް ހަފްތާއަކަށް ވުރެ ކުޑަތަންވެފައިވާއިރު އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލާފައިތިބި ކެންޑިޑޭޓުންނާއި މެދު އެންމެން ވެސް ވިސްނާލަން ޖެހެ އެވެ. ހާއްސަކޮށް ކުރިން ކައުންސިލް ތަކުގައި ތިބެ އިންތިހާބަށް ކުރިމަތިލީ ބޭފުޅުންނާއި މެދުއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ހަ ގޮނޑީގެ ތެރެއިން ތިން ގޮޑިއަށް މިހާރު ކައުންސިލްގައި ތިއްބެވި 3 ކައުންސިލަރުންވަނީ ވާދަކޮށްފައެވެ. އެބޭފުޅުން އެދެމުންދަނީ އިތުރު 3 އަހަރުގެ ފުރުސަތަކަށެވެ. އެކަމުގެ ނިޔާ ކަނޑައެޅުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. އެދާއިރާ ތަމްސީލުކުރާ ރައްޔިތުންނަށެވެ.
ހޮނިހިރު ދުވަހުގެ ވޯޓުގައި ތިބާގެ ޒިއްމާ އަދާކުރުމުގެ ކުރިން ކައުންސިލްގައި ތިއްބެވި ބޭފުޅުންގެ ޒިއްމާތަކާއި މެދު ވިސްނާލަންޖެހެއެވެ. ދެވަނަ ފުރުސަތަކަށް އެދިގެން އަންނަ އިރު އެބޭފުޅުން ދައްކާ ވާހަކަތައް އަޑުއަހާ ވިސްނަން ޖެހެއެވެ. އަދި އަލަށް ކައުންސިލަށް ކުރިމަތި ލައްވާ ތިއްބެވި ބޭފުޅުންގެ ފަސްމަގަށްވެސް ބަލާލަން ޖެހެއެވެ.
ކުޑަ މިސާލެއް ދަންނަވާފާނަމެވެ. ގެއެއްގެ ގެންގުޅެން ބޭރުން ގެންނަ ނޯކަރު މީހާ އާއި ބެހޭ ގޮތުން ވެސް އަޅުގަނޑުމެން މައުލޫމާތު އެއްކުރަމެވެ. އޭނާއަކީ ހީވާގި ކަންއެނގޭ މީހެއްތޯ ބަލާލެވެއެވެ. ސާފު ތާހިރު މީހެއްތޯ ބަލާލެވެއެވެ. އޭނާ އަކީ ކުރިން އެހެން ތަނެއްގައި މަސައްކަތް ކުރި މީހެއް ނަމަ އެތަނުގައި މަސައްކަތް ކުރި ގޮތްވެސް ބަލާލައެވެ.
އެކަމަކު އަޅުގަނޑުމެންގެ ކަން ކަން ކުރުމަށް ހޮވާ ކައުންސިލަރުންނަކީ ކޮންބައެއްތޯ އަހަރެމެން ބަލާކަށް ބޭނުމެއް ނުވެއެެވެ. ޕާޓީ ޕްރައިމަރީއިން ހޮވިއްޖެނަމަ އެމީހަކީ ކިތަންމެ ނާގާބިލް މީހަކަށްވިޔަސް ވަރިހަމައެވެ. މަގޭ ވޯޓު މަދޭނީ މަޕާޓީ ކެންޑިޑެޓަށް ކަމަށް ބުނާއަޑެވެ. މީގެ ހިތި ނަތީޖާ މާޒީން އަޅުގަނޑުމެންނަށް ވަނީ ފެނި ގޮސްފައެވެ.
ކުރިންވެސް ފާހަނގަކުރި ގޮތަށް މިހާރު ކައުންސިލްގައި ތިބެ ދެވަނަ ފަހަރަށް ކުރިމަތި ލެއވިް ބޭފުޅުންގެ މާޒީން ބައެއް ކަން ބަލާލަން ޖެހެއެވެ. އެބޭފުޅުން އަޅުގަނޑުމެންގެ ސިޓީ ތަރައްޤީ ކުރުމަށް ކުރި މަސައްކަތެވެ. އެކަމުގެ ނަތީޖާއެވެ. އެމީހުން ހެއްދެވި ޕްލޭނެއް، ހަރަދު ކުރައްވާނެ ބަޖެޓެއް، ބަޖެޓް ހޯދާނެ ގޮތެއް، ލިބުނު މިންވަރެއް ރައްޔިތަކާއި ހިއްސާ ކުރީ ދައުރު ނިމެން މަސް ދުވަހަށް ވެފައި ވަނިކޮށެވެ. އެކަމެއް ކުރީ މަގްސަދަކީ އަލުން ދެވަނަ ފަހރު އިންތިހާބްގައި ވާދަކުރުން ނޫންކަމަށް ނުވާކަން ޔަޤީނެވެ.
އަޅުގަނޑުމެން އެންމެން ވިސްނަންވީ ޕާޓީގެ ވިސްނުމުގެ ބަދަލުގައި މުޅި މުޖްތަމައުގެ ފައިދާއަށް ވިސްނާ ބަޔަކަށް ކައުންސިލުން ފުރުސަތު ދިނުމެވެ. އެކަން ކުރުމަށް އަޅުގަނޑުމެންގެ ވާޖިބް އަދާކުރަންޖެހެއެވެ. އެހެން ނޫންނަމަ ދެންވެސް ތިބެން ޖެހޭނީ ކަމެއް ނުވި ވާހަކަ ދައްކާލަ ދައްކާލައެވެ.