އައްޑޫ ސިޓީން އިތުރު 25 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 25 ކޭސްގެ ތެރެއިން 22 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި 2 ކޭސް މަރަދޫއިން ފެނިފައިވާއިރު، އެހެން އެއްވެސް އަވަށަކުން އިތުރު ކޭހެއް ފެނިފައި ނުވާކަމަށެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް އުޅެނީ ހިތަދޫ އަވަށުގައެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 183 ކޭސް އުޅޭއިރު، މަރަދޫގައި 43 ކޭސް، ފޭދޫގައި 26 ކޭސް، މަރަދޫފޭދޫގައި 4 ކޭސް، މީދޫގައި 39 ކޭސް އަދި ހުޅުދޫގައި ފަސް ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އަދި ގަމުގައި 2 ކޭސް އުޅޭކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 302 އަށް އަރާފައެވެ.
އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި 3 މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން 11 މީހުން ވަނީ ނިޔާވެފައެވެ.