Last Updated: November 25, 10:32
Monday, November 25, 2024
ދުނިޔެ

ކޮވިޑްގެ އާ ވޭރިއަންޓް ޔޫރަޕްގެ ގައުމުތަކުން ފެންނަން ފަށައިފި

ކޮވިޑް-19ގެ އާ ވޭރިއަންޓް ކަމަށްވާ "އޮމިކްރޮން" ޔޫރަޕްގެ ގިނަ ގައުމުތަކުން ފެންނަން ފަށައިފި އެވެ.

އެގޮތުން މި ވޭރިއަންޓް އިނގިރޭސިވިލާތާއި، އިޓަލީ އާއި ޖަރުމަނާއި ބެލްޖިއަމް އިން މިހާރު ވަނީ ފެނިފަ އެވެ. އަދި އާ ވޭރިއަންޓަށް ޝައްކު ކުރެވޭ މީހެއް ޗެކް ރިޕަބްލިކުން ވެސް ވަނީ ފެނިފަ އެވެ.

މީގެތެރެއިން އިނގިރޭސިވިލާތާއި ޖަރުމަނުން ވަނީ އާ ވޭރިއަންޓާއި ގުޅުންހުރި ދެ ކޭސް ފެނިފަ އެވެ. އެ ދެ ކޭސް އަކީ ވެސް ދެކުނު އެފްރިކާ އަށް ދަތުރުކޮށްފައިވާ މީހުންނާއި ގުޅުންހުރި ކޭސްތަކެކެވެ.

އާ ވޭރިއަންޓާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ މިއީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި މިއީ ކޮވިޑް-19 ކުރިން ޖެހިފައި ތިބި މީހުންނަށް ވެސް ޖެހޭ ވޭރިއަންޓެއް ކަމަށް ލަފާކުރެވޭއިރު މިއީ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާ ވޭރިއަންޓެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ މިހާރު އުފައްދާފައިވާ ކޮވިޑް ވެކްސިންތަކަށް މި ވޭރިއަންޓް ގުޑާނެކަން ކަށަވަރު ކުރުމަށް އަދި އިތުރު ދުވަސްތަކެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކުރާ ގޮތުގައި އާ ވޭރިއަންޓުގެ ގާތްގަނޑަކަށް 100 ކޭސް މިހާތަނަށް ވަނީ ފެނިފައެވެ. އެންމެ ގިނައިން ކޭސްތައް ފެނިފައި ވަނީ ސައުތު އެފްރިކާ އިންނެވެ.

އާ ވޭރިއަންޓާއެކު އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން ގައުމުތަކުން މިހާރު އަންނަނީ ވަގުތީ ގޮތުން މަނާކުރަމުންނެވެ.