Last Updated: November 25, 10:02
Monday, November 25, 2024
ޚަބަރު

އިނގިރޭސި ރާނީއާ ވަކިވެ، ބާބޭޑޯސް ޖުމްހޫރިއްޔަތަކަށް ބަދަލުވަނީ

ބާބޭޑޯސްގެ ރާނީ އެލިޒަބަތާއެކު، އެ ގައުމުގެ ގަވަނަރ ޖެނެރަލް

އިނގިރޭސި ރާނީގެ ރަނިކަމުގެ ދަށުން ބާބޭޑޯސް މިނިވަންވެ، ޖުމްހޫރިއްޔަތަކަށް ބަދަލުވާން އެ ގައުމުން ނިންމައިފި އެވެ.

ބާބޭޑޯސްގެ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު ރާނީ އެލިޒަބެތަށް ގެއްލުމާއެކު، އެ ގައުމުގެ ރައީސްކަމަށް ގަވަނަރ ޖެނެރަލް ސޭންޑްރާ މޭސަން އިސްވާނެ އެވެ.

1966 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދި ބާބޭޑޯސްގެ ގަވަނަރ ޖެނެރަލް އަދި ކުރިއަށް އޮތްތަނުގައި އެ ގައުމުގެ ރައީސް ސޭންޑްރާ ވިދާޅުވީ، އިނގިރޭސިންގެ އަޅުވެތިކަމުގެ ތާރީޚާ މުޅިން ވަކިވާންޖެހޭ ކަމަށެވެ.

ދުނިޔޭގެ އެންމެ ހަގު ޖުމްހޫރިއްޔާގެ ޝަރަފު ބާބޭޑޯސްއަށް މިރޭ ލިބޭއިރު، މޭސަން އެ ގައުމުގެ ރައީސްކަމާ ހަވާލުވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގަންނަވާނީ އިނގިރޭސި ވަލީއަހުދު އަމީރު ޗާލްސް އެވެ.

ބާބޭޑޯސް އަކީ 285،000 އާބާދީއެއް އޮންނަ ކެރީބިއަންގެ ގައުމެކެވެ.