ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިން ރައީސް ކަމަށް ގަބޫލުކުރާ އެެތައް ދިވެހިންނެއް އެބަ ތިއްބެވެ. އެއީ ރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި އަދި ދައުލަތުގެ މުދަލުން އެންމެ ބޮޑު ވައްކަމެއް ކުރި ރައީސް ކަމަށް ގަބޫލުރާ އެތައް ހާސް ދިވެހިނެއް ވެސް މި ރާއްޖޭގައި އެެބަ ތިއްބެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ދެންވެސް އެންމެ ރަނގަޅު ކެންޑިޑޭޓަކަށްވާނީ ރައީސް ޔާމިން ކަމަށް ކަމަށް ގަބޫލުރާ އެތައް ހާސް ދިވެހިންނެއް މި ރާއްޖޭގައި ތިބިއިރު ދައުލަތުގެ މުދަލުންކުރި ވައްކަމުގެ އަދަބެއް ގޮތުން އެމަނިކުފާނު ދެން އޮންނަން ޖެހޭނީ ޖަލުގައި ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ.
މިއަދަކީ ރައީސް ޔާމިންގެ ސަޕޯޓަރުންނާއި އެމަނިކުފާނާ އިދިކޮޅު ފަރާތްކަށް ބޮޑު ދުވަހެކެވެ. މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ފަހުގެ ތާރީހެއްގައި ދައުލަތުގެ ވެރިއެއްގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކުރެވި ޝަރުއީ މަރުހަލާގެ އެންމެ ފަހު ބަސް އިއްވޭ ދުވަހެވެ. މިއަދު ހެނދުނު 8.45 އަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނީ ރައީސް ޔާމިންގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑަރިންގެ ކުށާމެދު ޝަރުއީ މަރުހަލާއިން ބުނާނެ އެންމެ ފަހު ބަސް ބުނުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ.
ހުކުމް އަންނަ ގޮތަކުން ދެން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމިނަށް ވާދަ ނުކުރެއްވޭނެ
ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ ސުޕްރީމް ކޯޓަށް ހުށައައަޅާފައިވާ މައްސަލައިގައި މިއަދު ކުރާ ހުކުމާ ރައީސް ޔާމިންގެ ސިޔާސީ ކުރިމަގާ ވަރަށް ބޮޑަށް ގުޅެ އެވެ. ސަބަބަކީ ރައީސްމައްޗަށް މިހާރު ތަންފީޒުކުރަމުންދާ އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެމަނިކުފާނަށް ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ. މިއީ އެމަނިކުފާނަށް އޮތް ހަމަ އެކަނި އުއްމީދެވެ. ރާއްޖޭގެ ކޯޓު މަރުހަލާ އެހާ ހިސާބުން ނިމުނީ އެވެ.
ރައީސް ޔާމިނަށް މި ހުކުމް ކުރުން ވެގެންދާނީ އެމަނިކުފާނުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ގޮވަމުންއައި ގޮވެލިފަތި ރަނގަޅު އެއްޗަކަށްވެ ޝަރުއީ މަރުހަލާ ނިމުމެވެ. އަދި އެއީ ދައުލަތުގެ ހިޔާނާތުގެ ފައިސާ ރައީސް ޔާމިންގެ އަތްޕުޅަށް ލިބި އެ ބޭނުންވި ކަމަށް ދެކެވޭ ވާހަކަ ތެދެކަށްވުމެވެ.
ޝަރުއީ މަރުހަލާއިން ކާމިޔާބުވާނެ ކަމަށް ކުރެވޭ އުއްމީދު ނިމުމަކަށް އަންނާނެ
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު އެ މަނިކުފާނަށް އިއްޔެ ހުކުމާއެކު ޝަރުއީ މަރުހަލާއާމެދު ކޮންމެވެސް އުއްމީދެެއް އޮތެވެ. އެއީ މަތީ މަރުހަލާ ކޯޓުތައް އޭރު އަދި އޮތީތީ އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަށް ހައިކޯޓުން ކުރި ތާއީދާއެކުވެސް ސުޕްރީމް ކޯޓު މަރުހަލާގައި އެމަނިކުފާނާއި އެމަނިކުފާނުގެ ދިފާއީ ވަކީލުން އުއްމީދު ގެއްލުވައެއް ނުލަ އެވެ. އަދި މިއީ ރައީސް ޔާމިންގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އާ ފަނޑިޔާރުން ބުނާ އެންމެ ފުރަތަމަ ބަސް ކަމަށްވާތީ އެމީހުންނާ މެދު ކޮންމެވެސް އުއްމީދެއް ކުރާނެ އެވެ. ނަމަވެސް ޝަރުއީ މަރުހާގައި އެންމެ ފަހު ބަސް ބުނަން އޮތް ތަނުން ވެސް ރައީސް ޔާމިނަށް ކާމިޔާބު ނުވެެއްްޖެ ނަމަ އެއީ ލިބޭނެ ބޮޑު މާޔޫސްކަމަށްވާނެ އެވެ.
އިދިކޮޅު ފަރާތްތަކުގެ ސަމާލުކަންވެސް ބޮޑު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުދިން އެންމެނަށްވެސް ލިބުނު އަނެއް ޗޮއިސްއަކީ ރައީސް އަބްދުﷲ ޔާމިނެވެ. ނަމަވެސް ރައީސް ޔާމިންގެ މައްޗަށް އޭރުވެސް ކުރެވެމުންދިޔަ ތުހްމަތުތަކާއެކު އެމަނިކުފާނަށް ގިނަ ބަޔަކު ވޯޓު ނުދިންއިރު އެ ވާހަކަތަކަކީ ސާބިތު ހިފޭ ވާހަކަތަކަށްވާނީ މިއަދުގެ މި ހުކުމާއެކު އެވެ. އެހެން ކަމުން އިދިކޮޅު ފަރާތްތަަކަށް ވެސް މިއީ ޝައުގުވެރިކަން ބޮޑު ހުކުމަކަށްވާނެ އެވެ.
ކޯޓުން ހުކުމް ކުރުމުގެ ކުރިން ހުކުމަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ދެއްކުމަކީ ކުށެއް ނަމަވެސް މި ހުކުމާމެދު ނުސީދާ ގޮތުންނާއި ސިދާ ގޮތުން ބައެއް ފަރާތްތަކުން ވަނީ ބަސް ބުނެފަ އެވެ. އެގޮތުން ސަރުކާރު ހިންގައި މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ، ބައެއް މެމްބަރުން ވަނީ ރައީސް ޔާމީންގެ ހުކުމަށް ތާއީދުކުރަންޖެހޭ މޭރަމަކުން ވާހަކަ ދައްކަވާފަ އެވެ.
އަދި ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން ވަނީ ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެހެންމެ އިދިކޮޅު ބައެއް މެމްބަރުން ދެކޭ ގޮތުގައި މިއީ ހަމަ އެކަނި ރައީސް ޔާމިނާ ގުޅިގައިވާ ހުކުމެއް ނޫނެވެ. އެގޮތުން ޔާމީނަށް ކުރާ ޙުކުމް ގުޅިފައިވަނީ ޤައުމުގެ ދިރުމާއި މަރުވުމާ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ ވިދާޅުވެފަ އެވެ.
SC in RY ah kuraa hukum gulhifaivanee Gaumuge dhirumai maruvumai. Gaumu dhiruvigen menuvee Zuvaanun ge hissaa bodu kureveykah neh. Kaigen boigen ulheveykah neh. Gaumu dhiruveyne ekasheyne hama ekani veriyakee RY.
— Hussain Mohamed Latheef (@HucenSembe) November 26, 2021
މިއަދުގެ ހުކުމާމެދު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންގެ ހިތުގައި އޮތީ ވަރަށް ބޮޑު ޔަގީން ކަމެކެވެ.
SC nufuz ah guda varah vure ma funnaab us kamah gabool koh 30/11 gai haqqu hukum kuravvane kan yageen kuran. Eyrun RY minivan vaane In Sha Allah.
— Mohamed Ghassan Maumoon (@mgmaumoon) November 25, 2021
ރައީސް ޔާމިންގެ ސަޕޯޓަރުންގެ ވާހަކަތައް މިފައިން ހުރިިއިރު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތިބީ މި ހުކުމް ރައީސް ޔާމިނާ އެއްކޮޅަށް ނުކުރާނެ ކަމަށް އުއްމީދު ކޮށްގެނެވެ. އެކަން އެންމެ ބޮޑަށް އިނގެނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކޮށްފައިވާ ޓުވީޓުންނެވެ.
Mahaa Wagaku minivan vumakee SC aai medhu ufedhifai oih ithubaaru gelligen dhaane kameh!
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 25, 2021
މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓިފައިވިއަސް މި ހުކުމާމެދު އެންމެ ފަހު ބަސް ބުނާ ސުޕްރީމް ކޯޓުގެ ހުކުމް ބިނާ ވާނީ ކޯޓުގައި ދެ ހަސްމުން ދެއްކި ވާހަކަތަކާއި ހުށައެޅި ހެކިތަކުގެ މައްޗަށެވެ.