ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ވަނުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ދަންވަރުން ފެށިގެން ކިޔޫއަށް އަރައިފި އެވެ.
މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށްދޭން އެދި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގައި ހުކުމް ކުރުން އޮންނާނީ މިއަދު ހެނދުނު 8.45ގައި ބާއްވާ ޝަރީއަތުގެ މަޖިލީހުގަ އެވެ. ސުޕްރީމް ކޯޓުގެ މި މަޖިލީހަށް އާއްމުންނަށް ވަދުމަށް ހުޅުވާލާފައިވީ ނަމަވެސް އެތަނަށް ވަދެވޭނީ ޖުމްލަ 15 މީހުނަށެވެ. އޭގެ ތެރޭގައި ތިން ޖާގަ ބޮޑީގާޑުންނަށް ހާއްސަކުރާއިރު އާއްމުންގެ ތެރެއިން ވަދެވޭނީ 12 މީހުނަށެވެ.
އެ މަޖިލީހަށް ވަނުމަށް ޖާގަ ހޯދަން ރޭ ރައީސް ޔާމިންގެ ސަޕޯޓަރުން ތެރެއިން އެއް ބަޔަކު ކިޔުއަށް އެރީ ދަންވަރު 12 ޖެހީއިރު އެވެ. އޭރުން ސުރެ ހެނދުނު މިހާތަނަށް މީހުން ކިޔޫގައި ތިބިއިރު އިރު އެރުމުގެ ކުރިން 12 މީހުންގެ ވަނީ ކިޔޫއަށް އަރާފަ އެވެ. އެހެން ކަމުން މިއަދުގެ އެ އަޑުއެހުމަށް ދެން އިތުރު އާއްމު މީހަކަށް ވަނުމަށް ޖާގައެއް ނުލިބޭނެ އެވެ.
ސުޕްރީމް ކޯޓުން މިހާރު އަމަލުކުރަމުންދާ އުސޫލުގެ މަތިން މިއަދުގެ މި ޝަރީއަތުގެ މަޖިލިސްވެސް ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކޮށް ދައްކާނެ އެވެ.

ރައީސް ޔާމިން ފަސް އަހަރަށް ޖަލަށް ލުމަށާޢި ފަސް މިލިއަން ރުފިޔާއިން ޖޫރިމާކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފަ އެވެ. އެހެން ކަމުން ސުޕްރީމް ކޯޓުން ކުރާ ހުކުމާއެކު މި މައްސަލައިގައި ޝަރުއީ މަރުހަލާ ނިމޭނެ އެވެ.