ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ފަނޑިޔާރު މަހާޒުގެ ރައުޔު އިއްވަމުން ވިދާޅުވީ، މި މައްސަލައިގައި ތަހުގީގު މަރުހަލާގައި ދީފައިވާ ގާނޫނީ އިންޒާރުގައި މަނީލޯންޑްރިންގެ ތުހުމަތުކުރެވޭ ކަމަށް ބުނެފައިނުވާކަމަށް ޔާމީންގެ ފަރާތުން ބުނިނަމަވެސް، ވަކީލުންގެ ހާޒިރުގައި ސޮއިކޮށްފައިވާބަޔާނުގައި މަނީލޯންޑްރިންގެ ކުށުގެ ވާހަކަ ބަޔާންކޮށްފައިވާކަމަށެވެ. ޔާމީންގެ މައްޗަށް މިމައްސަލައިގައި އުފުޅާފައިވާ ދައުވާއަކީ ތަފާތުކޮށްގެން ހަމަހމަކަމުގެ އުސޫލުން ބޭރުން އުފުލާފއިވާ ދައުވާއެއްކަމަށް ޔާމީންގެ ފަރާތުން ބުނިނަމަވެސް، އެކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ޔާމީންގެ ފަރާތުން ހުށަހަޅާފައިނެތްކަން ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ. މިމައްސަލައިގެ ދައުވާގައި ޔާމީނަށް ލިބިފައިވާ ފައިސާއަކީ ވޮޑަމުލާގެ ފައިސާކަމަށް ބަޔާންކޮށްފައިނެތުމުން، އަދި ކުށް ހިނގިތަނާއި ވަގުތު ނެތުމުން އެކަން ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވީ އެކަންކަމަކީ ދައުވާ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫންކަމަށެވެ.
ޔާމީންގެ ފަރާތުން މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް އެކުލަވާލީ ގާނޫނާ ހިލާފަށްކަމަށް ބުނާއިރު، ފަނޑިޔާރު މަހާޒް ވަނީ ގާޒީންގެ މަޖިލިސް އެކުލަވާލީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ތާއީދު ކުރައްވާފައެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީން ޑޮލަރުން ޖުރިމަނާކުރުމަށްނިންމާ ފަސް މިލިއަން ޑޮލަރުން ޖުރިމަނާ ކުރުމުން އެކަން ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވާއިރު ފަނޑިޔާރު މަހާޒް ވިދާޅުވީ ޑޮލަރުން ޖުރިމަނާ ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމި ނިންމުން ގޯސްކަމަށް ނުބެލެވޭނެކަމަށެވެ. އެހެންނަމަވެސް ޖުރިމަނާގެ އަަދަދު މަތިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުގައިވެއެވެ.
މީގެއިތުރުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމާމެދު ޝައްކު އުފެދިފައިވަކަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. ޔާމީނާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރި އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަށް، އެހެން ހެކިތަކުން ބާރު ލިބޭ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލު ނުކުރެވޭކަމަށް ވެސް ފަނޑިޔާރު މަހާޒްގެ ރައުޔުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހަށް ބުރަނުވެވޭނެ ކަމަށް ވެސް ފަނޑިޔާރު މަހާޒްގެ ރައުޔުގައި ފާހަގަކޮށްފައިވެއެވެ.
މިމައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލު ކުރުމަށެވެ.
ގއ. ވޮޑަމުލާ ކުއްޔަށްދީ, ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރޭގައި ހިމެނޭއިރު, އެ ފައިސާ އެސްއޯއެފް ކުންފުންޏަށް ޖަމާކޮށް އެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން, އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކޮށްފައިވާކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން ޑޮލަރުން ޖުރިމަނާ ކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގެ މި ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ.
ވޮޑަމުލާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރިއިރު, ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.