ކަލާޒް ޗެނަލުގެ މަޝްހޫރު ރިއަލިޓީ ޝޯ އަދި ފާއިތުވި ހަތަރު އަހަރު ސަލްމާން ހާން ހުށަހަޅައި ދިން "ބިގް ބޮސް" ގެ އާ ސީޒަނުގެ ހޯސްޓަކަށް ރަންބީރު ކަޕޫރު ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ބިގް ބޮސް" ގެ އަށް ވަނަ ސީޒަނަށް ސަލްމާނަށް ވަގުތެއް ދެވޭކަށް ނެތެވެ.
ސަބަބަކީ އިޖުތިމާއީ މަައްސަލަތަކަކަށް ބިނާކޮށްގެން އޭނާ ހުށަހަޅައި ދޭން ނިންމާފައިވާ އާ ޝޯގެ މަސައްކަތުގައި ބިޒީވުމެވެ.
އެހެން ނަމަވެސް ފާއިތުވި ހަތަރު އަހަރު ސަލްމާން "ބިގް ބޮސް" ހުށަހަޅައި ދިން ގޮތުގެ ސަބަބުން، އެ ޝޯ އަށް އާންމުންގެ މަގުބޫލްކަން ވަރަށް ބޮަޑަށް ލިބި، އެ ޝޯ ގެނެސްދޭ ކަލާޒްގެ ބެލުންތެރިންގެ އަދަދު ވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފަ އެވެ.
އަދި މި ޝޯއަކީ އިންޑިއާގެ ޗެނަލްތަކުން ގެނެސްދޭ ޝޯތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ މަގުބޫލް ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޝޯއެކެވެ.
އެހެން ނަމަވެސް ސަލްމާންގެ ބަދަލުގައި "ބިގް ބޮސް" ގެ ހޯސްޓަކަށް ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފާ މިހާރު "ހިތާވެގެން އުޅޭ" ރަންބީރު އެ ޝޯ ހުށަހަޅައި ދޭން ފެށުމުން ވާނެ ގޮތެއް އަދި ބުނާކަށް ނޭނގެ އެވެ.
އެހެން ނަމަވެސް ކަލާޒް އިން އުންމީދުކޮށްގެން ތިބީ މި އޮފާ ޒުވާން އެކްޓަރު ގަބޫލްކޮށް "ބިގް ބޮސް" ހުށަހަޅައި ދޭން އެއްްބަސް ވާނެ ކަމަށެވެ.
މި އޮފާ ރަންބީރު ގަބޫލްކޮށްފި ނަމަ، މިއީ އޭނާ ހުށަހަޅައިދޭ ފުރަތަމަ ޓީވީ އަށް ވާނެ އެވެ.
"ބިގް ބޮސް" އަކީ އިންޑިއާގެ ސެލެބްރިޓީން އެއް ގެއެއްގެ ތެރޭގައި ތިން މަސް ދުވަސް ބައިތިއްބައިގެން އެ މީހުންގެ ހަގީގީ "ކުލަ" ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޝޯއެކެވެ.
އެ ޝޯގެ ހަތް ވަނަ ސީޒަން ކާމިޔާބް ކުރީ ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލްތައް ކުޅެ، ބައެއް އައިޓަމް ލަވަތައް ވެސް ކުޅެފައިވާ ގޯހަރު ހާނެވެ.