ކޮންމެ މީހަކީވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާނެ މީހެކެވެ. ވަށައިގެންވާ މާހައުލަކީ ހަށިގަނޑަށް ބޭނުންވާ އެތައް ފަރުވާއެއް ކުރެވިދާނެ ވަޞީލަތް ހުރި މާހައުލެކެވެ.
އަގު ބޮޑު ކްރީމް ފަދަ ތަކެތި ކޮންމެހެން ގަންނާކަށް ނުޖެހެ އެވެ. ދިވެހިންގެ ކާބަފައިންގެ ޒަމާނުގައި އެ މީހުން ވަނީ މިފަދަ ނަމޫނާއެއް ދައްކާފަ އެވެ.
ނަމަވެސް މި ޖީލުގެ ޒުވާނުންނަށް އެއީ މާ ކަމުދާ އެއްޗެއް ކަމުގައި ނުވެ ހިނގައި ދާނެ އެވެ. އެހެން ނަމަވެސް ވަށައިގެންވާ މާހައުލުން ލިބެން ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ޖީބަށް ލުއިކޮށް ހަށިގަނޑަށް ފަރުވާ ކުރެ ވިދާނެ އެވެ. އޭގެ ބައެއް ފަރުވާ ތަޖުރިބާކޮށްލުން ކީއްތޯ އެވެ؟
* ވެލި: މޫދަށް ގޮސް ލޮނު ދޮންވެލިން މަސާޖްކުރުމަކީ ހަށިގަނޑަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. ލޮނު ދޮންވެލިން މަސާޖު ކުރުމުން ހުޅުހުޅާއި ހަށިގަނޑުގައިވާ ބައެއް ތަދުތައް ފިލުވައިދެ އެވެ.
* މޫދު ވިނަ: މޫދު ވިނައަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ފަރުވާ ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. މޫދުވިނަ ފުނޑުމަށް ފަހު ހަމުގައި އުނގުޅުމުގެ އިތުރުން ސީވިޑް އާއި ސޯޔާ ޖާމް އާއި ބަތާ އެކު ކެއުމުން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީތެރި ވެދެ އެވެ.
* ސައިފަތް ޕެކެޓް: ސައިފަތް ޕެކެޓަކީ ލޯ ކައިރި ކަޅުވުމުން ސަލާމަތްކުރުމަށް ބޭނުން ކުރެވިދާނެ ފަރުވާއެކެވެ. ބޭނުންކޮށްފައި ހުންނަ ސައިފަތް ޕެކެޓް އަލަމާރި އަށް ލާ ފިނިކޮށްލައިގެން ލޮލުގެ ކަޅުވެފައި ހުންނަ ހިސާބުގައި އުނގުޅުމުން ލޯ ކައިރި ކަޅުވުން ރަނގަޅުކޮށްދެ އެވެ.
* އޮލިވް އޮއިލް: މިއީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ތެލެކެވެ. މި ތެޔޮ ބޭނުންކޮށްގެން މަސާޖް ކުރުމުން ބައެއް ތަދުތައް ފިލަ އެވެ. އަދި ލެމަން ޖޫހުގެ ތެރެއަށް އޮލިވް އޮއިލް އަޅާ އޭގެ ތެރެއަށް އިނގިލި ލައިގެން ހުރުމުން ނިޔަފަތި ރީތިވެ ނިޔަރޮދި ނެނގުމުން ދުރުވެ އެވެ.
* މާމުއި: ތުންފަތް މަޑުކޮށް ރީތިކޮށް ބެހެއްޓުމަށް މާމުއި ވަރަށް މުހިއްމު ދައުރެއް އަދާ ކުރެ އެވެ. ކޮންމެ ދުވަހަކު ތުންފަތުގައި މާމުއި އުނގުޅުމުން ތުންފަތް މަޑުކޮށް ހުރުމަށް އެހީ ވެދެ އެވެ.