ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަވަހާރަކޮށްލި މައްސަލަ އިންތިގާލީ އިންސާފު އޮފީހުން ބަލަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދު ހުށަހެޅުއްވި މި މައްސަލައިގެ ތައާރަފް ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފަ އެވެ.
އަމީން ދީދީ އަވަހާރަކޮށްލި މައްސަލައިގައި ހަ ނުކުތާ ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އަމީން ދީދީގެ ވެރިކަން ނިމުނުގޮތް ސާފުވެފައި ނުވުމާއި، ދައުލަތުގެ ފަރާތުންކުރި ދައުވާގެ ސީޣާ ސާފުވެފައި ނެތުމުން މި ދެކަމުގެވެސް ހަގީގަތަކީ ކޮބައިކަން ސާފުކުރަން ވަނީ އެދިފަ އެވެ. މީގެއިތުރުން، ރައީސް އަމީންގެ މައްޗަށް ޝަރީއަތެއްކޮށް، ޚާއިނެއްކަމަށް ބުނާ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުމާއި، ވިހަމަނާފުށީގައި އަނިޔާކޮށް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، ބިރުވެރިކަމެއް މަތީގައި ޝަރީއަތް ކޮށްފައިވާތީ އެކަންވެސް ސާފުކުރުމަށް ވަނީ އެދިފަ އެވެ.
އޭގެއިތުރުން، ވިހަމަނާފުށީގައި ރައީސް އަމީނަށް އަނިޔާކުރި މީހުންނަކީ ކޮބައިކަމާއި މާލޭގައި ހަވަރު އެއްވެ، ހަވަރުގެ ތެރެއިން ރައީސް އަމީންގެ ހަށިކޮޅަށް އަނިޔާދީ ހެދި މީހުންނަކީ ކޮބައިކަމާއި، އެމީހުންނަށް އެއްވެސް ޝަރީއަތެއް ހިންގާފައިވޭތޯ ސާފުކުރުމަށްވެސް އެދިފައިވެ އެވެ. އަދި ހަވަރަށްލައި އެމަނިކުފާނަށް އަނިޔާކުރުމުގައި އަމަލީ ގޮތުން ބައިވެރިވީ ކޮން ބައެއްކަމާއި އެކަން ރާވައި އިންތިޒާމު ކުރުމުގައި ޝާމިލު ވަނީ ކޮން ބައެއްކަން ސާފުކުރުމަށް ވެސް އޮމްބަޑްސްޕާސަން އޮފީހުގައި އެދިފައިވެ އެވެ.
އޮމްބަޑްސްޕާސަންގެ އޮފީހަކީ، ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އޮފީހެކެވެ. ގާނޫނު ބުނާ ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލައެއް ދެ އަހަރު ދުވަސް ތެރޭގައި ބަލައި ނިންމަން ޖެހޭނެ އެވެ.