އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ގާއިމް ކުރާ ޕޮލިސް އެކަޑަމީގެ މަސައްކަތް ނިމޭވަރަކުން ބައިބަޔަށް ތަން އޮޕަރޭޝަނަށް ގެންނަން ނިންމާފައިވާ ކަމަށް ކަމިޝްނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ރާއްޖެ ކަނޑައެޅުއްވި އާ ސަފީރު މުނޫ މަހާވަރު އައި އެކު އިއްޔެ ހަވީރު އެކަޑަމީގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ކރިން ޓާގެޓު ކުރިގޮތަށް މުޅި ތަން ނިންމައި އޮޕަރޭޝަނަށް ގެނައުމުގެ ބަދަލުގައި ތަން ނިމޭވަރަކަުން އޮޕަރޭޝަނަށް ގެނައުމުަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ނިމިފައި ހުރި ވަސީލަތްތަކާއި އެކު ތަން ކުރިއަށް އޮތް ދޮޅު މަސްތެރޭ އޮޕަރޭޝަށް ގެނެވޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
"މިއަދު މަސައްކަތް ގޮސްފައިވާ މިންވަރަށް ބަލާއިރު ޓާގެޓަކީ ވީހާ ވެސް އަވަހަކަށް ތަން ރަސްމީކޮށް ހުޅުވުން. އެގޮތުން، ޓާގެޓްކުރަނީ މިތަން ކުރިއަށް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް،"
ހަމީދު ވިދާޅުވީ އެކަޑަމީގެ ފުރަތަމަ ބެޗާއި އެކު އަންނަ މާޗު މަހު ތަން ރަސްމީކޮށް ހުޅުވޭނެ ކަމަށެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ނަން ދީފައިވާ މި އެކަޑަމީ އަކީ އިންޑިއާ ސަރުކާރުން 42 މިލިއަން ޑޮލަރު ހަރަދު ކުރައްވައިގެން ހަދާ އެކަޑަމީއެކެވެ.
މި އެކަޑަމީގެ ބޭނުން ދިވެހި ފުލުހުންގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކަށާއި، ސްކޫލް ތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށް ބޭނުން ކުރެވޭނެ ކަމަށް ޕޮލިސް ކޮމިޝްނާ ވަނީ ވިދާޅުވެފައެވެ.