Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އައްޑޫ ގޭދޮށު މަސް ފެކްޓަރީ ބީލަމަށް ނުފޫޒު ފޯރުވާ މައްސަލަ އޭސީސީއަށް

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫގައި ހަދާ ގޭދޮށު މަސް ފެކްޓަރީގެ ބީލަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ނުފޫޒު ފޯރުވާކަމަށް ބުނާ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން މިއަދު އޭސީސީ އަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އިންޑިއާ ސަރުކާރުގެ ގްރާންޓުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކުރާ ގޭދޮށު މަސް ޕްލާންޓު މަޝްރޫއު ކުރިއަށް ގެންދިއުމަށް ބަޔަކާއި ހަވާލު ކުރުމަށްޓަކައި ހުޅުވާލެވުނު ބީލަމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް މި ޕްރޮޖެކްޓު ދިނުމަށް މޭޔަރ އަލީ ނިޒާރު ބިޑު އިވަލުއޭޓް ކޮމެޓީއަށް ބަދަލު ގެނެސް ބައެއް އިޖްރާއުތަކަށް ފަރުވާ ކުޑަކޮށް ނުފޫޒު ފޯރުވަމުންދާކަމަށެވެ.

މީގެ އިތުރުންވެސް ގޭދޮށު މަސް ފެކްޓަރީގެ ހުރިހާކަމެއް ކުރުމަށް ރިޔަން ޕްރައިވެޓު ލިމިޓެޑާއި ދެމެދު އެއްބަސްވުމެއް ހަދާފައިވަނިކޮށް އެ މަޝްރޫއުއާއި ގުޅޭ ތަފްސީލީ އިވަލުއޭޝަން ރިޕޯޓު ހޯދުމެއް ނެތި އެއްބަސްވުމާއި ހިލާފަށް ބިޑު އިވެލުއޭޓުކޮށް ނިންމުމަށް ބާރު އަޅަމުންދާކަމަށެވެ. އަދި ބިޑު އިވަލުއޭޓް ކޮމެޓީ ބަދަލުކޮށް މަސްލަހަތު ފުށޫ އަރާ ދެމީހަކު ބިޑު ކޮމެޓީއަށް ވަނީ ލާފައެވެ.

ބިޑު އިވެލުއޭޓު ކުރުމުގައި މޭޔަރ ނިޒާރު ނުފޫޒު ފޯރުވާކަމަށް ބުނާ މައްސަލަ އޭސީސީއަށް ލިބިފައިވާއިރު މައްސަލަ އާއި މެދު އޭސީސީން ނިންމާ ގޮތެއް އަދި ސާފެއް ނުވެއެވެ.

މި ކަމާއި ގުޅިގެން މިއަދު އައްޑޫލައިވް އިން މޭޔަރު ނިޒާރުއަށް ގުޅުމުން ވިދާޅުވީ މަސް ފެކްޓަރީގެ އިވަލުއޭޝަން އާއި ގުޅޭ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި، އެފަދަ އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެކަމަށެވެ.

ނިޒާރު ވިދާޅުވީ ބިޑު އިވަލުއޭޓު ކޮމެޓީއަށް ބަދަލު ގެނެސްފައިވަނީ އެކޮމެޓީ ރަނގަޅަށް މަސައްކަތް ނުކުރާތީ ކައުންސިލްގެ ބިޑު މަސައްކަތްތައް މަޑު ޖެހިފައިވާތީ ކަމަށެވެ.

"އަޅުގަނޑަށް ވަގުތެެއް ނުވޭ ތިކަމުގެ ތެރެއަށް ވަންނަން، އަދި ތިކަމަކީ އަޅުގަނޑު ވަންނަން ޖެހޭ ކަމެއްވެސް ނޫން، އެއްވެސް މުވައްޒަފަކަށް އަޅުގަނޑު ގުޅާފައި އެއްވެސް ވާހަކައެއް ނުދައްކަން ، ދައްކާކަށް ނުވެސް ޖެހޭ، މީގައި މިއުޅޭނީ ކުރިމަތި ލީ ފަރާތްތަކުގެ ޕްރެޝަރު، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިޑުގެ މަސައްކަތް ފެށީ ރިޔަންގެ ފަރާތުން ލަފާ ހޯދައިގެން، ރިޕޯޓު ލިބިގެން" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މަސް ފެކްޓްރީގެ މަސައްކަތަކީ ވަރަށް ޓެކްނިކަލް މަސައްކަތެއް ކަމަށާއި، އެކަމަށް މޭޔަރ ފޯރުވަން ޖެހޭ ނުފޫޒެއް ނެތް ކަމަށެވެ.

އައްޑޫ ކައުންސިލުން މީގެ ކުރިން ގޭދޮށު މަސް ފެކްޓަރީ ހެދުމަށް ހިތަދޫން ބަޔަކަށް ބިންދޫކޮށް މަސައްކަތް ހަވާލުކުރިއެވެ. އެފަހަރުވެސް ބީލަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބިން ދޫކުރީ އެންމެ ގާބިލް ފަރާތައް ނޫން ކަމަށް ބުނެ ޕޮރޮޖެކްޓަށް ވާދަކުރި އަނެއް ޕާޓީން މައްސަލަ އޭސީސީއާއި ހިސާބަށް ގެންދިޔައެވެ. ކައުންސިލުން އެފަހަރު މަސައްކަތް ހަވާލު ކުރި ފަރާތަށް މަޝްރޫއު ނުފެށި، ކައުންސިލުން ވަނީ އެއްބަސްވުން ބާޠިލްކޮށްފައެވެ. އަދި މައްސަލަ މިހާރު ވަނީ ޝަރީއަތާއި ހިސާބުގައެވެ.