Last Updated: November 14, 21:35
Thursday, November 14, 2024
ޚަބަރު

ލަންކާއިން އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ

އަވަށްޓެރި ސްރިީލަންކާއިންވެސް ކޮވިޑް-19 ގެ އައު ވޭރިއަންޓް އޮމިކްރޮން ފެނިއްޖެ އެވެ.

އެ ގައުމުގެ ނޫސް އޭޖެންސީއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން އޮމިކްރޮން ވޭރިއަންޓް ފެނިފައިވަނީ ސައުތު އެފްރިކާއިން ލަންކާއަށް ދަތުރުކުރި މީހެއްގެ ފަރާތުންނެވެ. އަދި ކޮވިޑުގެ މި ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވަނީ ލަންކާގެ ރައްޔިތެއް ކަމަށްވެސް އެނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

އޮމިކްރޮން ވޭރިއަންޓުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައްވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ދުނިޔެއިން މި ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނު ސައުތު އެފްރިކާއިން ރާއްޖެއަށް މީހުން އައުންވެސް ވަނީ މަނާކޮށްފަ އެވެ. މީގެއިތުރުން، ސައުތު އެފްރިކާގެ އަވަށްޓެރި ބައެއް ގައުމުތަކުންވެސް މީހުން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ.

އަވަށްޓެރި އިންޑިއާއިންވެސް ކޮވިޑުގެ މި އައު ވޭރިއަންޓު ފެނިފައިވާއިރު، އިންޑިއާއިން ޕޮޒިޓިވް މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓަރީއެއް ނެތް މީހެއްކަން ފާހަގަކޮށްލެވެ އެވެ.

މާދަމާއިން ފެށިގެން ލަންކާއިން އައްޑުއަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފަށަން ހަމަޖެހިފައިވާއިރު، މި ވޭރިއަންޓުގެ ލަންކާއިން ފެނުމުގެ ސަބަބުން އިތުރު އެއްވެސް ފިޔަވަޅެއް އަދި އެ ގައުމުން އަޅާފައެއް ނެތެވެ.