Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހދ.ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކުރަނީ: ފޮޓޯ - އެމް.ޑަބްލިއު.އެސް.ސީ

ހދ.ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.

މި މަޝްރޫޢުގެ މަސައްކަތް އިފްތިތާޙު ކޮށްދެއްވާފައިވަނީ، ހިރިމަރަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހު އާއި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުޤަފޫރު މޫސަ އާއި، ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖް، އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 69.14 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައ 2 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެ އެވެ. މީގެއިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1.12 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިންގ ސްޓޭޝަނާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރެވޭނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައި، ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. އޭގެއިތުރުން މި ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ޓެސްޓު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ހދ.ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމުމުން ހިރިމަރަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށްވެސް، އެމް.ޑަބްލިއު.އެސް.ސީ އިން ބުނެ އެވެ.