އައްޑޫ ސިޓީ އިން ވެލި ނަގައިގެން އިންޑިއާއަށް އެކްސްޕޯޓްކުރާ ކަމަށް ބުނާ ވާހަކަ އީޕީއޭ އިން ދޮގުކޮށްފި އެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމު މިއަދު ވިދާޅުވީ އިންޑިއާއަށް ވެލި އެކްސްޕޯޓް ކުރާކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި އީޕީއޭއަށް އެނގިގެން އިންޑިއާ އަށް ވެލި އެކްސްޕޯޓްކޮށްފައި ނުވާ ކަމަށެވެ.
ނައީމު މިހެން ވިދާޅުވެފައިމިވަނީ އައްޑޫ ސިޓީ، ހިތަދޫ ހަންކެޑެ ސަރަހައްދުން ވެލި ނަގައި އިންޑިއާ އަށް އެކްސްޕޯޓު ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދާތީ އެވެ. އެގޮތުން މިކަން ކުރަމުން އަންނަނީ އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަަ އިންޑިއާގެ ކުންފުންޏަކުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
ސޯޝަލް މީޑިއާގައި މިގޮތަށް ވާހަކަތައް ފެތުރި ނަމަވެސް އީޕީއޭ އިން ވަނީ އެ ސަރަހައްދުން ވެލި ނަގާކަން ފާހަގަކުރެވިފައި ނުވާ ކަމަށް ބުނެފަ އެވެ.
ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ބްރިޖުގެ އަމަލީ މަސައްކަތް ކުރަމުންދާއިރު މި ބްރިޖަކީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި ހެދޭ ބްރިޖެކެވެ. ބްރިޖުގެ ދިގު މިނުގައި 1.4 ކިލޯމީޓަރު ހުންނައިރު މިއީ ހަތަރު ލޭނަށް ހަދާ ބްރިޖެކެވެ.
މިއީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ބްރިޖެކެވެ. މި ބްރިޖުގު ޢަމަލީ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ތަނބު ޖެހުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަކެވެ.