އާންމުކޮށް މީހުން ދަތުރު ގޮސް އުޅޭ ހަންކެޑެ އާއި ގައުކެޑީގައި ޑަސްބިންތަކެއް ބެހެއްޓީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ބޭނުމަކީ އެ ސަރަހައްދަށް ކުނި އެޅުން ނައްތާލުމެވެ. ރަށުގެ އެކި ތަންތަނަށް ކުނި އެޅުމުގެ ބަދަލުގައި އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކަށް ކުނި އެޅުމެވެ.
"އައި ލަވް އައްޑޫ ސިޓީ" މި ޝިއާރުގެ ދަށުން މި ޑަސްބިންތައް ބަހައްޓާފައި ވަނީ ހިތަދޫގެ ޖަމިއްޔާއެއް ކަމަށްވާ ކުލަބް ރިވެރިންގެ ފަރާތުންނެވެ. މިކަމުގައި އައްޑޫ ސިޓީ ކައުންސިލުން ވެސް އެހީތެރިކަން ފޯރުކޮށް ދިނެވެ.
ރިވެރިންގެ އޮފިޝަލަކު ބުނި ގޮތުގައި ހަންކެޑެ އާއި ގައުކެޑި ސަރަހައްދަށް ހާއްސަކޮށްގެން ޑަސްބިންތައް ބެހެއްޓީ އައްޑުއަކީ ސާފު ތާހިރު ސިޓީއަކަށް ހެދުމުގެ އިތުރަށް އެ ސަރަހައްދީ އާންމުކޮށް ޓޫރިސްޓުން ވެސް ޒިޔާރަތް ކުރާ ތަނަކަށްވާތީ ރީތިކޮށް ތަން އަބަދު ވެސް ބޭއްވުމުގެ ބޭނުމުގަ އެވެ.
މި ބޭނުމުގައި ބެހެއްޓި ޑަސްބިންތަކަށް ކުނި އަޅާކަން ފާހަގަ ކުރެވެ އެވެ. ޑަސްބިންތައްް މިހާރު ވެސް ހުރީ ކުނިތަކުން ފުރިފަ އެވެ. ޑަސްބިންތައް ފުރިގެން، ޑަސްބިންތަކުގެ ކައިރީގައި ވެސް ގިނަ އަދަދަކަށް ކުނި ޖަމާކޮށްފައި އެބަ ހުއްޓެވެ.
އަނެއްކޮޅުން މި ޑަސްބިންތައް ބެހެއްޓުމަކުން އެ ސަރަހައްދުގެ އެކި ދިމަދިމާ އަށް ކުނި އެޅުން ހުއްޓުމަކަށް އައިސްފައެއް ނެތެވެ.
މި ވަނީ ކިހިނެއްތޯ އެވެ؟ ޑަސްބިންތައް ފުރިފައި ހުންނާތީ، ޖެހުނު ދިމާއަކަށް އަދިވެސް ކުނި އަޅަނީ ބާވަ އެވެ؟ ނޫނީ ކުންޏަށް ދޭންވާ ވަރަށް އަދިވެސް އަހަރަމެންނަށް ސަމާލުކަން ނުދެވެނީ ބާވަ އެވެ؟
އިއްޔެ އަޅުގަނޑު ހިތަދު އަށް ދިޔަ މަގުމަތީގައި ވެސް ފެނުނު މަންޒަރަކީ ހަންކެޑެ އާއި ގައުކެޑީގައި ބަހައްޓާފައި ހުރި ޑަސްބިންތައް ފުރިފައި ހުރި ތަނެވެ. ގިނަ ޑަސްބިންތަކުގެ ކައިރީގައި ވެސް ގިނަ އަދަދަކަށް ކުނި ޖަމާކޮށްފައި ހުއްޓެވެ.
އަނެއްކާ ބައެއް ޑަސްބިންތައް ހުރީ ކުންޏާ އެކު ވައްޓާލައިފަ އެވެ.
ހިތަށް އެރި އެވެ. އަނެއްކާ ކުނިން ފުރިގެން ޑަސްބިންތައް ވެއްޓެން ފެށީ ބާވަ އެވެ؟ ހަގީގަތުގައި ތަނެއްގައި އަދި ޑަސްބިންތަކެއް ބެހެއްޓުމަކުން ނުފުދެ އެވެ.
އެ ޑަސްބިންތަކަށް ޖަމާވާ ކުނިތައް ކުނިކޮށްޓާ ހަމައަށް ދާނެ ގޮތެއް ވެސް ހޯދަން ޖެހެ އެވެ. އެކަން ކުރާނެ އަތްތަކެއް ބޭނުންވެ އެވެ. ޑަސްބިންތަކަށް ޖަމާ ކުރެވޭ ކުނި ނައްތާލެވޭނެ ނިޒާމެއް ހޯދަން ޖެހެ އެވެ.
ޑަސްބިންތައް ކުލަބް ރިވެރިން ބެހެއްޓި މަގުސަދު ސާފެވެ. އެކަމަކު އެއިން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލްވަމުންދޭތޯ އެއީ އެ ޖަމިއްޔާ އިން ވެސް މި ވަގުތަށް ވިސްނާލުން މުހިއްމު ކަމެކެވެ.
ޑަސްބިންތައް އެ ސަރަހައްދުގައި ބެހެއްޓި ކަމަށްޓަކައި ފަށްފަށުން ޝުކުރު އަދާކޮށް، އެކަމަށް ހިތްވަރު ވެސް ދޭން ޖެހެ އެވެ. އެކަމަކު ޑަސްބިންތަކަށް ޖަމާވާ ކުނިތަކަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ ހަމަ ސުވާލް އުފެދެނީ އެވެ.
މިކަމާ ކުލަބް ރިވެރިނުން ވިސްނާނެ ކަމަށް އުންމީދު ކުރަމެވެ.