އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްތަކަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.
ރާއްޖޭގައި އެކިކަންކަމުގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކެމްޕޭނެއް ކުރަމުން އަންނައިރު، މި ކެމްޕޭން އިތުރަށް ފުޅާކުރުމަށް ރައީސް ޔާމީން ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަކުރީ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުއެވެ.
ޝުޖާއު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަށް އިދިކޮޅުން ރައީސް ޔާމީނާއެކު ރަށްތަކަށް ދަތުރުކުރުމަސް ހަމަޖެހިފައިވާކަމަށެވެ. އަދި ރައްޔިތުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޕެޓިޝަނަށް ސޮއި ހޯދުމަށްވެސް ޝުޖާއު ގޮވާލައްވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކ. އަތޮޅުގެ ރަށްތަކަށެވެ. އަދި އޭގެފަހުން ރާއްޖޭގެ ސިޓީތަކަށާއި ބޮޑެތި ރަށްތަކަށް ދަތުރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިދިކޮޅު ކޯލިޝަނުން އެންމެފަހުން ބޭއްވި ޖަލްސާގައިވެސް ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތިބުމަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
"ރަސްމީކޮށް މި ދަންނަވަނީ، ކުރީގެ ރައީސްކަން ކުރައްވާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލުކުރައްވާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ ބޫޓު ޖޯޑެއް ވެސް މި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ" އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވަނީ ރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި ރާއްޖޭގައި ހުންނަނީ އިންޑިއާގެ ގަވަރުނަރެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ދިވެހި ސިފައިން ދަމަހައްޓަންޖެހޭނީ ސަރުކާރެއް ނޫން ކަމަށާއި ސިފައިން ހުވާކޮށްގެން ތިބީ ގައުމާއި ދީން ހިމާޔަތް ކުރަންކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށްވެސް ޔާމީން އެ ޖަލްސާގައި ވިދާޅުވި އެވެ.