މިއީ ފަހުގެ ތާރީހެއްގައި ކ. ގާފަރުން ފެންނަ އެންމެ ބޮޑު އަދި އެންމެ އާދަޔާ ހިލާފު ތައްޔާރީ އެވެ. ގައުމީ ފެންވަރުގައި މި އަހަރު މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ސަރުކާރުން ނިންމުމާއެކު ރަށުގެ ވެރިން އެކަމަށް ތައްޔާރުވާން ފެށި އެވެ. ގާފަރުން މިވަރަށް ބޮޑަށް މިކަމަށް ތައްޔާރުވާ އެންމެ ބޮޑު ސަބަބަކީ މިއީ މި ގޮތައް އެރަށުގައި ފާހަގަކުރާ ިމފަދަ ބޮޑު ހަފްލާއަށްވާތީއެވެ.
ގާފަރުގެ ގެސްޓް ހަޔުސްތައް ފުރި މީހުން ދިރިއުޅޭ ގެތަކުންވެސް ކޮޓަރިތައް ފުރިފައި
ގާފަރުގައި ސަަރުކާރުން ފާހަަގަކުރާ މަސްވެރިންގެ ދުވަހަށް އެކި ރަށްރަށުން މީހުން އައިސް ރަށް ވަނީ އެއްކޮށް ފުރާލާފައެވެ. އެ ރަށުން މީހަކަށް ގުޅާލިއަސް ފުރަތަމަވެސް ބުނަނީ މީހުން ރަށަށް އަރާފައި އޮތްވާހަކަ އެވެ.
ގާފަރު ކައުންސިލުން ލަފާކުރާ ގޮތުގައި ރަށަށް 300 އެއްހާ މެހްމާނުން އަރާނެ އެވެ. ރަށުގެ ހުރި 10 ވަރަކަށް ގެސްޓް ހައުސް ފުރިފައިވާއިރު މީހުން ދިިރިއުޅޭ ގެތަކުން ވެސް ވަނީ ކޮޓަރި ދޫކޮށްފަ އެވެ.
"އާއްމު ގެތަކަށްވެސް ވީ ވަރަކުން މީހުން ހަމަޖައްސަމުން މިދަނީ. އަންނަން ބޭނުންވި ވަރަށް މީހުނަށް ނާދެވުނު ރޫމްތައް ނުލިބުމުން، އެކަމު ރަށުގެ ވެސް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބުނު މިކަމުގައި،" ގާފަރު ކައުންސިލްގެ މެމްބަރު މުހައްމަދު ޝައްމާން ވިދާޅުވި އެވެ.
މި އަހަރު ފާހަގަކުރާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ބޮޑު ޖަލްސާ ގާފަރުގައި އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ. މި ޖަލްސާއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު އާއެކު ސަރުކާރުގެ އިސްވެރިންގެ ބައިވެރިވަޑައިގަންނަވާނެ އެވެ.
މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މި ދުވަހަށް ގާފަރަށް މީހުން ދަނީ އަންނަމުންނެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވަނީ މި މަހުގެ ހަ ވަނަ ދުވަހު ގާފަރަށް ވަޑައިގެންފަ އެވެ. ގާފަރުގައި މި ދުވަސް ފާހަގަކުރަން އެކި ހަރާކާތްތައް ބާއްވަން މިނިސްޓްރީއާ ކައުންސިލާ ގުޅިގެންވަނީ ނިންމާފަ އެވެ.
މާދަމާ އޮންނަ ޖަލްސާއަށް މިއަދު އެކަނިވެސް ހަތަރު ދަތުރު ގާފަރުން މާލެ އާއި ގާފަރާ ދޭތެރޭގައި ކުރާ ގޮތައް ވަނީ ހަމަޖައްސާފަ އެވެ. މިއިން ކޮންމެ ދަތުރަކީވެސް ފުލް ކޮށް މީހުން ގޮވައިގެން ކުރާ ދަތުރުތަކެވެ. ގާފަރަށް މި ދުވަހާ ގުޅުވައި އަންނަމުން ދަނީ ހަމަ އެކަނި މާލެއިން އަންނަ މީހުން އެކަންޏެއް ނޫނެވެ. ކ.އަތޮޅުގެ އެހެން ރަށްތަކުންވެސް މީހުން އައުމަށް ހަމަޖެހިފައިވެ އެވެ.
މަރުހަބާ ކިޔަން ރަަށް ވަރަށް ބޮޑަށް ވަނީ ޒީނަތްތެރިކޮށްފައި
ރަށުގެ ކައުންސިލުން ގޮވާލުމުން ރަށުގެ އާއްމު ރައްޔިތުން ނިކުމެ ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ރަށަށް އަންނަ މެހްމާނުނަށް މަރުހަބާ ކިޔުމަށް ރަށް ޒީނަތްތެރިކޮށްފައިވަނީ މީގެ ކުރިން އެރަށް ދުވަހަކުވެސް ޒީނަތްތެރިނުކުރާ މިންވަރަށެވެ.
ރަށުގައިހުރި ސަަރުކާރުގެ ހުރިހާ އޮފީސްތަކާއި ސްކޫލާއި ބަނދަރުމަތި ވަނ ތަފާތު އެކި ކުލަ ބޮކިފަތިތަކުން ދިއްލާ އަޅާފަ އެވެ. އޭގެ އިތުރުން ރަށުގައި ހަދާފައިވާ މޮނިއުމަންޓް ވެސް އެއީ ކުރު މުއްދަތެއްގައި ފާހަގަކޮށްލެވޭ ބުރަ މަސައްކަތެކެވެ. މިއީ މިގޮތައް ރަށުގެ ނަން ޖަހައި މޮނިއުމަންޓެއް ހެދި ފުރަތަމަ ފަހަރުވެސްމެ އެވެ.
މަސްވެރިން ދުވަހުގެ ހަރަކާތްތައް:
މަސްވެރިންގެ ފޯރަމް
މަސްކެނޑުމުގެ މުބާރާތް
ފަރުމަސްވެރިކަމުގެ މުބާރާތް
މަސްވެރިންގެ ދުވަހުގެ ތައްޔާރީތަކުގައި އެރަށުން ދައްކަމުންދަނީ ނަމޫނާ އެވެ. ގައުމީ ކަމެއްގޮތުގައި ދެކިގެން ރަށު ތެރެ ޒީނަތްތެެރިކުރުމާއި އެހެނިހެން ތައްޔާރީތަކުގައި އާއްމުންގެ ގިނަ ބަޔަކު ހިލޭ ސާބަހަށް ބައިވެރިވެ އެވެ.