މަސްވެރިކަމުގެ ސިނާއަތަކީ މިހާރު އެންމެ ޝަކުވާ ބޮޑު އެއް ސިނާއަތްކަމަށްބުނެވިދާނެ އެވެ. ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިގެން ކުރީގެ ސަރުކާރު ބަދަލުކުރަންވެސް ގިނަ މަސްވެރިންތަކެއް ފޫގަޅާލީ އެހެންވެ ކަމަ
ށް ބުނެވިދާނެ އެވެ. އާ ސަރުކާރެއް އަޔަސް އަދިވެސް މަސްވެރިންގެ ޝަކުވާތަކަށް މުޅިން ހައްލެއް ނާދެ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވިދާޅުވަނީ ކަންތައްތަކެއްކޮށް އާ ކަންތައްތަކެއް ކުރަން މަސައްކަތްކުރާ ކަމަށެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދެމުން ގެންދިޔުން:
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްކިރުވުމަށްފަހު ވަގުތުން ފައިސާ ނުލިބުނެވެ. މަސްކިރުމަށްފަހު ބިލް އަތައްދީ ތިން ހަތަރު މަސްވާއިރުވެސް ފައިސާ ނުލިބުމުމަކީ އޭރު މަސްވެރިންގެ ބޮޑު ޝަކުވާއަކަށް އޮތީ ވެފައިއެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ދެވޭނެ އިންތިޒާމު ހަމަޖެއްސުން ނުވަތަ ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ހަވާލުކުރު ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
މިގޮތުން މިސަރުކާރުން މިފްކޯ ހިންގުމާ ހަވާލުވިއުރު މަސްވެރިންގެ އަތުން މަސްގަނެ މަސްވެރިންނަށް މިފްކޯއިން ދޭންޖެހިފައިވާ 39.5 މިލިއަން ރުފިޔާ މަސްވެރިންނަށްދީ ޚަލާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މަސް ގަނެ އެކްސްޕޯޓްކޮށްފައިވާ މިންވަރު:
މަސްވެރިން ބާނާ މަސް ނުކުރި ކަނޑަށް އުކާލާތަން ފެނި އެތައް ކަންބޮޑުވުން އޮވެ އެވެ. މަސްވެރިން ބާނާ މަސް ކަނޑަށް އުކާލަން ޖެހެނީ މަސްކޮޅު ގަނެވޭނެ ގޮތެއް ނެތިގެންދާ ހާލަތުގަ އެވެ. ސަރުކާރުން މައުލޫމާތު ދޭ ގޮތުން މަސްވެރިން އަތުން މަސް ގަންނަ އަދަދު ވަނީ އިތުރުކޮށްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު 49 ހާސް މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ގަނެފައިވާއިރު، މި އަހަރުގެ ތިންވަނަ ކުއަރޓަރ ނިމުނުއިރު 55 ހާސް މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ.
" މިއީ މި ފާއިތުވީ 14 އަހަރު ތެރޭގައި އެންމެ ގިނައިން މިފްކޯއަށް މަސްގަނެފައިވާ އަހަރު. އަދި 2020 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއަރޓަރގެ ނިޔަލަށް ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު 37.9% އަށް ވަނީ އިތުރުވެފައި. މަސްވެރިންނަށް މިއަހަރުގެ މިހާތަނަށް 979 މިލިއަން ރުފިޔާ ވާނީ ދީފައި. މިއީ ސީދާ މަސްވެރިންނަށް ދިން ފައިސާ" ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އައިސް ލިބުމުގައި ދިމާވާ މައްސައަށް ހައްލެއް ހޯދުމަށް ކުރެވިފައިވާ ކަންތައްތައް:
މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް އެކި ފޭސް ތަކުގައި ކުރިޔަށްދެ އެވެ. މިހާތަނަށް އައިރު ރ.މަޑުއްވަރި އަދި ކ.ގާފަރުގެ އައިސްޕްލާންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައި އެވެ. މި އަހަރު ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު އެރަށުގައި ގާއިމުކުރި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވަންވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އިތުރު 15 އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށް ސަރުކާރުން ވިދާޅުވެ އެވެ.
ސަރުކާރުން މަސްވެރިންނަށް ދޭ ޔަގީންކަމަކީ މި މަޝްރޫއުތައް ނިމިގެންދާއިރު ޒަނާމުއްސުރެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބިމުގެ މައްސަލައަށް ހައްލެއް ލިބި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށާއި ރަނގަޅަށް ސްޓޯރ ކުރުމުގެ އިތުރުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ކޮލެޓީ ދެމެހެއްޓުމަށް މަގު ފަހިވެގެންދާނެ ކަމެވެ.
މަސް ގަތުމުގައި ދިމާވާ މައްސައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ކުރެވިފައިވާ ކަންތައްތައް:
ފެލިވަރުގައި މިވަގުތު ހުރީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ކަމުން އެތަނުގައި އެކަށީގެންވާ ވަރަށް މަސް ރައްކާކޮށް ނުބެހެއްޓޭތީ މަސް ގަތުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް އެތަނުން މައުލޫމާތުދެ އެވެ. އެހެން ކަމުން ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓް ނިމިގެންދާއިރު 4000 މެޓްރިކް ޓަނުގެ އާ ކޮލްޑް ސްޓޯރޭޖްއެއް ފެލިވަރުގައި ޤާއިމުކުރެވޭނެ ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ. މިއީ މިހާރު ހުރި ކެޕޭސިޓީގެ 8 ގުނަ އިތުރު އަދަދެކެވެ.
ފެލިވަރުގައި އަލަށް ޤާއިމުކުރާ ކޯލްޑް ސްޓޯރޭޖްތައް ބިނާކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް މިވަގުތު ކުރިޔަށް ދެ އެވެ. މީގެ އިތުރުން ކޫއްޑޫ އަދި ކަނޑުއޮތްގިރި ފެސިލިޓީ ތަރައްޤީކުރުމުގެ މަޝްރޫއޫތައް ކުރިޔަށްދާއިރު އަދި ގދ. ތިނަދޫ އާއި މ. މުލަކުގައި އާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށްވެސް ސަރުކާރުން މައުލޫމާދެ އެވެ.
އެ މަޝްރޫއަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލުމުން އެޕްލައިކޮށްފައިވާ ފަރާތްތަކުގެ ބިޑް އިވެލުއޭޝަންގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަލަށް ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތަފްސީލު:
• ގއ. ކޫއްޑޫ ގައި މިހާރު ޤާއިމުކުރެވިފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ކަމަށާއި މީގެ އިތުރަށް 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރެވިގެންދާނެ.
• ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ އައު ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުން.
• ގދ. ތިނަދޫގައި 1000 މެޓްރިކް ޓަނުގެ އައު ކޯލްޑްސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުން.
• މ. މުލަކުގައި 500 މެޓްރިކް ޓަނުގެ އައު ކޯލްޑްސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުން.
ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމުކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް 61% އިތުރުކުރެވޭނެކަމަށް ސަރުކާރުން ލަފާކުރެ އެވެ.
މަސްވެރިންގެ ދުވަހު މަސްވެރިންގެ ހުރި ޝަކުވާތަކާއެކުވެސް ސަރުކާރުން ގެނެސްދެނީ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އުއްމީދެވެ. މަސްވެރިން ބޭނުންވާ ފަދައިން ބަނާ މަސްކޮޅު ކިރި މަހަށް ހަމައަގު ހޯދާދޭން ސަރުކާރުގެ ޕްލޭނެއް އެބަ އޮތްކަމަށް ސަރުކާރުން ބުނެ އެވެ.