ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީ ޓީކެޓްގައި ސ. ފޭދޫ ދާއިރާ އަށް ވާދަ ކުރަން ނިންމާފައިވާ އަދި މިހާރު ވެސް މި ދާއިރާގެ ގޮނޑި ފުރުއްވާ އަލްހާން ފަހުމީގެ ކެމްޕޭން ޖަލްސާއެއް މިރޭ ފޭދޫގައި ބާއްވާ ގޮތަށް ހަމަޖަސައްސައިފި އެވެ.
އަލްހާންގެ ކެމްޕޭން އޮފިޝަލަކު ވިދާޅުވީ ފޭދޫ ދާއިރާގެ ޓިކެޓް ހޯއްދެވުމަށް އެމްޑީޕީ ޕްރައިމެރީގައި ވާދަ ކުރައްވާ އަލްހާން މިރޭ ފޭދޫ ސްކޫލްގައި ބާއްވާ ޖަލްސާއަކީ ކެމްޕޭން ލޯންޗް ކުރަން ބާއްވާ ހަފުލާއެއް ކަމަށެވެ.
މީގެ ކުރިން މާލޭގައި ވެސް އޭނާ ކެމްޕޭން ލޯންޗް ކުރަން ޓްރޭޑާސް ހޮޓަލުގައި ހަފުލާއެއް ބާއްވާފައިވެ އެވެ.
މި ހަފުލާ އޮންނާނީ މިރޭ 8:30 ގަ އެވެ.
ފޭދޫ ދާއިރާއަކީ އައްޑޫން ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ މެމްބަރުން ކުރިމަތިލާ ދާއިރާ އެވެ.
އެގޮތުން އެމްޑީޕީން އެކަނި ވެސް ނުވަ ކެންޑިޑޭޓުން ޕްރައިމެރީގައި ވާދަ ކުރެ އެވެ.
އޭގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގައި ފޭދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު މިރުޒާދު (މިރާ) ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ފޭދޫ ސިވިލައިޒޭޝަން ހައުސް މުހައްމަދު ނިހާދު، ފޭދޫ ހަނދުވަރީގޭ އައިޝަތު ރަޝީދު، ފޭދޫ ބީޗްވިލާ މުހައްމަދު ސައީދު (މުއްލާ)، އެމްޑީޕީ އައްޑޫ ރައީސް ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދުހަމް، ފޭދޫ ޑިއަރެސްޓް އަބްދުﷲ ޝަރީފް، ފޭދޫ ފިނިފެންމާގޭ މުހައްމަދު އަކްރަކް (އަކޫ)، ފޭދޫ ސްވީޓްޕީ އަހުމަދު މުރުތަޟާ އެވެ.