ދުވަސްވަރަކީ ސިޔާސީ ހިޔާލުފާޅުކުރުމާއި ސަރުކާރާ ދެކޮޅަށް ސިއްރުގައި ވިއަސް ބަސް އުޅެން ފަސޭހަ ދުވަސްވަރެއް ނޫނެވެ. ނަމަވެސް މަސްވެރިކަމަަށް ބަރޯސާވެފައިވާ ކ.ގާފަރުގެ ރައްޔިތުން ތިބީ އެ މީހުންގެ ހިތްދަތި ދިރިއުޅުން ސަރުކާރަށް ކޮންމެވެސް ގޮތަކުން އަންގަން ބޭނުންވެފަ އެވެ. އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމް ގާފަރަށް ވަޑައިގަންނަވާތީ މަރުހަބާ ކިޔުމަށް ވަމުންދިޔަ ތައްޔާރީތަކާ އެއްވަރަށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ރާވަމުން ދިޔައީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލު ގެނެވޭނެ ގޮތަކަށް ކަންތައްކުރުމަށެވެ.
އޭރު ލަފާ ފުރޭނެ ފަސޭހަގޮތެއް ނެތް ގާފަރުގެ ރައްޔިތު ދިޔައީ އެމީހުންގެ އެ ކަންބޮޑުވުން ސަރުކާރާ ހަމައަށް ގެންދާނެ ގޮތަކާމެދު ފިކުރުކުރަމުންނެވެ. އެންމެ ފަހުން ގިނަ ބަޔަކަށް އެއްބަސްވެވުނީ އެމީހުންގެ އުދާސްތައް ކޮންމެވެސް ގޮތަކުން ރައީސާ ހަމައަށް ބޭރުކޮށްލަން ޓީޝާޓްތަކުގައި ޝުއޫރު ފާޅުކޮށް ލިޔެގެން ރައީސަށް މަރުހަބާ ކިޔަން ނިކުންނާށެވެ. ވެރިންނަށް ސަނާކިޔުން ނޫންގޮތެއް ނެތް އެ ދުވަސްވަރު ބަނދަރު ނެތުމުން ދިމާވި ދަތިތަކަށް ހައްލު ގެނައުމަށް އެއީ އެންމެ މޮޅު ބުއްދި ކަމަށް ބަޔަކު ގަބޫލުކުރި އެވެ.
މާސިންގާ ފަޅެއް އޮންނަ ގާފަރަށް ރައީސް މައުމޫނު ވަޑައިގެންނެވިއިރު ރަށުގެ ފިރިހެނުން ތިބީ އެމީހުންގެ ހާލަތު ބުނެދޭން "ހިތްދަތި މަސްވެރިން " ޖަހާފައިވާ ޓީޝާޓްތައް ލައިގެނެވެ. އެކަން އެ ދުވަސްވަރު ކިތަންމެ މައްޝޫރުވި ނަމަވެސް އެކަން އެގޮތައް ހިނގިކަން އެނގެން އޮތީ ހަމަ އެކަނި ވާހަކަތައް ކަމަށް ހީވި ނަމަވެސް އެކަމުގެ އެންމެ ބޮޑު ހެކި އަދިވެސް އޮތީ ފޮރިވާފަ އެވެ. ހިތްދަތި މަސްވެރިން ޖަހައިގެން ގާފަރުގެ ބަޔަކު ރައީސަށް މަރުހަބާ ކިޔަން ނިކުން ވާހަކަ ތުންތުން މަތިން ދެކެވޭއިރު އޭގެ ފޮޓޯގަނޑެއްހާ ހިސާބުވެސް ނެތަސް އަޖައިބު ކަމަކީ އެ ޓީޝާޓް އަދިވެސް އެރަށުގެ އެކަކު އަތުގައި ފޮރުވާފައި އޮތްކަމެވެ.
އެކަމުގެ އެންމެ އިސް މޭތިރިއަކަށް އޭރު ހުރި ޒުވާން، އިބްރާހިމް ޝަފީގު އެ ޓީޝާޓް ފޮރުވާފައި އޮތް އޮތުމަކީ އެކަމުގެ ބޮޑުކަން ސާބިތުކޮށްދޭ ކަމެކެވެ. އެ ޓީޝާޓާއެކު އޭނާ އައްޑޫލައިވްއަށް ވަނީ އެ އެކަން ހިނގިގޮތް ކިޔާދީފަ އެވެ. އޭނާ ބުނި ގޮތުން އެއީ 1997 ވަނަ އަހަރު ރައީސް މައުމޫނު އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންނެވުމުގެ ތެރެއިން ގާފަރަށް ކުރެއްވި ދަތުރުފުޅެކެވެ.
"ވަރަށް ބޮޑު ކަމެއް އެއީ އޭރު ކުރެވުނު. އެއީ އަހަރަމެންގެ އެންމެ ޒުވާން ޖޯޝްހުރިއިރު. މައުމޫނު ވަޑައިގަންނަވާތީ ޝުއޫރެއް ފާޅުކުރުމަށް ނިންމީ. އޭރު އެންމެ ބޮޑު ހިތްވަރަކަށްވީ އެކަމު އޭރު ކަތީބަކަށް ހުންނެވި ބޭފުޅާ. ރައީސް ވަޑައިގަންނަވަންވާއިރު ރައީސަށް މަރުހަބާ ކިޔަން ދިޔައީ ހިތްދަތިމަސްވެރިން ޓީޝާޓްގެ ކުރިމަތީ ޖަހައިގެން،" ޝަފީގު ކިޔާދިނެވެ.
ރައީސް މައުމޫނު ރަށަށް އަރުވަން ދުއްވި ބޮއްކުރާ ގަސްތުގައި ފަޅުގެ ހިކިފަސްގަނޑަށް ބީއްސާލި
ރައީސް މައުމޫނު ގާފަރަށް އަރާ ވަޑައިގަންނަވާ ގޮތައް ހަމަޖެހިފައި އޮތީ ސީޕްލޭންގައި ރަށުގެ ފަޅުތެރޭގައި ބޯޓު ޖެއްސުމުން ކުޑަ ބޮއްކުރައެއްގައި މީހުން ގޮސް އެމަނިކުފާނު ބޮއްކުރާގައި ގެންނަ ގޮތަށެވެ. އެހެން އެކަން ރޭވިފައި އޮތް ނަމަވެސް ރަށުގެ ބައެއް މީހުންގެ ރޭވުމަކީ މައުމޫނު ގޮވައިގެން ގެންނަ ބޮއްކާ ގަސްތުގައި ހިކިފަސްތަނަކަށް އަރުވާލުމެވެ. ބޭނުމަކީ ރަށުގެ ފަޅުގެ ދަތިކަން ރައީސަށް އަންގާދިނުމެވެ. ޝަފީގުގެ އެ ވާހަކައިން ރޭވިފައި އޮތީ ހަމަ އެކަނި ހިތްދަތިމަސްވެރިން ޓީޝާޓްގައި ޖަހައިގެން ތިބެން ނޫންކަން އެނގެ އެވެ.
"ބޮއްކުރާގައި ރައީސް ބައިންދަވައިގެން ބޮއްކުރާ ކަނބާފައި ރަށާ ދިމާލަށް އައިރު ފުންތަންތަން ދައްކަމުން އެކަކުދިޔަ. އެހެން ނަމަވެސް ރޭވިފައި އޮތް ގޮތައް ބޮއްކާ ގެންގޮސް ތިލަތަނަށް ބީއްސާލި. އެއީ ހަމަ ގަސްތުގައިކުރި ކަމެއް. އެއާއެކު ހިތްދަތި މަސްވެރިން ޖަހާފައި ތިބި ޓީޝާޓްތައް ލައިގެން ތިބި މީހުން ވަގުތުން މޫދަށް ފައިބާ ބޮއްކުރާ ކޮއްޕަންފެށި. އަދި ވަކި ހިސާބަކުން ބޮއްކުރާ ހިއްލައިގެންވެސް ގެންގޮސް ރައީސް އަރާވަޑައިގަންވަން ހަމަޖެހިފައިވާ ފާލަމާ ހަމައަށް ގެންދިޔައީ،" ޝަފީގު ބުންޏެވެ.
ހިތްދަތި މަސްވެރިން ޓީޝާޓްގައި ޖަހައިގެން ރައީސް ވަޑައިގަންނަވާ ތަނަށް ދިޔަ މީހުންގެ އެ މަންޒަރު ސަރުކާރުގެ ވަފުދުގެ ލޮލުގައި އަޅައިގަތެވެ. ކުރިންވެސް ބައެއް މީހުނަށް ހީވެފައި އޮތް ގޮތައް ހިތްދަތި މަސްވެރިން ޖަހާފައިވާ ޓީޝާޓްތައް ލައިގެން ތިބުމަކީ ސަރުކާރަށް ބަލައިގަނެވޭވަރު ކަމަކަށްނުވި އެވެ.
"ރަށަށް ރައީސް މައުމޫނު އެރުމާއެކު އެތަނުން މީހަކު އަންގައިފި އެ ޓީޝާޓްތައް ބާލަން. ރައްޔިތުންނާ ބައްދަލުކުރާ ޖަލްސާއަށް ދާން ޖެހުނީ އެ ޓީޝާޓްތައް ބަލާގެން،"
ޓީޝާޓްތައް ބާލަން އެންގުމުން ވެސް އެންމެ މީހަކު ހުރީ އެ ޓީޝާޓް ނުބާލާށެވެ. އެއީ ކޮންމެ ފަދަ ކަމަކާ ކުރިމަތިލާން ޖެހުނަސް ކުރިމަތިލާން ތައްޔާރަށް ހުރެ ނިކުން ޝަފީގު އެވެ. އޭނާ ޖަލްސާއަށް ދިޔައީ ވެސް އެ ޓީޝާޓްގައި އެވެ.
"އެ ޓީޝާޓްތައް ބާލަން ބުނީމަ އެންމެން ބޭލީ. މަ އެކަނި ހުރީ ނުބަލާ. މަ ބޭނުންނުވީ އެހާ ފަސޭހައިން އެކަން ކުރަން. އެހެންވެ ރައީސް ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާއަށް ދިޔައީ އެ ޓީޝާޓްގައި،"
ޝަފީގު އެރަށުގެ އެހެން މީހުން ފާޅުކުރި އެ ޝުއޫރުގެ ނަތީޖާއަކަށްވީ އެރަށުގެ ފަޅުގެ ދަތިކަން ހައްލުކޮށްދޭނެ އެ ދަތުރުފުޅުގައި ރައީސް މައުމޫނު ވައުދުވެވަޑައިގެންނެވުމެވެ. އެދުވަހު އެތަނުގައި އެކަންވީ ގޮތް ކ.ގާފަރު ސްލީޓް އަބްދުލް ލަތީފުގެ ހަނދާން ވަަރށް ތާޒާކަމާއެކު އެބަ ހުއްޓެވެ.
"ވަރަށް ރީއްޗަށް ހަނދާންވާ އެއްކަމެއް އެބަހުރި. އެއީ ޝަފީގު ލައިގެން އިން ޓީޝާޓަށް އިނގިލި ދިއްކޮށްލާފައި މައުމޫނު ވިދާޅުވި ތިޔ ހިތް ދަތިކަން ފިލުވާދޭނަމޭ. ޝަފީގު އެ ޓީޝާޓްލައިގެން ޖަލްސާގައި އިނީވެސް މައުމޫނަށް ފެންނަ ގޮތައް ސީދާ ޕޯޑިއަމްކުރިމަތީ ކުރީސަފުގައި،" އަބްދުލް ލަތީފު ކިޔާދިނެވެ.
ޝަފީގު ވެސް ބުނި ގޮތުގައި އެއީ އެކަން ހިނގި ގޮތެވެ. އޭނާގެ ވާހަކަ އާއި ރަށުގެ އެހެން މީހުންގެ ވާހަކައާ އެއްވެސް ތަފާތެއް ނެތެވެ. ރަށުގެ ބަނދަރު ހެދި ފަޅު ފުންކުރެވޭނެކަމުގެ އިޝާރާތެއް ރައީސް މައުމޫނު ދެއްވި ވަގުތަކީ ކެރިގެން ކުރިމަތިލި ވަރުގަދަ މަސައްކަތުގެ ނަތީޖާ ފޮނިކަން އިހްސާސްވި ވަގުތު ކަމަށް ޝަފީގު ބުންޏެވެ. އެހެންވެ އެ ޓީޝާޓް ވަނީ އޭނާގެ ހަޔާތުގައި މުހިންމު އެއްޗަކަށެވެ. އެ ހާދިސާއަށް 24 އަހަރުވީއިރު އަދިވެސް އެ ޓީޝާޓް އާކަން މަތީ ފޮރުވާފައި އެ އޮތީ އެހެންވެ އެވެ.
މައުމޫނު އެ ދުވަހު ވައުދުވެވަޑައިގެންނެވި ގޮތައް ޖެހިގެންއައި އަހަރު ގާފަރު ފަޅުފުންކޮށް ބިންހިއްކައި ފުރަތަމަ ފަހަރަށް ބަނދަރު ހެދުނެވެ. އޭރު ރާއްޖޭގައި ފަޅުފުންކުރަން ބޭނުންވާ ކިތަންމެ ރަށެއް އޮތެވެ.
ޝަފީގުގެ އެ މަސައްކަތަކީ ގާފަރުގެ ތަރައްގީއަށްޓަކައި ހިތްވަރުގަދަ ބަޔަކު ކުރި ފާހަގަކޮށްލެވޭ މަަސައްކަތެއް ކަމަށް މިއަދުގެ ޒުވާން މަސްވެރިންނާ ރަށުގެ ރައްޔިތުން ގަބޫލުކުރެ އެވެ.
ދުވަސްތަކެއް ވަންދެން ގާފަރު މައްޝޫރުވެފައި އޮތީ ހިތްދަތި މަސްވެރިން ޖަހައިގެން މައުމޫނު ބަލާން ދިޔަ މީހުންގެ ގޮތުގަ އެވެ. ނަމަވެސް އެއީ ގާފަރުގެ ކޮންމެ ރައްޔިތަކު ފަހުވެރިވާ ކަމެކެވެ. އެ ހަނދާންތައް ވަނީ ގާފަރުގެ ކޮންމެ މީހެއްގެ ހިތުގައި ބިންވަޅު ނެގިފަ އެވެ.
މިއަހަރުގެ މަސްވެރިން ދުވަހު ގާފަރުގައި ބޭއްވި ރަސްމި ޖަލްސާގައި ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ދެއްކެވި ވާހަކައިން ވެސް އެކަން ދޭހަވި އެވެ. ހަމަހިމޭން އެ އިހްތިޖާޖުގެ ހަނދާންތައް މުބައްޝިރު ޖަލީލް ރައީސްގެ ކުރިފުޅުމަތީ ވިދާޅުވިއިރު އެއީ ކޮން ކަމެއްކަން އެރަށުގެ ކޮންމެ މީހަކަށްވެސް އިނގޭނެ އެވެ.
"މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރާއިރު އަޅުގަނޑުގެ ހަނދާނަށް އަންނަނީ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށްއެދި އުފުލި ހަމަހިމޭންކަމުގެ އަޑުގެ ހަނދާންތައް. އޭރުގެ ރައީސުލް ޖުމްޙޫރިއާ އަލްއުސްތާދް މައުމޫނު އަބްދުލް ގައްޔޫމް މިރަށަަށް ވަޑައިގެންނެވި ދުވަހު ފާޅުކުރި ޝުއޫރުގެ ހަނދާންތައް،"
އެ ހަނދާންތައް ޝަފީގާއި އެރަށުގެ ގިނަ ބަޔަކު މިއަދުވެސް ކުރާއިރު އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކަށްވެފައިވާ އެ ޓީޝާޓް ފޮރުވާފައި އަދިވެސް އޮންނަ އޮތުމަކީ އެކަމުގެ ބޮޑުމިން އެނގޭ އެއްސަބަބެވެ. އެ ޓީޝާޓް ފެންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް ތާޒާކަމާއެކު އާވާނެ އެވެެ. އެ ވާހަކަތައް އެރަށުގެ ޒުވާނުން މިއަދު ދައްކަނީ އެއީ ކެރޭ ހިތްވަރުގަދަ ބައެއްކަން ސާބިތުކޮށްދޭށެވެ. އެއީ އެއްކަލަ ހިތްދަތިމަސްވެރިން ޖަހައިގެން ނިކުން މީހުންނޭ ބުނާ ގޮތަށެވެ.