Last Updated: November 27, 13:24
Wednesday, November 27, 2024
މުނިފޫހިފިލުވުން

"މެޑަމް ޖީ" ހުވަފެނީ ކާސްޓިންއަކަށް!

ކުޅަދާނަ ޑައިރެކްޓަރު މަދުރު ބަންދާކަރުގެ މި ފަހަރުގެ ފިލްމަކީ ވެސް އަންހެނުންގެ ތީމަކަށް ހަދާ ފިލްމެކެވެ.

މިއީ އާ ކަމެއް ނޫނެވެ. އޭނާ މިހާތަަނަށް ގެނެސް ދިން ހުރިހާ ފިލްމެއްގައި ވެސް ޕްރޮޓެގޮނިސްޓުންނަނީ ބަތަލާއިންނެވެ. މާނައަކީ އެ ފިލްމެއް އަބަދު ވެސް ވަށައި އެނބުރޭނީ އަންހެން ކެރެކްޓާއެއްގެ މައްޗަށެވެ.

މި ފަހަރު ވެސް ހަމަ މި އޮތީ އެކަހަލަ ފިލްމެކެވެ. އެކަމަކު މި ފަހަރު އެއް ބަތަލާއެއް ނޫނެވެ. ތިން ބަތަލާއިންނެވެ.

އަނެއްކާ އެއީ އާދައިގެ ބަތަލާއިންނެއް ވެސް ނޫނެވެ. ނިކަން ބަލައިލަމާ ހިނގާށެވެ. ފިލްމުގެ ނަމަކީ "މެޑަމް ޖީ" އެވެ. ވާހަކަ އެނބުރެނީ ސިޔާސީ ލީޑަރަކަށް ބަދަލުވާ ބަތަލާއިންގެ މައްޗަށެވެ.

ފިލްމުގެ މުހިއްމު ތިން ރޯލަށް ޕްރިޔަންކާ ޗޯޕްޅާ އާއި ވިދިޔާ ބާލަން އަދި ދީޕިކާ ޕަދްކޯން ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މި ތިން ދަރިންނަށް ބަލާ އިރު ވިދިޔާ އާއި ދީޕިކާ މިހާތަނަށް މަދުރުގެ ފިލްމެއްގައި ހަރަކާތްތެރިވެފައެއް ނުވެ އެވެ. އެކަމަކު ޕްރިޔަންކާއަކީ މަދުރުގެ އެންމެ ކާމިޔާބް ފިލްމް "ފެޝަން" މައި ބަތަލާ އެވެ. އޭނާ ވަނީ އެ ފިލްމް ކުޅެގެން އެންމެ މޮޅު ބަތަލާގެ ގައުމީ އެވޯޑް ވެސް ހޯދައިފަ އެވެ.

ވިދިޔާއަކީ ވެސް ގައުމީ އެންމެ މޮޅު ބަތަލާގެ ގައުމީ އެވޯޑް ހޯދާފައިވާ ތަރިއެކެވެ. އެއީ "ޑާޓީ ޕިކްޗަ" އިންނެވެ.

އަނެއްކޮޅުން ދީޕިކާއަކީ 2013 ވަނަ އަހަރު ޖެހިޖެހިގެން ބޮޑު ހަތަރު ބްލޮކްބަސްޓާ ގެނެސް ދިން ކުޅަދާނަ ތަރިއެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަދުރު މިހާރު އަންނަނީ ބޮލީވުޑްގެ މިހާރު އެންމެ ނުފޫޒް ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ އާއި ދީޕިކާ އަދި ވިދިއާ އާ އެކު މީޓިންތައް ބާއްވަމުންނެވެ.

އެެހެން ނަމަވެސް މި އިން އެއްވެސް ތަރިއަކު އަދި ފިލްމަށް ސޮއި ކުރި ކަމެއް ކަށަވަރެއް ނުވެ އެވެ.

އެކަމަކު މި ތިން ތަރިން އެއް ފިލްމަކުން ބަލާލަން ފުރުސަތު ލިބުމަކީ ގިނަ ބަޔަކަށް ހުވަފެނީ ކަމަކަށް ވާނެ އެވެ.

އެހެންވެ މިހާރު އުފެދޭ ސުވާލަކީ މަދުރަށް މިކަން ހަގީގަތަކަށް ހަދައި، މި ހުވަފެނުގައި ކުލަ ޖެއްސޭނެތޯ އެވެ؟

ވާ ގޮތެއް ނިކަން ބަލަން އަދި މަޑުކޮށްލަމާ ހިނގާށެވެ. އެނގޭ ކަމަކީ ބޮލީވުޑްގެ ގިނަ ތަރިންނަކީ އަބަދުވެސް މަދުރުގެ ފިލްމަކުން ފުރުސަތެއް ލިބުން އެދިއެދި ތިބޭ ބަތަލާއިން ކަމެވެ.

"މެޑަމް ޖީ" އަދި ސްކްރިޕްޓިންގެ އެންމެ ފަހު މަރުހަލާގައި ވެސް މެ އެވެ. މި ފިލްމް ޝޫޓް ކުރާނީ އުއްތަރު ޕްރަދޭޝްގަ އެވެ.

މަދުރު އެންމެ ފަހުން ގެނެސް ދިނީ ކަރީނާ ކަޕޫރު ލީޑް ރޯލް ކުޅުނު "ހިރޮއިން" އެވެ.

އެހެން ނަމަވެސް މި ފިލްމަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.