ކުރީގެ ރައީސް އަބްދުﷲ ޔާމިނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެސް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހަމަދު ޝަރީފު އަނެއްކާވެސް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން އުޅުއްވަނީ ތަންދޮރު ނުދަންނަ ޖާހިލެއް އުޅުއްވާ ގޮތައް ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހަމަދު ޝަރީފު ބަހުގެ ހަމަލާތައް ދެއްވަން ފެއްޓެވީ ރޭ އެމަނިކުފާނު ޝަރީފަށް ރައްދު ކުރައްވާ ދެއްކެވި ވާހަކަތާ ގުޅިގެންނެވެ.
ރައީސް ޔާމިން ދެވަނަ ދައުރަކަށް އިންތިހާބުވުމުގެ ފުރުސަތު ގެއްލުނު ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސަށް ހުންނެވި ޝަރީފަށް ނިސްބަތްކޮށް އެމަނިކުފާނު ވިދާޅިވީ އެއީ "ހާއިނުންގެ ތެރެއިން އަރާހުރި ހާއިނެއް" ކަމަށެވެ.
ކޮތަރުކޮށީ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވާހަކަދައްކަމުން ވިދާޅުވީ ރާއްޖެ އަޅުވެތި ކަމަށް ގެންދަން މަސައްކަތް ފެށީ 2018 ވަނަ އަހަރު ކަމަށެވެ. އެގޮތުން އެ އަހަރުގެ ރިޔާސީ އިންތިހާބުން އެމަނިކުފާނު ބަލިނުކުރެވޭނެކަން ޔަގީންވި ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށި ކަމަށާއި މީގެ ހަގީގަތަކީ އެއީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް. އެކަމަކު މިއީ މި ދެންނެވި މީހުންގެ ތެރޭގައި ހުރި ހާއިނުންގެ ތެރެއިން އަރާހުރި ހާއިނެއް. އެނގޭނެ ކަންތައް ހިނގާދިޔަ ގޮތް." ޔާމީން ވިދާޅުވި އެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދަތި ކަމަށްވެސް ޔާމީން އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވެ އެވެ.
Izzaitheri Raees, Mee manikfaanu minivan kurumah SC ge 3 fandiyaarun ithifaagun kohafai vaa hukumuge baeh, mikamah ves 3 fandiyaarun ithifaagu vey, mi kiyaaleema manikfaanakee nazaahaitheri gelli faa beyfulheh kan saafu vey pic.twitter.com/KMJBGze0k1
— Ahmed Shareef (@ShareefRangondi) December 11, 2021
އެ ވާހަކަތަކަށް ރައްދު ދެއްވާ މިއަދު ކުރެއްވި ތިން ވަނަ ޓުވީޓްގައި ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާއާ ގުޅުގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ކިޔާލުމުން އެމަނިކުފާނުގެ ނަޒާހަތްތެރިކަން ގެއްލިފައިވާ މިންވަރު އެނގޭނެ ކަމަށެވެ.
ޝަރީފުގެ ޓުވީޓްގައި ހިމަނުއްވާފައިވަނީ ރައީސް ޔާމީން މަނީލޯންޑަރ ކުރިކަމަށްބުނާ ފައިސާ ރައީސް ޔާމިންގެ އެކައުންޓަށް ވަނުމަށްފަހު އެމަނިކުފާނު އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ހުކުމުގެ ބައެވެ.
އޭގައިވާ ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއާމެދު އެމަނިކުފާނު އަމަލު ކުރައްވާފައިވަނީ އަމަލުކުރަން ޖެހޭ ގޮތައް ނޫން ކަމަށެވެ. އަދި އެ ފައިސާއާ ރައީސް ޔާމީން އެކައުންޓަށް ޖަމާވުމުން އެ މައްސަލަ ފުުލުހުންގެ ތަހްގީގުކުރާކަން އެނގި ހުންނަވައި، އެ ފައިސާއިން އިންވެސްޓްކުރެއްވުމަކީ ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމަށެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދަތި ކަމަށް ޔާމީން ވިދާޅުވެފައިވާއިރު އިންތިޚާބުން ބަލިވުމުން ޔާމީންގެ ފަރާތުން އިންތިޚާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށައެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، ޔާމީންގެ ފަރާތުން ހުށައެޅި ހުށައެޅުންތަކުގައި އިންތިޚާބު ބާތިލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ނިންމައި އިންތިޚާބު ބާތިލުނުކުރެވޭނެ ކަމަށް ހުކުމް ކޮށްފައެވެ.